ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން މައްސަލަތައް ބެލުމުގައި ލަސްވޭތޯ ބަލާނެ މިންގަނޑެއް ޖޭއެސްސީން އެކުލަވާލައިފި

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތައް ބެލުމުގައި ލަސްވާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޝަނުން ބަލާއިރު އަމަލުކުރާނެ މިންގަނޑެއް އެކުލަވާލައިފިއެވެ.

ޖޭއެސްސީން ބުނީ ކޯޓުތަކުން މައްސަލަތައް ބެލުމުގައި ލަސްވާކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކޮންމެ ފަނޑިޔާރަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް ލަސްނުކޮށް ބަލައި ނިންމުމަށް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މައްސަލަތައް ލަސްނުކޮށް ނިންމުމުގައި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިވޭތޯ ބެލުމަށް މިންގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. މިންގަނޑަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް އަންގާފައިވޭތޯ ބަލާނެ ކަމަށެވެ.

އެގޮތަށް އެންގުމަށް ފަހު އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދީފައިވޭތޯ ބަލާނެ ކަމަށެވެ. އަދި އިސް ފަނޑިޔާރުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެލާނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މައްސަލަ ނުނިމި ލަސްވާކަމަށް ހުށަހަޅާފައިވަނީ ޖިނާއީ މައްސަލައެއްނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 106 ވަނަ މާއްދާ އާއި 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތަކާއި ގަޑި ކަނޑައަޅައި، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ތާވަލު ދީފައިވޭތޯވެސް ބަލާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ގާނޫނުގެ 36 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި 55 ވަނަ މާއްދާ އާއި 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސް ފަނޑިޔާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިސްފަނޑިޔާރުން އަދާކޮށްފައިވޭތޯވެސް ބަލާނެ ކަމަށެވެ.

އޭގެ އިތުރުން ގާނޫނެއްގައި ވަކި މުއްދަތެއްގައި ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއްގައި އެ މުއްދަތުގައި އެފަދައިން އަމަލުކޮށްފައިވޭތޯވެސް ބަލާނެ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: