ވަޒީފާ އަށް އަސަރުކޮށް، ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ނިޔަލަށް ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. މި އެލަވަންސް މިހާތަނަށް 11,814 މީހަކަށް 143.8 މިލިއަން ރުފިޔާ ދީފައިވެ އެވެ. މިހާތަނަށް 33,763 ބުރެއްގެ މަތިން އެލަވަންސް ދީފައިވެ އެވެ.

