ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލޫކީ ސީރިއަސް މައްސަލަތަކެއް ބަލާކަމަށް ބުނެ، އިސް މެޖިސްޓްރޭޓުކަން!

ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސި މެޖިސްޓްރޭޓު އަލީ އާދަމް އާއި، ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ މަގާމުގައި ހުރި އަލީ އާދަމްއާ ދެކޮޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސީރިއަސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވަނިކޮށް އޭނާއަށް ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓުކަން ދީފިއެވެ.

މެޖިސްޓްރޭޓު އަލީ އާދަމްގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީއިން ބުނެފައިވަނީ ނޮވެމްބަރު މަހުގެ 24 ގައި އެ ކޮމިޝަނުން އާއްމުކޮށްފައިވާ ބައްދަލުވުންތަކުގެ ތަފްސީލުގައެވެ. އެ ބަޔާނުގައި ވާ ގޮތުން އަލީ އާދަމް އާއި ދެކޮޅަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. އަދި ކޮމިޝަނުން ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ނިންމާ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ.

މީޑިއާތަކުގެ ސަމާލުކަން ވެސް ލިބިގެން ދިޔަ އެ މައްސަލައިގައި މެޖިސްޓްރޭޓުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެޖިސްޓްރޭޓު އަލީ އާދަމް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓުކަމުގައި ހުންނަވާ ޖަމިއްޔާއެއް އުފައްދާ، އެ ޖަމިއްޔާގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ ހިންގުމެވެ. އަދި ތަފްރީޤުކޮށްދީފައިވާ ކައިވެންޏެއް އަލުން ރުޖޫއަކޮށްދިންކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރުފާޅުކުރުމާއި، އަދި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތަކެއް ހިއްސާކުރުމެވެ.

ޖޭއެސްސީއިން ކުރަމުންދިޔަ ތަހުގީގުތަކުގެ އިތުރު އެއްވެސް މައުލޫމާތެއް ނުލިބިވަނިކޮށް، އޭގެ މަސް ދުވަސް ފަހުން އެ ކޮމިޝަނުން އާއްމުކުރި ބަޔާނުގައިވާ ގޮތުން އަލީ އާދަމްއަކީ މަގާމުގެ ކުރިއެރުން ދިން މެޖިސްޓްރޭޓުންތަކުން އެއް ބޭފުޅެކެވެ.

ޖޭއެސްސީއިން ބުނެފައިވަނީ ޖުޑިޝަލް ދާއިރާތައް ހިންގާނެ އިސް މެޖިސްޓްރޭޓަކު ހޯދުމަށް ކޮމިޝަނުން އިއުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުން އެންމެ ގާބިލް ފަރާތެއް ހޯދުމަށް އިންޓަވިއު ކުރެވުނު ކަމަށެވެ. އަދި ހަތަރު ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފައިވަނީ އެ މަރުހަލާއަށް ފަހު ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

މެޖިސްޓްރޭޓު އަލީ އާދަމްއާއި ދެކޮޅަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަށް ފާޑުކިއުމާއި، އަދި ސިޔާސީ ގޮތުން ސޯޝަލް މީޑިއާގެ ފޭސްބުކްގައި ޕޯސްޓުތަކާއި، ކޮމެންޓުތައް ކުރުން ހިމެނެއެވެ. އަދި އޭނާ ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، އިސް މެޖިސްޓްރޭޓު އަލީ އާދަމް އުފެއްދިކަމަށް ބުނާ ޖަމިއްޔާ ހިނގަނީ އޭނާ ދިރިއުޅޭ ގޭގައެވެ. އަދި ޖަމިއްޔާގެ ނަން ޖަހާފައިވާ ބޯޑެއް ވެސް އެ ގޭގައި ހަރުކޮށްފައިވެއެވެ.

ފަނޑިޔާރުކަމުގެ މަޤާމުގައިހުރެ އަމިއްލަ ޖަމިއްޔާ ޖަމާޢަތް ހިންގުމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުކަމެކެވެ. ފަނޑިޔާރުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ ފަނޑިޔާރުކަމުގެ މަގާމު ފިޔަވައި އެނޫންވެސް އިތުރު އެއްވެސް މަޤާމެއް އަދައެއްނުކުރެވޭނެއެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމާއްދާގައި ބަޔާންކުރާ ޖަމިއްޔާއެއް ފިޔަވައި އެހެން ޖަމިއްޔާއެއް ފަނޑިޔާރަކަށް ނުއުފެއްދާނެއެވެ. އަދި ބައިވެރިއެއްވެސް ނުވެވޭނެއެވެ.

މެޖިސްޓްރޭޓު އަލީ އާދަމް ވަނީ ޝަރީއަތުގެ މަޖިލީހުގައި ހުންނަވާ، ފޮޓޯތައް ނަންގަވާ އޭނާގެ ފޭސްބުކް އެކައުންޓަށް ލާފައެވެ. މިއީ ފަނޑިރުންނާއި ފަނޑިޔާރުންގެ ގަދަރާއި ހައިބަތު ގެއްލޭނޭކަމެކެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 07 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރުކަމުގެ މަގާމުގެ އިތުބާރު ގެއްލޭނެކަމެކެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 04 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކުރާއިރު، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކުރުމަކީ ފަނޑިޔާރުންގެ ޒިންމާއެކެވެ. އެއްވެސް އުސޫލެއް އާންމުކުރުމަކާނުލައި، ޝަރީއަތްކުރާ މަޖިލީހުގައި މެޖިސްޓްރޭޓް ގޮނޑީގައި އިންނަވައި ސެލްފީ އާއި ފޮޓޯ ނެގުމަކީ ކޯޓު ހުރުމަތްކެނޑުމުގެ ޢަމަލެއްކަމުގައި މީގެ ކުރީގައިވެސް ކޯޓުން ބަލައިގަނެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.

މެޖިސްޓޭޓު އާދަމް ސިޔާސީ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރި ކަމަށް ބުނާއިރު މިއީ ފަނޑިޔާރުންގެ ގާނޫނުގެ 04 ވަނަ ނަމްބަރާއި، 07 ވަނަ މާއްދާއާ ހިލާފު އަމަލެކެވެ. އަދި ފަނިޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރާއި، 11 ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ފަނޑިޔާރަކު ސިޔާސީ ގޮތުން ހިޔާލުފާޅުކުރުމަކީ ކަނޑައެޅިގެން މަނާކަމެއްކަމާއި، ސިޔާސީ ގޮތުން ވަކިކޮޅަކަށް ބުރަވެ ވާހަކަ ދެއްކުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: