ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ލުއިތައް: މަހުޖަނުން ހޮލިޑޭ ހަދާލުމަށްފަހު ފިޔަވަޅުތައް ވަރުގަދަކުރާނެ!؟

ރައީ ސް ސޯލިހާއި ަރުކާރުގެ އިސްވެރިން ދާދި ފަހުން ލ އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލައި، ސަރުކާރާއި އަމިއްލަ ކުންފުނި އޮފީސްތަކުގެ މަސައްކަތްތައް ލިމިޓްކޮށް މުޅި ގައުމު އެއްކޮށް ފުރަބަންދުކޮށްފައި އޮތުމަށްފަހު މިހާރު މިއޮތީ މުޅިންހެން އެކަންކަމަށް ލުއިދީފައެވެ. ބޭރަށް ނުކުތުން މަނާ ވަގުތެއްވެސް ނެތެވެ. ބޭރު ގައުމުތަކަށްވެސް ގޮސްފައި އަންނަންވީއެވެ. މިއީ ދިވެހިންގެ ރަސްމީ ބޮޑު ޗުއްޓީއެވެ. އެހެންނަމަވެސް، މިއީ މިހާލަތަށް ބެލުމަށްފަހު، ރައްޔިތުންނަށް އެންމެ ބޭނުންވާ ލުއިތަކެއްތޯ ނުވަތަ މިއީ ވަކި ބަޔަކަށް ޚާއްސަކޮށް ފަރުމާކުރި ލުއިތަކެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އާންމު، ނިކަމެތި ރައްޔިތު މީހާ ކިތަންމެ އާއިލާ ކައިރިއަށް ދާން ބޭނުންވި ކަމުގައިވިޔަސް، އެފުރުސަތު އެންމެ ފަސޭހައިން އަދިވެސް ފަހިކޮށްދީފައެއް ނެތެވެ. އެހެންނަމަވެސް، މިއަށްވުރެ ހަރުކަށި ފިޔަވަޅުތައް ހުރި ވަގުތުވެސް ގައުމުގެ އިސްވެރިންނަށް ބޭނުންވާ ތަންތަނަށް ދެވުނެވެ. ފާއިތުވި މަހެއް ދެމަހެއްހާ ދުވަހު، ރާއްޖޭގެ ހުރިހާ ހިސާބަކަށް މުޅި ސަރުކާރު ވަނީ ދަތުރުކޮށް ނިންމާލާފައެވެ. ބައެއް ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ގޮސް، އެނބުރި އައުމަށްފަހު ކަރަންޓީނު ނުވެ، ރާއްޖޭގެ ރަށްތަކަށްވެސް ދަތުރުކުރެވުނު ހާލަތްތައް އައެވެ.

ގިނަ އާންމު ރައްޔިތުންވެސް މިކަމާއި ނުރުހުންވެފައި ތިބިކަން ސޯޝަލް މީޑިޔާއަށް ބަލައިލުމުން، ކޮފީ މޭޒުތައް ދޮށުން އިވޭ އަޑުތަކުން އެނގެއެވެ. ވަރަށް ގިނަ ބަޔަކު އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރި ކެމްޕެއިން ދަތުރުތަކެއްގައި ގޮތުގައި ސިފަކުރިއެވެ. ގިނަ ދަތުރުތަކުގައި ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ކެބިނެޓުގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެޗްޕީއޭގެ އުސޫލުތައް ޖޯކަކަށް ވަނީ މިހިސާބުންނެވެ.

އާންމު ރައްޔިތު މީހާ، ރިޒޯޓު ވަޒީފާގައި އުޅެފައި ނުވަތަ މާލޭގެ ވަޒީފާގައި އުޅެފައި އާއިލާގާތަށް ދާންވުމުން ޓެސްޓްކޮށް، ކަރަންޓީނުވާން އޭރުވެސް ޖެހެއެވެ. އެހެންނަމަވެސް “ކެމްޕެއިން” ދަތުރުތަކަށް ސަރުކާރުގެ އެއްވެސް އިސްވެރިޔަކު މިއިން ކަމެއް ކުރިތަނެއް ނުފެނެއެވެ. ކުރިއަށް އޮތީ ކައުންސިލް އިންތިޚާބަށްވާއިރު، މިގޮތަށް ދަތުރުތައް ކުރެވެންވާނީ ހަމައެކަނި ސަރުކާރަކަށް ނޫނެވެ. އިންތިޚާބަށް ގާތްގަނޑަކަށް ދެތިން މަސް ވެފައިވާއިރު، ސަރުކާރަށް މިގޮތަށް ދަތުރުތައް ކުރެވޭނަމަ އިދިކޮޅަށްވެސް ކޮންމެވެސް ކަހަލަ އުސޫލުތަކެއްގެ ތެރެއިން މިދަތުރުތައް ކުރެވެންވާނެކަމަށް ގަބޫލުކުރެވެއެވެ.

އިދިކޮޅުން މިވާހަކަތައް އެޗްޕީއޭއަށް ނުވަތަ ޑީޖީ މައިމޫނާ އަބޫބަކުރަށް ދެންނެވިވަރެއް އަދަދެއްވެސް ނޭންގެއެވެ. ފޮނުވި ސިޓީއަކަށްވެސް މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެޗްޕީއޭ އަކީ ނުވަތަ އެޗްއީއޯސީއަީ ގެންގުޅޭ ސިޔާސީ ހަތިޔާރެއްކަމަށް އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ބުރަދަނެއް ހުރިކަމަށް މިހާހިސާބުން ދެން ޖެހެނީ ގަބޫލުކުރާށެވެ.

ކުރިއަށް އޮތީ އާ އަހަރުގެ ޗުއްޓީއެވެ. މިއީ ކުރިންވެސް ފާހަގަކުރި ފަދައިން ރަސްމީ ޗުއްޓީއެވެ. މަހުޖަނުން މިދުވަސްވަރު ބޭރަށް ގޮސްލައި މަޖާކޮށްލާފައި އަންނަންވީއެވެ. އައުމަށްފަހު ކޮންމެހެން ސާދަ ދުވަސް މަޑުކުރާކަށްވެސް ނުޖެހެއެވެ. ހަމައައުމާއެކު ޓެސްޓު ހަދާލާފައި ނަތީޖާ ހޯދާލަންވީއެވެ. ފަތުރުވެރިންނަށްވެސް، ކިތަންމެ ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތް ގައުމަކުން އައުމަށްފަހުވެސް ކަރަންޓީނުވާކަށް ނުޖެހެއެވެ. ހަމަ މާލެ ފިޔަވައި އެހެން ރަށްރަށަށް ދާންވީއެވެ. އުސޫލުތައް ހުރިލެއް ދޯދިޔާކަމުން، ކޮވިޑަކީ ބެލުމަށްފަހު ވަކި ބަޔަކަށް ޖެހޭ އެއްޗެއްހެންވެސް ހީވެއެވެ.

އެހެންނަމަވެސް، މިލުއި ފަސޭހަތައްވެސް އަދިވެސް ނެތީ އާދައިގެ ރައްޔިތު މީހާއަށެވެ. އާއިލާ ގާތަށް ދިޔުމަށްފަހު ދިހަ ދުވަހު ކަރަންޓީނުވާންޖެހެއެވެ. އާދައިގެ، ރައްޔިތު މީހާވެސް ބޭނުންނަމަ، ކޮވިޑަށް ޓެސްޓުކޮށްގެން ނެގެޓިވް ނަތީޖާއެއް ލިބިއްޖެނަމަ، ކަރަންޓީނު ނުވެ ރަށަށް ދެވެންވާނެ ކަމަށް ގަބޫލުކުރެވެއެވެ. ނޫންނަމަ، ފަތުރުވެރިޔާއަށް ގެސްޓްހައުސް ހުންނަ ރަށްތަކަށް ކަރަންޓީނު ނުވެ ދެވޭ އުސޫލުވެސް އެގޮތަށް އޮވެގެން ނުވާނެއެވެ.

އެޗްޕީއޭއަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގެންގުޅޭ މުއައްސަސާއެއްކަން ޔަގީންވާހާ ގާތަށްވެސް ކަންކަން އެބަފެނެއެވެ. އެޗްޕީއޭ އަކީ ތަންފީޒީ އިދާރާއަކަށް ނުވިކަމުގައިވިޔަސް، މިކަންކަމަށްވެސް ކޮންމެވެސް ވަރެއްގެ އެއްޗެއް ބުނެވެން ވާނެކަމަށް ގަބޫލުކުރެވެއެވެ. ނޫންނަމަ، މިއުސޫލުތައް ހެދުމަށް ތިބުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟ މިހާރު މިއުސޫލުތައް ހުރި ގޮތުން، ކޮވިޑް ވައިރަސްއަށް ބަލި ޖައްސަންވީ ނުވަތަ ނުޖައްސަންވީ ކޮން ބަޔަކަށްކަން އެނގޭހެން ހީވާ ފަހަރު އެބައާދެއެވެ.

މިއުސޫލުތަކަށް މިގޮތަށް ލުއި ދިންއިރު، ކުރިއަށް ދެން ވާނެގޮތަކާއިމެދު ބަލާލުންވެސް ރަނގަޅެވެ. ދެންވެސް، ކަންތައް ގޯހުން ގޯހަށް ދާން ފަށައިފިނަމަ، ޒިންމާ ނަގަންޖެހޭނީ ނިކަމެތި ރައްޔިތު މީހާއެވެ. އާންމު ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރީއެވެ. މިއީ މީގެކުރިންވެސް ފެނިފައި ހުރި މަންޒަރެވެ. ބުނެފައި ހުރި އެއްޗިއްސެވެ. ވެކްސިން ލިބޭނެކަމަށް ބަލައި، އެކަމަށް އުންމީދުކުރުމަކުން ގޯހެއް ނެތެވެ. އެހެންނަމަވެސް، އަދި ކަންކަން މުޅިން ރަނގަޅުވެއްޖެކަމަށް ބަލައި މިގޮތަށް އުޅެން ފެށުމަކީ އެންމެ ރަނގަޅުކަމެއް ގޮތުގައި ނުދެކެވެއެވެ. ވަކި ބައެއްގެ އުފަލަށްޓަކައި މިގޮތަށް ކަންކުރުމަކީވެސް ވަކި ރަނގަޅުކަމެއް ގޮތުގައި ނުދެކެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: