ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ހުތުބާ: ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހާއަކީ އީމާންކަން ބަލިކަށި މީހެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ދީންވެރި މީހަކަށްވެސް ނަފްސާނީ ބައްޔެއް ޖެހިދާނެކަމަށާއި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހާއަކީ އީމާންކަން ބަލިކަށި މީހެއްކަމުގައި ނުނިންމުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިލުމާއި ގުޅޭގޮތުން މިއަދުގެ ހުކުރު ހުތުބާ އިއްވާފައިވާއިރު ހުތުބާގައި ވަނީ ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހެއްގެ ދީންވެރިކަމާއި ގުޅުންހުރި ބައްޔެއް ނޫންކަމަށް ގޮވާލާފައެވެ. ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކެކޭ އެއްގޮތަށް ފަރުވާ ހޯދަންޖެހޭ ބައްޔެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި މީހާ މޮޔަވުން ނޫންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ﷲއަށް ކިޔަމަންވާ ދީންވެރި މީހާއަށްވެސް ނަފްސާނީ ބައްޔެއް ޖެހިދާނެ ކަމަށާއި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހާއަކީ އީމާންކަން ބަލިކަށި މީހެއްކަމުގައި ނުނިންމުމަށް ވަނީ ގޮވާލާފައެވެ.

ފަހަކަށް އައިސް މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާއަކީ އަމިއްލައަށް މަރުވުމުގެ ވަބާކަން ފާހަގަކޮށް ޚުތުބާގައި ވަނީ މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއްކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ﷲ ހުރުމަތްތެރިކުރައްވާފައިވާ ފުރާނައެއް ގަތުލުކުރުމަކީ ބޮޑު ފާފައެއްކަން ކީރިތި ގުރްއާނުންނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާން އޮންނަ ފަދައިން ތިމާގެ އަމިއްލަ ނަފްސަށްވެސް ގެއްލުމެއް ދިނުމަކީ ހަރާމްކަމެއްކަން ބަޔާންކުރައްވާފައިވާ ކަމަށެވެ.

ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭ އެއްގޮތަށް ފަރުވާ ހޯދަންޖެހޭ ބައްޔެކެވެ. ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުމެއް ނޫނެވެ. އަދި މީހާގެ ދީންވެރިކަމާއި ގުޅުންހުރި ކަމެއްވެސް ނޫނެވެ. ﷲއަށް ކިޔަމަންތެރިވާ މީހާއަށް އެހެން ބަލިތައް ޖެހޭ ފަދައިން ނަފްސާނީ ބައްޔެއްވެސް ޖެހިދާނެއެވެ.

ދުނިޔޭގައި އިންސާނާ ލެއްވުމަށްފަހު އިންސާނުންނަށްޓަކައި ދުނިޔޭގައިވާހާ ތަކެއްޗެއް ލެއްވިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ބިމުގެ ޚަލީފާއެއް ކަމުގައި އިންސާނާ ލެއްވިކަމަށެވެ. އަދި އިންސާނާ މާތްކުރައްވާފައިވާތީ އެއްވެސް އިންސާނެއްގެ މޫނުމަތީގައި ޖެހުމާއި އެއްވެސް މީހަކަށް ހައްގަކާއި ނުލައި އުނދަގޫކުރުން ނަހީ ކުރައްވާފައިވާކަމަށެވެ.

އަމިއްލަ ނަފްސު ގަތުލުކުރާ މީހާއާއަށް ހުރި އަޛާބުގެ ގަދަފަދަކަން ހާމަކޮށްދެއްވައި، ޚުތުބާގައި ވަނީ ގުރްއާނުންނާއި މާތް ނަބިއްޔާގެ ސުންނަތުން އެކަމަށް ހުއްޖަތް ދައްކާފައެވެ. އެގޮތުން، އެމީހެއްގެ ނަފްްސު އަމިއްލައަށް ގަތުލުކުރި މީހަކު އެހަތިޔާރުން އޭނާގެ ނަފްސު ގަތުލުކުރާ ހާލު ނަރަކައިގައި އޭނާ ދެމިހުންނާނެކަމަށް ނަބިއްޔާގެ ޙަދީޡްކުރެއްވިކަމަށެވެ. އަދި ޒަހަރު ބޮއެގެން މަރުވި މީހަކު، ޒަހަރު ބޮއިބޮއި ހުންނަ ހާލުގައި ނަރަކައިގައި ދެމިހުންނާނެކަމަށް ޙަދީޡްކުރެއްވި ކަމަށެވެ. ފަރުބަދައެއް ނުވަތަ އުސްތަނަކުން ފުންމާލައިގެން އަމިއްލަ ނަފްސު ގަތުލުކުރި މީހަކު، އޭނާ ފުއްމާލި ތަނަކުން ގަތުލުވަމުންދާ ހާލު ނަރަކައިގައި ދެމިހުންނާނެކަމަށް ހަދީޡްކުރެއްވިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“މާތް ﷲ ވަހީކުރެއްވިއެވެ. އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެތެރެއަށް އެއްލައިނުލާށެވެ.”ޚުތުބާ

އަމިއްލައަށް މަރުވާން ދިމާވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޚުތުބާގައި ދެކަމެއް ފާހަގަކުރިއެވެ. އެއް ކަމަކީ ނަފްސާނީ ބައްޔެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފިލްމުތަކާއި ކާޓޫނުތަކެވެ.  އެތަކެތީގައި ދައްކާ މަންޒަރުތަކުގެ ސަބަބުން އެކަމުގެ ޝައުޤު އުފެދެއެވެ. އިސްލާމީ ރިވެތި އުސޫލުތަކުން ބޭރުވެ، ޖިހާދުގެ ނަމުގައި، ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި ސަބަބު ކަމުގައި ބުނެ، ވިސްނައި، ބަޔަކު އެ ކަމަށް ހިތްވަރު ދެމުން ގެންދިއުމަކީ ވެސް، އަމިއްލައަށް މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައި ފާހަގަކޮށްފައިވަނީ ﷲ ގެ ނިޔާ އަށް ނުރުހުމާއި، ﷲ އިންސާނާ އިމްތިހާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާ މުސީބާތްތަކަށް ކެތްތެރި ނުވެވުމެވެ. ﷲ ގެ ނިޔާއަށް ރުހުމަކީ، ނުވަތަ މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއްކަން ފާހަގަކޮށް މުސްލިމް އަޅާގެ އަގީދާއަކަށް ވާންޖެހޭނީ، ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފާއިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާ ކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ގަނޫލުކުރުން ކަމުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މުއުމިނު އަޅާއާ ކުރިމަތިވާ އުފާވެރިކަމާއި ދެރަ ކަންތަކަކީ ވެސް އޭނާ އަށް ޓަކައި ހެވަކަށްވާ ގޮތް އޮންނަކަމަށާއި އެއީ އީމާންކަމުގެ އަހުލުވެރިންނަށް އެކަނި ލިބިގެންވާ ސިފައެއްކަމުގައި ޚުތުބާގައި ސިފަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: