ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ވަރަަކަށް ރިޕޯޓު ކުރިޔަސް މޫލާފައި އޮތް ކަމެއް ނުހުއްޓުވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް ކަމަށެވެ. ޒީރޯ ޓޮލަރެންސް ކެމްޕެއިން ފެށި، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބުރުވަރީ 12 ވަނަ ދުވަހު ޤާއިމުކުރި ޕޯރޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މި ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށެވެ. ރައީސްގެ ވާހަކަފުޅުން އެނގުނު ގޮތުގައި، އޭގެ ތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައްވަނީ އެ އިދާރާތަކަށް ހުށަހަޅާފައެވެ. އެގޮތުން 209 މައްސަލައެއް، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައެވެ. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައެވެ. އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ދަނީ ފުލުހުންނާ ޙިއްޞާކުރަމުންނެވެ. އެކަމަކު އެމައްސަލަތަކުގެ އަދަދެއް ހާމަވާކަށް ނެތެވެ.

ހުށަހެޅުނު މައްސަލަތަކުގެ އަދަދު 1081 އަށް އަރާއިރު، އޭސީސީއަށް ހުށަހެޅީ 209 މައްސަލައެކެވެ. ބާކީ 872 މައްސަލަ ހުށަހެޅި އިދާރާއެއް ސާފެއް ނުވެއެވެ. ޖިނާއީ ކަންކަން ހިމެނޭތީ ފުލުހުންގެ އިދާރާއަށްވެސް މައްސަލަތަކެއް ހުށަހެޅި ކަމަށް ވިދާޅުވިއެވެ. އޭގެވެސް ތަފްސީލެއް ނެތެވެ. އޭސީސީއަށް ހުށަހެޅުނު 209 މައްސަލައިގެ ތެރެއިން އޭސީސީން ބަލައިގަތީ 51 މައްސަލައެކެވެ. އޭގެންވެސް ބާކީ 158 މައްސަލަ ބަލައިނުގަތް ސަބަބެއް އޭސީސީންވެސް އަދި އެހެން ފަރާތަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ދެން އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްގެ ޚިތާބުގައިގައި ވިދާޅުވި ބައެއް ވާހަކަތަކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމްލަ 34 މައްސަލައެއް އޭސީސީއަށް ހުށައަޅާފައިވާކަމަށް އެ ޚިތާބުން ފާހަގަވިއެވެ. އެ ޚިތާބުގައިވާ ގޮތުން މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހެއެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިދަނޑުވަޅުގައިވެސް ނާޖާއިޒު ފައިދާ ނަގުންކަން ފާހަގަކުރިއެވެ.

ކޮރަޕްޝަނަކީ، ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއްނެތި ތަހައްމަލް ކުރަންޖެހިފައިވާ ނުރައްކާތެރި ވަބާއެކެވެ. ރައީސްގެ ވާހަކަފުޅާއި އޭސީސީގެ ވާހަކައިންވެސް އެކަން ފާހަގަކުރެއެވެ. ސުވާލަކީ އެކަން ނުހުއްޓުވި ނުބެލިގެން އުޅޭ ސަބަބެވެ. އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު، މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިންފިޔަވަޅު އެޅުންކަމަށްވިޔަސް އެކަންކުރެވޭނެ މަގެއް ނެތެވެ. ނުވަތަ އެއީ ކުރުން މުސްތަހީއްލު ކަމެކެވެ. ސަރުކާރާއި މަޖިލިސް އެތުރިފައި އޮތް ގޮތުންނެވެ. މައްސަލަތައް ރިޕޯޓުކުމުން ނިކުންނަ ނަތީޖާއެއް ނެތެވެ. ޙަގީގަތަކީ އެސީސީއަށް ފެންވަރެއް ނެތް ބަޔަކު ލައިގެން މައްސަލައެއް ނުބެލުމެވެ. އެންމެ ބޮޑު ވައްކަމުން ބައި ނޭޅޭ ސިޔާސީ މީހަކު ހުރިކަމަކަށް ނުވެއެވެ.

ޒީރޯ ޓޮލަރެންސްގެ ވާހަކަ ދައްކާއިރު، ފްލެޓް ތައް ތިބަހާލީ ކިހިނެއްކަން ސިކުޑިއަށް ގެންނަންޖެހެއެވެ. ޝަރުތު ހަމަވެ ރާއްޖޭގެ އެއްވެސް ތަނެއްގައި އުޅޭނެ ތަނެއްނެތި މާލޭގަ 25 އަހަރު ކުއްޔަށް ހޭދަ ކުރެވުނު އިރު، ފްލެޓް އަށް އަދިވެސް އެންމެ އެކަށީގެންވާ ބަޔަކަށް ނުވާ ސަބަބެއް ބުނެއެއް ނުދެވުނެވެ. އެކަންކަންވެސް ނިމިފައިވަނީ ކޮރަޕްޝަނުގެ ތެރެއިންނެވެ. ޒީރޯ ޓޮލެރެންސް ކެމްޕޭނާއެކު ކަރަޕްޝަން ރިޕޯޓްކުރާ މިންވަރު އިތުރުވީއެއް ނޫނެވެ. ޒީރޯ ޓޮލެރެންސް ސަރުކާރުގައި ކަރަޕްޝަން އިންތިހާއަށް އިތުރުވީއެވެ. އެނިސްބަތުން ރިޕޯޓުކުރުންވެސް އިތުރުވީއެވެ. އޮޅުވާ ނުލައްވާށެވެ. ކުރީގެ ސަރުކާރުގައި ކަރަޕްޓް ވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އެކަނިކަމަށް އަދި ނިންމާފައިވަނީވެސް މިސަރުކާރުން ހިންގި ތަހުގީގުތަކުންނެވެ. މިސަރުކާރުގައި ކޮރަޕްޓް ނުވާ ވެރިއެއް، މުއައްސަސާއެއް ނެތެވެ. ކަރަޕްޝަން ހައްދުފަހަނަ އަޅާ ދިޔައީއެވެ. މުޅި ދައުލަތް ދަވާލައިފިއެވެ. އެކަމަކު އަދިވެސް ހަމަ މޮޅު ވާހަކަ ދައްކަވަނީއެވެ.

މި ސަރުކާރަކީ ކަރަޕްޝަން ހައްދުފަހަނައަޅަފައި އޮތް ސަރުކާރެކޭ ބުނާނެ ޖާގަ ތަންމިނަށް އެ ބައޮތެވެ. އެންމެ އާދައިގެ ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމާ ހަމައަށެވެ. ތަނެއް ކުއްޔަށް ދިނަސް އެއްޗެއްގަތަސް ބައި ނާޅާ ގޮތަކަށް އެއްކަމެއްވެސް ނުކުރެވެއެވެ. ކުޑަ މިނުން ހަނޑު ކޮލީއާ، ދަތްކޮށްޓާ އިލޮށިވެސް ގަނެފައިވަނީ ކޮރަޕްޝަން ހިމެނޭ ގޮތަށްކަން އެވަނީ ފަޅާއަރާފައެވެ. ޒީރޯ ޓޮލަރެންސް ވާނީ މިވަރަކަށެވެ. އަނެއްކޮޅުން މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ކޮރަޕްޓް ބަޔެއްގެ ގޮތުގައި ދެއްކި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ ޒިޔަތާ ދެމީހުން ޖަލަށް ނުލާ ގޭގައި ބޭތިއްބުމަކީ ދިވެހިންގެ މޫނުމަތީ ޖެހި ޒީރޯ ޓޮލެރެންސް ގެ އެތިފަހަރެކެވެ. އަދި އެ ދެމީހުން ނެގިފައިސާ ބެހި މީހުން އަތުން އެ ހޯދޭނެ ކަމަށްބުނެ ހެދި ޑީލަކީ ދިވެހިންގެ ނިކަމެތިކަން ދައްކަން ކުރިކަމެކެވެ. އެދެމީހުން ނެގިފައިސާއިން ހޯދި މުދާ ދައުލަތަށް ނުނަގާ އެދެމީހުން ބެހި ފައިސާ ލިބުނުމީހުން އަތުން ހޯދޭނޭ ބުނުމަކީ މި ސަރުކާރުގެ ނުބައިސޫރަ ދައްކުވައިދޭ ކަމެކެވެ.

ސަރުކާރު ރައްޔިތުންނަށް ވީ ވައުދުނާމާ އޮތްތާކު ބާއްވާފައި ވައުދުނާމާގައި ނުލިޔާ ކަންކަން ކުރުމަކީވެސް ޚިޔާނާތެކެވެ. ގުޅީފަޅު ތިލަފުށީ ހިމެނޭހެން އިންޑިޔާގެ ކުންފުންޏަކަށް ދޭން ސިއްރުންވީ އެއްބަސްވުމަކީ މި ގަރުނުގައިވެސް ދިވެހިންނަށް ދިން އެންމެ ބޮޑު އަނިޔާއެވެ. އެންމެ ބޮޑު ކޮރަޕްޝަނާއި ޚިޔާނާތެވެ. އެންމެފަހުން ގުޅިފަޅު ހިއްކަން އައި ކުންފުންޏަށް ފައިސާ ނުދީގެން އެވެރިންވެސް ފިލައިގެން ހިނގަށްޖެއެވެ. އެވެރިން ދިޔައީމާ މިކިޔަނީ ރައްޔިތުންގެ ޚިޔާލު ހޯދަން މަޑުޖައްސާލީ ކަމަށެވެ. ދެން ޓްރާންސްޕޭރެންޓް ކަމެއްނެތި އިންޑިޔާއާއެކު ތިޔަ ހައްދަވާ ޑީލްތަކުގެ އެއްބަސްވުންތަކަކީ ދިވެހިން ސަންދޯކަށް އެރެންވެސް ޖެހިދާނެ ވަރުގެ ކަންކަމެވެ.

މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުމެއް ނޫނެވެ. މިސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް އާއެކޭބުނެ، އެކުރާ ބަޔަކު ހިމާޔަތްކުރުމެވެ. އެހެން ނޫންނަމަ ވެންޓިލޭޓަރުތަކުގެ މައްސަލަގައި ހިމާޔަތާއި ރައްކާތެރިކަމަށް އެދުނު ފަރާތަށް އެކަންކަން ކޮށްދޭނެއެވެ. އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިކޮށް ހާމަކުރީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން ކަމަށްވާނަމަ، އެކަން ކުރި މީހުންނަށް މިހާރު މިސަރުކާރުން ތިޔަ ދެނީ ހިމާޔަތެވެ. އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ބުނާ ސަރުކާރުގައި އެ ބޮޑު ކޮރަޕްޝަން ހިންގި މީހުން ބިރަކާ ނުލާ، ބޮލަކަށް ކަނދުރާއަކަށް ނުބަލާ ލީ ޖަލަށެވެ. އެމީހުން އެކަންކުރި ކަމަށް އެވަނީ އަމިއްލައަށް އިއުތިރާފްވެފައެވެ. އެކަމަކު މިހާރު އެމީހުން ތިބީ ޖަލަކު ނޫނެވެ.

އޭޝިއާ ސަރަހަދުން މިރާއްޖެ ކޮރަޕްޝަންގެ ދަރަޖައިން 3 ވަނަލިބުނީ ދާދިފަހުންނެވެ. ކުށުގެ ރިޕޯޓް ގިނަވަނީ ކުށްކުރާ މިންވަރު އިތުރުވީމައެވެ. ރިޕޯޓްކުރިއަސް ފިޔަވަޅުނޭޅޭނަމަ ނުހުއްޓުވޭނެއެވެ. މިވަރުންދާ ނަމަ މިސަރުކާރުގައިވެސް އުމަރު ނަސީރު ބުނިހެންކަންނޭގެއެވެ. ދައުރު ނިމޭއިރު ތިޖޫރީގައި ފައިސާފޮއްޗެއް ނެތްތާ ތިޖޫރީވެސް ނުހުންނާނެއެވެ. މިވަރުގެ ކޮރަޕްޓް މެންޓަލިޓީގެ ގައުމެއް މުޅި ދުނިޔޭގައިވެސް ނޯންނާނެއެވެ. ކޮންމެ މިނިސްޓަރަކުވެސް ހަމަ ކާންވީއެވެ. ވަކި މިނިސްޓަރަކަށް ވަކި ގޮތެއް ހެދުމުގެ ސަބަބުން ޒީރޯ ޓޮލަރެންސް އޭ ބުނީމާ ރައީސް މީހާ ކޮރަޕްޝަން އަށާއި ވައްކަން ކުރުމަށް ހިތްވަރުދިނުމަށް ކިޔާނަމަކަށް ޒީރޯޓޮލަރެންސް ވެގެން ހިނގައްޖެއެވެ. ޢަލީ ވަޙީދު ވަނީ ވަގުތުން (އެރޭ ދަންވަރު) ވަޒީފާ އިން ވަކިކޮށްފައެވެ. މިއީ ޢާއްމުން ގެ ކުރިމަތީގައި ކަރުނަ އައިސް، ރައީސަށް ކީރިތި ކުރެއްވުނު ދެވަނަ ފަހަރު ކަމުގައި ވެސް ވެގެން ދިޔައެވެ. ނަމަވެސް، އަމީނު މަޖްލިސް އަށް ދޮގުހެދީމާ، ދިނީ ބީރު ކަންފަތެކެވެ.

ކޮރަޕްޝަނާއި ވައްކަން އިތުރު ވެގެންދާނެތާއެވެ. ކޮންމެމީހަކުވެސް މިހާރުބަލާނީ ރައްޔިތުންގެ ޙަޒާނާއިން އެންމެގިނައިން އަތާއި، ފައިވެސް ބާނައިގެން ފައިސާ ފޮއްޗެއްގައި އަތުޖެހޭނެ ގޮތެއްވޭތޯއެވެ. ބިލިއަނުން، މިލިއަނުން ވައްކަންކުރުމަށްފަހު ފަސްތަރީގެ  އެޕާޓްމެންޓެއްގައި ސަރުކާރާއިއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން 5 އަހަރު ނުވަތަ ގިނަވެގެން 10 އަހަރު ގޭބަންދެއްގެ ގޮތުގައި އަނބިދަރިންނާއިއެކު އުލޭނެފުރުސަތުލިބެއެވެ. އެކަންކަން އިހުސާސް ކުރަންޖެހުމުން ރައްޔިތުންގެ މޫނުމަތިން 14 ވިލޭރޭގެ ހަނދުވަރުފަދަ އުޖާލާކަމެއް ފެންނާނެ ކަމަށް ހީކޮށްގެން ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: