ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހްގެ އިންޑިއާ ދަތުރު: ކެނޑިޑެސީ ދޭނީ ސޯލިހަށްތޯ، ނަޝީދަށްތޯ، ޝާހިދަށްތޯ ނިންމާނެ ދަތުރު! 

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ފުރައިވަޑައިގަންނަވާނެއެވެ.

އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް އިންޑިއާއަަށް ރައީސް ސޯލިހް ކުރައްވާ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވުން ފިޔަވައި މިދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުގައި ދުނިޔެ މިއޮތީ އިޤުތިސޯދީ ކާރިސާއެއްގެ ތުންފަތްމަތީގައެވެ. ރާއްޖެއަށް ވެސް ބޮޑު ތަދެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ހުދު އެމަނިކުފާނު ވަނީ ދެއްވާފައެވެ. އެތަދުން ސަލާމަތްވުމަށް މިސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ މުހިއްމު އެއްނިންމުމަކީ ދައުރުގެ ބާކީ މިއޮތް ދޮޅު އަހަރުތެރޭގައި ސަރުކާރުން އެއްވެސް އާމަޝްރޫއެއް ނުފަށާނެއެވެ. ކުރިން ބަޖެޓް ހަމަޖެހި، ފައިސާ ލިބިފައި ނެތް މަޝްރޫއެއް ވިއްޔާ ދެން އަލުން ލޯނު ނަގައިގެން ނުވަތަ އެނޫން ގޮތަކުން ވެސް ކުރިއަކަށް ނުގެންދާނެއެވެ.

އެހެންކަމުން ރައީސް ސޯލިހް ދަތުރުފުޅުގައި އާމަޝްރޫއުއަކަށް އިންޑިއާގެ ހިލޭ އެހީ ނުވަތަ ލޯނު ހޯދުން އެއީ އެޖެންޑާގައި އޮންނާނެ ކަމެއް ނޫންކަން މިހާރު ވެސް ވަރަށް ބޮޑަށް ސާފެވެ.

ނަމަވެސް މިއީ ހަތަރު ދުވަހުގެ ރަސްމީ މަޝްވަރާތަކަށް ވުރެ މާބޮޑެތި ކަންކަން ނިމިގެންދާނެ ދަތުރުފުޅެއްކަން ވަށައިގެން ހިނގަމުންދާ ކަންކަމުންނާއި ކުރިއަށް އޮތްތަނުގައި ކުރަން ތާވަލް ކުރެވިފައި ހުރި ކަންކަމުން ވަރަށް ސާފެވެ.

ފުރަތަމަ ކަމަކަށް ރައީސް ސޯލިހްގެ ދަތުރުފުޅުގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ކަނޑުގެ ސިފައިންގެ އިސްވެރިޔާ އެޑްމިރަލް އާރް. ހަރީ ކުމާރު އާއި ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަކީ ރައީސް ސޯލިހްގެ ދަތުރުފުޅުގައި އަނެއްކާވެސް ގޮތް ނޭންގޭ އެއްބަސްވުމަކުން ރާއްޖެ އިންޑިއާގެ “ދަގަނޑު ދަހަނާއަކުން” ބަނދެވިދާނެ ކަމުގެ ނިޝާނެކެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅަކީ އިންޑިއާގެ އަސްކަރީ ބާރު ރާއްޖެއަށް އިތުރަށް ފުޅާކޮށް ރަސްމީކޮށް ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭސްއެއް ގާއިމު ކުރުމުގެ ރަސްމީ މަޝްވަރާތައް ނިންމައި، އެކަން ކޮޅެއްގައި ޖައްސާނެ ދަތުރުފުޅަކަށްވުން އެއީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ. ސަބަބަކީ އެފަދަ އެއްބަސްވުމެއް މިހާރު ގާއިމު ކުރެވިއްޖެނަމަ އެއީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާނެ އެހީތައް “ނުކިއްސަރު މަގަކުން” ލިބެން އޮންނަ ފުރުސަތަކަށް ވުމެވެ.

ދެން އޮތް ސުވާލަކީ ރައީސް ސޯލިހްގެ ދަތުރުފުޅު އޮގަސްޓް މަހުގެ 01 ވަނަ ދުވަހަށް ތާވަލްވީ ކީއްވެ ހެއްޔެވެ؟ އެދަތުރުފުޅު ސެޕްޓެމްބަރ މަހަށް ފަސް ނުވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ރައީސްގެ ދަތުރުފުޅުގެ ރަސްމީ އެޖެންޑާ އިން ފެންނަން ނެތް ނަމަވެސް މިދަތުރުފުޅުގެ އެންމެ މުހިއްމު އެއް މަޝްވަރާއަކަށް އޮންނާނީ އެމްޑީޕީގެ ކޮންގްރެސްގައި ނިންމަން ޖެހޭ ނިންމުންތައް ކަމަށް އިންޑިއާ ސަރުކާރަށް ފެންނަ ކަންކަން ރަސްމީކޮށް ރައީސް ސޯލިހަށް ހުށަހެޅުމެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލުމަށް އިންޑިއާގެ ތާއިދު އެބައޮތްކަން ނުވަތަ ނެތްކަން ނުވަތަ އިންޑިއާގެ ކެންޑިޑޭޓަކީ އަބްދުﷲ ޝާހިދުކަން ނުވަތަ ރައީސް  ނަޝީދުކަން ނުވަތަ ނޫންކަން މިދަތުރުގައި ރަސްމީކޮށް ރައީސް ސޯލިހަށް އިންޑިއާ އިން އަންގާނެ ކަމަށް ބެލެވެއެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕްރައިމަރީއަކުންކަން ނުވަތަ ނޫންކަން ވެސް އިންޑިއާ އިން މިދަތުރުގައި ރައީސް ސޯލިހަށް އަންގާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީ ޕްރައިމަރީގެ މަޝްވަރާއަކީ ރައީސްގެ ދަތުރުުފުޅުގައި ނުކުރާނެ މަޝްވަރާއަކަށްވިނަމަ ރައީސް ސޯލިހްގެ ދަތުރުފުޅު އޮންނާނީ ސެޕްޓެމްބަރ މަސް ފެށުނީމައެވެ. ނުވަތަ މިމަހު ފަހުކޮޅު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ފަހުއެވެ. އެމްޑީޕީގެ ކޮންގްރެސްގެ ކުރިއަށް ރައީސް ސޯލިހާއި އަދި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިންޑިއާއަށް ވަޑައިގަތުމަކީ މިއީ ޑިޕްލޮމެޓިކް ދަތުރަކަށްވުރެ ސިޔާސީ ދަތުރެއް ކަމުގެ ނިޝާނެކެވެ.

ރާއްޖޭގެ ދާހިލީ ކަންކަމަށް އިންޑިއާގެ ނުފޫޒު އޮންނަ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އެކަމުގެ ހެކިތައް ވެސް ފުލުފުލުގައި ފެންނަން ވެސް އެބަހުއްޓެވެ. އެމްޑީޕީގެ ކޮންގްރެސްގައި ނިންމަން ޖެހޭ ކަންކަން އިންޑިއާ ސަރުކާރުން ރައީސް ސޯލިހަށް ކިޔައިދީ އެގޮތައް ކަންކަން ނިންމަން ރައީސް ސޯލިހް އެއްބަސްވުމަކީ އަނެއްކާވެސް އިންޑިއާގެ އިތުރު ދަގަނޑު ދަހަނާއަކުން ރާއްޖެ ބަނދެވިގެން ދާނެ ކަމެކެވެ.

ސުވާލަކީ މިފަދަ އެތައް މަޖުބޫރުކުރުންތަކެއްގެ އަޅަކަށް ވެވަޑައިގެން ރައީސް ސޯލިހް ދެވަނަ ދައުރެއްގެ ރައީސްކަން ހޯދަން ނިކުންނަވާއިރު ދެން ކުރިމަތިވާނެ ކަންކަން އެމަނިކުފާނަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އަރަބިންނަށް ރަބީއުގެ އިންގިލާބު އަންނަން ތިރީހަކަށް އަހަރު ނެގިއެވެ. ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް އެފަދަ އިންގިލާބެއް ގެންނަން ދިވެހި ރައްޔިތުންނަށް ވެސް އޭރު އެހައި ގިނަ ދުވަސް ނެގިއެވެ. ނަމަވެސް މިއަދު ހުޅުވިފައި މިއޮތް މާހައުލުގެ ތެރޭގައި ރަބީއުގެ އިންގިލާބެއް އަންނަން ރާއްޖެއަށް ތިރީސް އަހަރެއް ބޭނުމެއް ނުވާނެއެވެ. ނަޝީދުގެ ވެރިކަން ވައްޓާލަން މުޒާހަރާ ކުރަން ޖެހުނީ 21 ދުވަހު އެވެ. މިއަދު އަދި ވެރިކަމެއް ވައްޓާލަން އެވަރުގެ މުޒާހަރާއެއް ވެސް ކުރަން ނުޖެހިދާނެއެވެ. އިހަށްދުވަހު ސްރީލަންކާގެ ބާރުގަދަ ރާޖަޕަކްސަ އާއިލާގެ ވެރިކަން ވެރިކަން ވެއްޓުނީ ވަރުގަދަ މުޒާހަރާއެއް ފެށިތާ ތިން ދުވަސް ތެރޭގައެވެ.

އިޤުތިޞާދީ ތަދުމަޑުކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓި، ބޭރުގެ ގައުމަކުން ރާއްޖޭގެ ހުރިހާ ސިޔާސަތެއް ކޮންޓްރޯލް ކުރަން ފަށައި، ދިވެހިން ބަނޑަށް ޖެހޭ ހިސާބަށް ގޮސް މިނިވަންކަން ގެއްލޭ ކަމުގެ އިހްސާސް ކުރެވެން ފަށައިފިނަމަ 21 ދުވަހުގެ ބަދަލުގައި 21 ގަޑިއިރުން ނުވަތަ 21 މިނެޓުން ވެސް ރާއްޖޭގެ ވެރިކަން ބަދަލުވެދާނެއެވެ. އެދުވަހަކުން އިންޑިއާގެ ދަގަނޑު ދަހަނާގެ ނިވަލުގައި ރައީސް ސޯލިހަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ހީކުރާނަމަ އެއީ ވަރަށް ތާކުންތާކު ނުޖެހޭ ހީކުރުމެކެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މި ދަތުރުގައި ސޯލިހު ތަނާޒުލުވެ ޝާހިދަށް މަގު ފަހިކުރުމަށް ރާއްޖޭގެ ވަލިއްޔުލް އަމްރު އަލްމުސްތައުމިރި ސްރީ މޯދީ އަންގަވާނެ ކަމަށް ބެލެވޭ. މިހާރު ސީލިހާ އސންއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުން ހުއްޓުވޭނެ ގޮތަކީ މި 2 މީނުގެ ދެމެދުގަ ނިއިޓުރަލްވެ، އިންޑިއާ ބޭނުންވާ 3 ވަނަ ފަރާތަކާ މާލްދީޕްގެ ރިޔާސަތު ހަވާލު ކުރުންކަމަށް މުހައްލިލުން ބުނޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: