ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔުންތަކެއް ދޫކޮށްފައި ނުވާތީ، ދައުވާތަކަށް ތައްޔާރުވާން ރައީސް ޔާމީނަށް އިތުރު ފުރުސަތެއް!

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ ބައެއް ލިޔުންތައް ދޫކޮށްފައި ނުވާތީ ވީޑިއޯތައް ދިރާސާކޮށް، ތައްޔާރުވާން އިތުރު ފުރުސަތެއް ދީފިއެވެ.

މިއަދުގެ ޝަރީއަތް ފައްޓަވައިދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ލިޔެކިއުންތައް ލިބިފައި ނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާފައިވާތީ، އޯޑިއޯ އަދި ލިޔެކިއުންތައް ލިބިފައިވޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ރައީސް ޔާމީންގެ ވަކީލް ޑރ. ޖަމީލް އަހުމަދު ވިދާޅުވީ، ނެތް ލިޔެކިއުންތަކުގެ ތަފްސީލުތައް ލިޔުމުން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ލިޔެކިއުންތައް ލިބިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ބޭނުންވެގެން ހުށަހެޅި ބައެއް ލިޔެކިއުންތައް ދޫކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށާއި، އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ ދިފާއަށް އެހާ މުހިންމު ނުވާތީ ކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުގައި ވާ ގޮތުގެ މަތީން، ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގައި ދިފާއަށް ބޭނުންވާ ކޮންމެ ލިޔެކިއުމެއް ދޫކުރެވެން ވާނެ ކަމަށް ޖަމީލް ފާހަގަ ކުރިއެވެ.

“އަދި އަޅުގަނޑު މުޅި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ރޫހަށް ބަލާކަމުގައި ވާނަމަ، 137 ވަނަ މާއްދާގައި ވެސް ވާގޮތުގެ މަތީން ވަކި ލިއުމަކީ އެއީ ހެއްކެއް ކަމުގައި ވީ ނަމަވެސް، އެއީކީ ކޮންމެހެން އެ ހެކި ޝަރީއަތަށް ހެކީގެ ގޮތުގައި ބަލައިގަތުމާއި ނުބަލައިގަތުމުގަ އޮންނަ ހާލަތުގައި ވެސް ދިފާއަށް އެދިއްޖެކަމުގައި ވާނަމަ އެ ލިޔެކިއުން އެއީ ހަގީގަތުގައި ދޭންޖެހޭ ލިޔެކިއުންތަކުގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން” ޖަމީލް

ލިޔެކިއުންތައް ދޫނުކުރަންޖެހޭ ސަބަބެއް ނެތްކަން ފާހަގަކޮށް، ޖަމީލް ވިދާޅުވީ 132 ވަނަ މާއްދާގެ ދަށުން ދައުވާގެ ދިފާއަށް ބިނާ ކުރަންވާ ގޮތް އެނގިވަޑައިގަންނަވާނީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ނޫން ކަމަށެވެ. އަދި އެއީ މައްސަލަ ތުހުމަތުވާ ފަރާތުން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ޖަމީލް ވިދާޅުވިއެވެ.

ގިނަ ޝަކުވާތަކެއް ހުށަހަޅުއްވާ ޖަމީލް ވަނީ، މައްސަލައަށް ރަނގަޅަށް ތައްޔާރުވެ ދައުލަތުން ހުށަހަޅާ ކަންކަމަށް ރައްދު ދެވެން އޮތީ ވެސް ލިޔެކިއުންތައް ލިބިގެންކަން ފާހަގަ ކުރައްވާފައެވެ. ދައުލަތުން މި ލިޔެކިއުންތައް ހިފަހައްޓަނީ ގަސްތުގައި ކަމަށާއި، މައްސަލައިގައި ރަނގަޅަށް ޖަވާބުދާރީ ވެވޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް ޖަމީލް އެދިވަޑައިގެންނެވި އެވެ.

ޖަމީލް ވިދާޅުވީ ނުދީ ހިފަހައްޓާފައި ވަނީ މުހިންމު ލިޔެކިއުންތަކެއް ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ދައުވާ ކުރުމުގެ ނިޒާމު ސިޔާސީ ބޭނުމަކަށް ނަހަމަގޮތުގައި ބޭނުން ކުރެވިއްޖެނަމަ ގާނޫނީ ބާރާއި މެދު އާއްމު ރައްޔިތުންގެ މެދުގައި އޮތް ގަބޫލު ކުރުމަށް ލޮޅުން އަރާނެ ކަމަށް 2010 ވަނަ އަހަރު ހައިކޯޓުގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިންސާފު ޖަވާބު ދާރީ ނުވެވޭނެ ގޮތަކަށް ދައުވާ އުފުލައިގެން ނުވާނެ ކަމަށް އެ ގަޒިއްޔާގައި ވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

“އިއްޒަތްތެރި ފަނޑިޔާރު، އަޅުގަނޑުމެން މިއަދު މި އެދޭ ލިޔެކިއެންތަކުގައި ވަރަށް މުހިންމު ލިޔެކިއުންތަކެއް އެބަ ހިމެނޭ. މީގެ ތެރޭގައި ހިމެނިފައިވާ ބައެއް، ރިޕޯޓުތަކާއި ގުޅިފައި ހުރި ލިޔެކިއުންތަކަކީ އެއީ، އެ ލިޔެކިއުންތައް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް ޖަވާބުދާރީ ވެވެން ނެތް ލިޔެކިއުންތަކެއްގެ ގޮތުގައި ދަންނަވަން” ޖަމީލް

މި މައްސަލައަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، މުހިންމުވެފައި މުހިންމު ނޫނީ ކޮން ލިޔެކިއުންތަކެއްކަން ކަނޑައަޅާނީ ދައުލަތުން ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ކަންބޮޑުވުންތަކަށް ފަހު، ގާޒީ ވަނީ މައްސަލަ ރައްދުވާ ފަރާތާއި ލިޔެކިއުންތައް ހަވާލުވެފައި ނުވަނީ ކީއްވެގެންތޯ ދައުލަތާއި ސުވާލު ކުރައްވާފައެވެ. އަދި ކޮންމެ އަޑުއެހުމެއް ލިޔެކިއުންތައް ބަދަލު ކުރުމަށް އެންގުމުން ވެސް އެގޮތަށް އަމަލު ނުކުރަނީ ކީއްވެގެން ތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ދައުލަތުގެ ފަރާތުން، ބުނެފައިވަނީ ރައީސް ޔަމީންގެ ފަރާތުން ސިޓީ ލިބިފައިވާ ކަމަށާއި، އަދި އޭގައި ލިބިފައި ނުވާ ލިޔެކިއުންތަކުގެ ތަފްސީލްވެސް ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެގެ ތެރެއިން ބައެއް ލިޔުންތައް ދޫކުރެވެން ނެތް ސަބަބު ތަފްސީލުކޮށް އަންގާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތުން ދޭން އެދިފައިވާ ލިޔެކިއުންތަގެ ތެރޭގައި ސިއްރު ކުރުމަށް އެދިފައިވާ ލިޔުންތަކާއި މައްސަލަ ހުށަހެޅި ފޯމު، އަދި މައްސަލައިގެ އިދާރީ ލިޔެކިއުންތަކުގެ އިތުރުން ތަހުގީގަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ވަނަވަރު ބޭނުންކަމަށް ރައީސް ޔާމީންގެ ފަރާތުން އަންގާފައިވާ ކަމަށެވެ. މިއީ ދޫނުކުރެވޭނެ ލިޔެކިއުންތައްކަން ފާހަގަކޮށް ދައުލަތުން ވަނީ، އެ ނޫން ހުރިހާ ލިޔެކިއުމެއް ދޫކޮށްފައިވާނެ ކަމަށް ބުނެފައެވެ.

މި ލިޔެކިއުންތައް ދޫކުރެވެން ނެތް ސަބަބު، ލިޔުމުން ކޯޓަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި މައްސަލަތަކުގައި ބަޔާން ދޭ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ދައުލަތުން ދޫނުކުރާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރި ޗެކް ޖަމާކުރި ސްލިޕްގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކާއި، ސީޑީ ވެސް ދައުވާ ލިބޭ ފަރާތަށް ރައްދުކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އެ މީހަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާއެއް ނުވަތަ މުވައްސަސާއެއްގައި ރައްކާކުރެވިފައިވާ މައުލޫމާތެއް، އޮންނަ އުސޫލެއްގެ ތެރެއިން ދޫކުރަން ޖެހޭނެ ކަމަށެވެ. އަދި ދައުވާ އާއި ގުޅިގެން، އެ ފަރާތުގެ ލިޔުމެއް ދައުލަތުގެ އިދާރާއެއްގެ ބެލުމުގެ ދަށުގައި ހުރިނަމަ މައުލޫމާތު ހޯދުމާއި ލިޔެކިއުން ހޯދުމުގެ ގާނޫނުގެ ދަށުން އެ ލިބެން ޖެހޭނެ ކަމަށެވެ.

އެއާއި އެކު ރައީސް ޔާމީންގެ ވަކީލް ޝިޔާޒް ވެސް ވިދާޅުވީ، ލިޔުންތައް ދޫނުކުރުމުން ވަކީލުން އެ ނުކުތާ ހުށަހެޅި ކަމަށެވެ. އަދި ދައުލަތުން ވިދާޅުވާ ލިޔުންތައް ލިބިފައި ވީނަމަވެސް، ލިޔުންތައް ވަރަށް ނުސާފު ކަމަށާއި، އޭ ލިޔުމުގެ ސާފު ކޮޕީއެއް ބޭނުންވާކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ގާޒީ ވަނީ އެ ސީޑީ ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ.

މައްސަލަ ކުރިޔަށް ގެންދިއުމަށް އިތުރު ވަގުތު ދީ، ގާޒީ ޝަކީލް ވިދާޅުވީ ލިޔުންތައް ދިރާސާ ކުރަން 15 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުންތައް އަދިވެސް ކުރިޔަށް ނުގެންދެވޭ ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާތީ އެކަމުގެ މައުލޫމާތުތައް ކޯޓާއި ހިއްސާކުރުމަށް ގާޒީ އެންގެވިއެވެ.

މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުއެވެ. އެއީ އިބްތިދާއީ އަޑުއެހުމެކެވެ. އަދި އޭގެ ކުރިން ލިޔެކިއުން ނުލިބޭނަމަ، ކޯޓަށް ހުށަހަޅަން ގާޒީ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު، އަޑުއެހުންތައް ނިމި މައްސަލަ މިހާރު އޮތީ ހުކުމް އިއްވުން މަރުހަލާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: