ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ އެމްޓީސީސީންނެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ.
މި މަޝްރޫޢުގެ ދަށުން، 18،873 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 1،975 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މޮބިލައިޒްކުރެވުނު މި މަޝްރޫޢަކީ 28.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

