ވަކިވަކި ފުލުހުންގެ މައްސަލައަށްވުރެ މުޅި މުއައްސަސާގެ އިހުމާލު މާ ބޮޑުކަން ހާމަވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔޮތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލާމަތީ ޚިދުމަތްތަކާއި ގުޅޭ ކޮމެޓީއިން ހުށައެޅި މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފުލުހުންނާއި ގުޅޭގޮތުން އާންމު ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް އަދިވެސް ނިމުމެއް ނާންނަކަމަށެވެ. އެގޮތުން އާންމު ރައްޔިތުންނާއި ބައްދަލުވުމުން، އަދިވެސް ފުލުހުންގެ އެކި ޝަކުވާތައް އަންނަކަމަށާއި އަދި ޝަކުވާތައް އަޑުއެހުމުން މިއުޅޭނީ ވަކި ފުލުހުންގެ މައްސަލަތައް ނޫންކަމާއި، މިއީ މުޅި އިދާރާގެ މައްސަލައެއްކަން ހާމަވާކަމަށް މެމްބަރު ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންނަކީ އޭރުގައި ހުރި ރަސްގެފާނު ސަލާމަތްކުރުމަށް ކުދި އަދި ބޮޑު ބޭކަލުންނާއި ރަށު ތެރޭގައި ތިބި ވަރުގަދަބަޔަކު ލައިގެން ހެދި މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި އޭރު އެވެރިކަން ނުވަތަ ރަސްކަން ދިފާއުކުރެއްވުމަށް މަސައްކަތްކުރަން ފެށި އުސޫލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ސިފައިންނާއި ފުލުހުންގެ މުއައްސަސާ އެއަށްފަހުވެސް އޮތީ އޭރެއްގައި އޮންނަ ވެރިކަމެއް ނުވަތަ ރައީސަކު ދިފާއުކުރާ އިދާރާތައް ގޮތަށްކަމަށް ވިދާޅުވިއެވެ.
”ގާނޫނު އަށާސީގެ 239 މާއްދާގެ (ށ)އަކީ ރަމްޒީގޮތުން ލިޔެލާފައި އޮތް އެއްޗެއްނޫންކަން މަޖިލީހުން ވަކީން ޚާއްްސަކޮށް ސަލާމަތީ ކޮމެޓީއިން ސާބިތކޮށްދީފި. ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގޭނެކަމަށް ގާނޫނު އަސާސީގައި އޮންނައިރު، އަޅުުގަނޑަށް ހީވަނީ އަދި ކިރިޔާހެން ގަނޫނު އަސާސީ ވުޖޫދަށ ްއައުމަށް މި ކޮމެޓީ އެކްޓިވޭޓް ކޮށްގެން މިމާއްދާއަށް އަމަލު ކުރަން މިފެށީ.“ އަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މިނިވަންކަމާއި ސުލްހަވެރިކަމާއި އަމާންކަމަށް މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގޮތުގައި ގިނަ ބަޔަކު މިމުއައްސަސާތައް ނުދެކޭ ކަމަށެވެ. އަދި ޚުދު އެބޭފުޅާއަށްވެސް އެހެން ދަންނަވަން ނުކެރޭނެކަމަށް ވިދާޅުވިއެވެ.
ޚާއްސަކޮށް ފުލުހުންގެ މުއައްސަސާ އިސްލާހުވަމުންދާ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަކަމަށާއި އެހެންނަމަވެސް، ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ނާންނަކަމަށް ވިދާޅުވިއެވެ. އުންމީދީ މަންޒަރުތަކެއް ފެންނަކަން ފާހަގަކުރައްވައި، މެމްބަރު އަލީ ހުސެއިން ވަނީ މަޖިލީހުގެ ސަލާމަތާއި ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ކުރައްވަމުންދާ މަސައްކަތް ފާހަގަކޮށް، ހެޔޮ ނަތީޖާއެއް ފެންނާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

