ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ތަފާތުކުރުމެއްނެތި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ޙައްޤުތައް، ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރުގެ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ބައްދަލުކުރީ، މުޅި ދުނިޔެއަށް ބޮޑު ޤުދުރަތީ ކާރިޘާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައިކަމަށާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންސާނީ އެތައް ޙައްޤުތަކަކުން މަޙްރޫމްވެފައިވާ ކަމުގައެވެ. އެގޮތުން، ރާއްޖޭގައިވެސް، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުން ފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެޙައްޤުތައް ލިބެމުންނުދާ އެތައް ބަޔަކު ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށް ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކަމުގައެވެ. އަދި، ބައިނަލްއަޤްވާމީ މުޖްތަމަޢު އިހު އޮތް ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި، ކޯވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް، ފަޤީރު ޤައުމުތަކާއި ކުރިއަރާފައިވާ ޤައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، އުޞޫލެއް ޤާއިމުކުރެވެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، އެބައްޔާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ މި ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީނާއި އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ މެދުގައިވެސް ތަފާތުކުރުމެއް ނެތި، ދިވެހި ދައުލަތުގެ ފަރާތުން ޢަމަލުކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޡާބު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެންވެސް ތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިކަމަށާއި، ކޯވިޑްގެ ސަބަބުން ޢާއިލާތަކަށާއި މުޖްތަމަޢަށް ކުރިމަތިވެފައިވާ، ޞިއްޙީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމުގައެވެ. އަދި، މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: