ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ޝަކުވާއަށް ނިމުން ގެނެވޭނީ މިފްކޯ ނޫން އެހެންގޮތެއް ހޯދިގެން!

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް ކުރަމުން އައި އެންމެ މައިގަނޑު މަސަތްކަތަކީ މަސްވެރިކަމެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ޙިއްސާއެއް ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ. ނަމަވެސް ދިވެހިންގެ މަސްވެރިކަމާބެހޭ ވަރަށްގިނަ ކަންތައްތަކެއް މިހާރު މިވަނީ ބަދަލުވެފައެވެ. މީގެ ސާޅިހަކަށް އަހަރު ކުރިއަށް ބަލައިލާއިރު އެ ދުވަހާ މިއަދާ ދެމެދު މިވަނީ ވަރަށްބޮޑެތި ތަފާތުތަކެއް އައިސްފައެވެ. މަސްވެރިކަމުގެ ސިނާޢަތަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު ވަޞީލަތެވެ. ދިވެހިންގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯރޓް ކުރި އުފެއްދުމަކީވެސް ދިވެހި ކަނޑުމަހެވެ. ނަމަވެސް މިސިނާޢަތް ކުރިއެރި ތަނެއް ފަހަކަށް އައިސް ފެންނާކަށް ނެތެވެ. ބާނާ މަހުގެ އަދަދާ، މަސްބޭނުންކުރަމުން އައިސްފައިވާ ގޮތާ މަހުން ލިބޭ އާމްދަނީގެ އެކި ދައުރަށް ވަނީ ކިތަންމެ ބަދަލުތަކެއް އައިސްފައެވެ.

އެ މާޒީގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ފަންރިޔަލުގެ ތާރީޚު ތަންކޮޅެއް ކުރީގެދުރު މާޒީއެއްގެ ގޮތުގައި ނިވާކޮށްލާނީއެވެ. ކަތިރިޔަލުގައި ދަތުރުފެށިޔަ ދެއްވާށެވެ. އަނގަމަތީ މަސްދޯނިފަހަރެވެ. ދިގުމިނުގައި ހުންނާނީ ސޯޅަ ސަތާރަ ރިޔަނެވެ. ފޫޓުން ބަލާނަމަ ގާތްގަނޑަކަށް ތިރީސް ފަސްފޫޓާއި ސާޅީސް ފަސްފޫޓާއި ދެމެދުގެ ދޯނިފަހަރެވެ. މިޒަމާނުގައި މަހަށްދާ ދޯނިފަހަރު މިވަނީ މިނުގެ ގޮތުން ވަރަށް ތަފާތުވެފައެވެ. ސޯޅަ ސަތާރަ ރިޔަނުގެ ދިގުމިނުގައި ކުރިން ހުރި ދޯނިފަހަރުގެ ބަދަލުގައި މިހާރު ގެންގުޅެނީ ފަސްދޮޅަސް ފޫޓު ނުވަތަ އައްޑިހަ ފޫޓުގެ ބޮޑެތި ދޯނި ފަހަރެވެ. ވައްތަރާ ސިފަވެސް ބަދަލުވެފައެވެ. ތާރީޚުން އެނގޭގޮތުގައި މާޒީގައި ދިވެހިން ގެންދިޔައީ އެމީހުން ބާނާ މަސްކޮޅު ސީދާ އެއަތޮޅަކުން ބޭރުގެ ގައުމުތަކަށް އެކްޕޯޓު ކުރަމުންނެވެ. ނަމަވެސް އެކަން ހުއްޓިގެންދިޔައީ އޭރުގެ ސަރުކާތަކުން އެކަން ހުއްޓުވުމުންނެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ އަސާސީ މަސައްކަތަށްވާއިރު، ގުދުރަތީ މުއްސަނދިކަމަކީ ހާއްސަކޮށް މަސްވެރިކަމަކީ ފުޅާކުރެވޭނެ މިންވަރެއް އޮންނާނެ ސިނާއަތެއްކަން ދަނެގެން، ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަކީ މުހިއްމުކަމެކެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި ސިނާއަތަށް ދިމާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުތަކުންވަނީ ނުކުޅެދިފައެވެ. މަހުގެ އުފެއްދުންތައް އިތުރުކޮށް، މަހުގެ އަގު މަތިކުރެވޭނެ ގޮތްތައް ހޯދާ ، ރާއްޖޭގައި ބާނާ މަސް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރު ކުރުމުގެ ބަދަލުގައި ރާއްޖޭގައި މަހުގެ ތަފާތު އެކި އުފެއްދުންތައް އުފައްދާ އެކްސްޕޯޓްކުރެވޭނެ މަގުތަނަވަސްކުރަންޖެހެއެވެ.

އެއް ޒަމާނެއްގައި ރަންބިސް އަޅާ ކުކުޅުގެ ގޮތުގައިވި މަސްވެރިކަން މިއަދުވަނީ އިނދަޖެހިފައި ކަމަށް ބުނުމަކީ ކުށަކަށްނުވާނެއެވެ. ހުރިހާ ދިމާލަކުންވެސް އިވެނީ ޝަކުވާއެވެ. މަސްވެރިންވެސް އަދި ސަރުކާރުންވެސް، ދިމާވެގެން އުޅޭ މައްސަލައިން އަރައިގަތުމުގެ ބަދަލުގައި މި ފެންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައްދޭ ތަނެވެ. އޭގެ ފައިދާ މި ނަގަނީ އިދިކޮޅު ފަރާތްތަކުންނެވެ. މަސްވެރިންގެ ލޭ ކައްކުވާ އިތުރަށް ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއަށް ދަރުއެޅުމުގެ މަސައްކަތެވެ. އެ ހުރިހާ ކަމެއް ދުރަށް ޖައްސާލުމަށްފަހު މިއަދު އުޅެންވީ މަސްވެރިނަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ގެންނާށެވެ.  މަސްވެރިން ބާނާ މަސްކޮޅު އުކާލަން ނުޖެހި ކިރޭނެ ކަމުގެ ޔަޤީންކަން ހޯދާށެވެ. މަސްވެރިންނަށް ހަމައަގެއްދީ މަސް ޕްރޮސެސްކޮށް މަހަށް ހަމަ އަގު ހޯދޭނެ ގޮތް އަވަސް ކުރާށެވެ. ހެލޭ ދަތަކަށްވުރެ ބަލިކަށިވެފައިވާ މިފްކޯއަށްވާ ބަރޯސާ ކުޑަކޮށް އެ ސިނާއަތް ކުރިއަރުވާނެ ކަމެއް ހޯދަންޖެއެވެ.

މިހާރު ހުރިހާކަމެއް ގޮސް ނިމެނީ މިފްކޯއާ ހަމައިންނެވެ. ސަރުކާރުން ބުނަނީ މަސްވެރިންނަށް ރަނގަޅު ގޮތެއްވާނީ މިފްކޯއަށްވެސް ފައިދާ ވެގެން ކަމަށެވެ. އަނެއްކޮޅުން މަސްވެރިން ޑިމާންޑްކުރަނީ ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑު ކުރުމަށެވެ. އެއީ ކުރީ ސަރުކާރުންވެސް އެކަން ކުރަމުން އައި ގޮތް ކަމަށް ބައެއް އޮޑިންވެރިން ބުނެއެވެ. ނަމަވެސް އެއީ ޙަގީގަތެއް ނޫނެވެ. އޭރުގެ ސަރުކާރުންވެސް 2016 ވަނަ އަހަރު އެގޮތަށް އެކަންކުރީ ޑިމާންޑާ އެއްވަރަށް މަސް ނުލިބި ބޮޑު ގެއްލުމެއް ވެދާނެތީއެވެ. އަދި 21.50 ރުފިޔާއަށް ގަތީވެސް ފިނުކުރި މަހެވެ. އެވެސް ދޮޅު ޓަނަށް ވުރެ ގިނައިން މިފްކޯއަށް މަސް ކިރުވާ ނަ،މަ، އެއަށް ވުރެ އިތުރުވާ ކޮންމެ ކިލޯއަކަށް 2.50 ރުފިޔާ ވަނީ ބޮޑުކޮށްފަ އެވެ. އޭރުވެސް އެކަންކުރަމުން އައީ މިފްކޯއިންނެވެ.

މިފްކޯގެ ވާހަކަ ދައްކާއިރު، ހަނދާނަށް ގެންނަންޖެހޭ އެހެންކަމެއްވެސް އެ އޮތެވެ. މިފްކޯއަކީ 1993 އަހަރު އުފެއްދި ކުންފުންޏެކެވެ. މިފްކޯ އުފެނުނު ފަހުން ވޭތުދިޔަ 27 އަހަރުގެ މަސްވެރިންގެ އަތުން މަސްގަތުމާއި އެ ވިޔަފާރީގައި އުޅުނެއް ކަމަކު އެއީ ފައިދާވާ ކުންފުންޏެއް ނޫނެވެ.  އަނެއްކޮޅުން މިފްކޯ ވަކިކުންފުންޏެއްގެ ގޮތުގައި ހިންގާންޖެހުނީވެސް ސަލާމަތް ނުވާވަރުގެ ވައްކަމާއި ކޮރަޕްޝަންތަކަކާއި ގުޅިގެންނެވެ. މިފްކޯއަށް 27 އަހަރު ވިޔަސް ސަރުކާރުން މަސްގަންނަތާ މިހާރު ފަސްދޮޅަހަކަށް އަހަރާއި ގާތްވެދާނެއެވެ. މިފްކޯއަކީ ކުރިން އެސްޓީއޯގެ ދަށުގައި އޮތް އެފްޕީއައިޑީއެވެ. އެސްޓީއޯ އިން ވަކިކޮށް ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަނދަންޖެހުނީ އެ ދުވަސްވަރަށް ބަލާނަމަ، އެމްއެމްޕީއާރުސީގެ ޚިޔާނަތްފަދަ ބޮޑު ޚިޔާނާތާއި ވައްކަމާއި ކޮރަޕްޝަންގެ ބޮޑު ކަންތައްގަނޑެއް ހިނގުމުން ބޭރުގެ މާލީ އިދާރާތަކުން ފިއްތި ފިއްތުންތަކާއެކުއެވެ.

އުއްމީދުތަކެއް އޮތް ނަމަވެސް، ކަންކަން ދިޔައީ ހީކުރިގޮތާއި ޚިލާފަށެވެ. 27 އަހަރުފަހުންވެސް މިފްކޯއަކަށް ހިންދެމިލެވޭ ގޮތެއްނުވިއެވެ. ފައިދާއަށްވުރެ ކުންފުނިވީ ބަނގުރޫޓެވެ. ގޮސްޖެހުނީ އިހުއޮތްތަނުގައެވެ. ސަރުކާރުން ލޯނެއް ނުނަގާ ކުރިއަށް ކަނޑާގޮތެއްނުވިއެވެ. އަލުން އަނބުރާ އެސްޓީއޯގެ ދަށަށްވެސް ދިޔައީއެވެ. ވިޔަފާރި ކުންފުންޏަކަށް ވިޔަސް، ރަށްރަށާއި މާލެ އިން ވެސް އެ ކުންފުންޏަށް ވަނީ ހިލޭ ބިންތައް ދީފަ އެވެ. ނުވިތާކަށް ރަށްރަށް ވެސް ދީފަ އެވެ. ނަގާފައި ހުރި ލޯނުތައް ނުދެއްކި، ކުންފުނި އޮތީ އަރައިނުގަނެވޭ ހާލަތަށް ގޮސްފަ އެވެ. ދެހާހުގެ ކުރީކޮޅުގައި ކުންފުނި އުވާލަފާނެއޭވެސް ހީވިއެވެ. މިފްކޯ ކަހަލަ މަސްވެރި ކުންފުންޏެއް މި ހާލަތަށް ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތަށް އެހެންވާން ދިމާވި ޙަގީގީ ސަބަބަކީ ސަރުކާރުތަކުން މިފްކޯ ހިންގަމުން އައި ނިޒާމު ފުނޑުކޮށްލައި، އަމިއްލަ ގޮތްތައް އޭގެ ތެރެއަށް ވެއްދުމެވެ.

ސަރުކާރުންވެސް މިއަދު މިފްކޯގެ ވާހަކަ ދެއްކުމުގެ މާ ބޮޑު މާނައެއް ނެތެވެ. މިފްކޯ ހަލާކުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ އެއް ފަރާތަކީ ވެސް ސަރުކާރެވެ. ސަރުކާރުގެ ސިޔާސީ ނުފޫޒް އިންތިހާއަށް ފޯރުކުރުވުމެވެ. ކިތަންމެ ކަމެއް ރާވާ، ކިތަންމެ މޮޅަށް ޕްލޭން ކުރިޔަސް، ކިތަންމެ އަގެއް ކަނޑައެޅިޔަސް އާޚިރުގައި ސިޔާސީ ނުފޫޒްވަދެ، އެ ނިންމުން އެކޮޅުކޮޅުން ޖަހުވާލައެވެ. މިފްކޯ ހިނގަމުންދާ އުސޫލަކީ އެޔެވެ. ބައެއް ފަހަރު ނުއަގުގައި މަސްވެރިންގެ އަތުން މަސް ގަނެގެން އޭގެ ސަބަބުން ކުންފުނި އަރައި ނުގަނެވިގެން އުޅެންޖެހުނެވެ. އިންތިހާބެއް އޮއްވާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މައްޗަށް ދިޔަސް، ރާއްޖޭގައި މަހުގެ އަގުތަކަށް ބަދަލެއް ނުގެނެވެއެވެ. މަސްވެރިން ރުޅިގަދަވެ ވޯޓުކޮޅު ނުލިބިދާނެތީއެވެ.

މި ސަރުކާރު އައިއިރުވެސް މިފްކޯ އޮތީ ވަރަށް ހާލުގައެވެ. މިފްކޯގެ ތާރީހުގައި ވެސް މަސްވެރިކަން އެންމެ ދަށަށް ގޮސްފައިވަނީ 2016 ވަނަ އަހަރުގެ ރޯދަމަހާއި ދިމާކޮށެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ވިދާޅުވީ މަސްވެރިކަމަށް އައި ޒަމާނީ ބަދަލުތަކާ އެކު މަސްވެރިން މަހަށްދާ މިންވަރު ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. މަސް ގަންނަ އަގަށް ވުރެ ދަށް އަގުގައި މަސް ވިއްކާތީ މިފްކޯއާށާއި ސަރުކާރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ. އެންމެ ފަހުން ސަރުކާރަށް ބަރޯސާވުން ބޮޑު ދައުލަތުގެ މަސް ކުންފުނި، މިފްކޯ، އެންމެ ފަހުން އެސްޓީއޯގެ ދަށަށް ބަދަލުކޮށް، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވީ ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުންވެސް މިފްކޯ ހިންގަމުން އައީ ހަމަ ގެއްލުމުގައެވެ. ޅ. ފެލިވަރުން މަސްވެރިންނަށް ލިބެން ހުންނަ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، މަސްވެރިން އެ ރަށް ކައިރީގައި އިހުތިޖާޖްފެށިއެވެ.

އެސްޓީއޯ އިން މިފްކޯއާ ހަވާލުވިއިރު ދައްކަން ހުރި ދަރަނިތައް ވެސް އޮތީ ފުނިޖެހިފަ އެވެ. އެތައް މިލިއަން ރުފިޔާއެއް ނުދެއްކި އޮތުމުން ކުންފުނި ހިންގުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވި އެވެ. އެގޮތުން ކުންފުނީގެ އެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ ލޯނުތައް އޮތީ ނުދައްކަ އެވެ. އަދި އޭގެ އިތުރުން މިފްކޯގެ ސަޕްލަޔަރުންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދައްކާތާ އެތައް ޒަމާނެއްވެ، ސަޕްލައި ވެސް އޮތީ ހުއްޓިފަ އެވެ. ރާއްޖޭގެ މަސްވެރިކަން ޕްރައިވެޓައިޒް ކުރި ހިސާބުން ފެށިގެން މިފްކޯ އަށް ހަގީގަތުގައި ހަމަ ނޭވާއެއް ނުލެވެ އެވެ. އޭރު އުފެދުނު މަސް ކުންފުނިތަކުގެ ތެރެއިން ކަޅުބިލަމަސް ގަނެ ވިއްކާ ބައެއް ކުންފުނިތައް މިފްކޯއާ އަރާ ހަމަކޮށް ވާދަކުރަން ފެށި އެވެ. ކަންނެލީގެ އެކްސްޕޯޓަށް ނުކުތް މީހުން އެއަށް ވުރެ މާ މައްޗަށް ދެމިލި އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި މެރިކަލްޗަރ ކުރިއެރުވުމުގެ ގޮތުން އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، މިކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަހައްމިއްޔަތުކަންދޭ ކަމެކެވެ. މަސްވެރިކަން މެނޭޖްކުރުމަށް ނިންމާ ނިންމުންތަކުގައި މަސްވެރިންގެ ޝާމިލުވުން އިތުރުކުރުމަށް މަސްވެރިންގެ ޖަމިއްޔާތައް އުފައްދާ ހިންގުމަށް ހިތްވަރުދިނުމަކީ މި ސަރުކާރުގެ ވިނުމެކެވެ. އެކަން އެބަކުރިއަށް ދެއެވެ. އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅުނު ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވަނީ އަދި އެވަގުތު ނުޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށްވިޔަސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ. އަދި މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް އެމަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރިނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެ ވިދާޅުވީ މުޅިއަކުން ދޮގު ވާހަކަފުޅެއް ނޫނެވެ. ސަރުކާރާއި އެސްޓީއޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައެވެ. މިފްކޯ، އެސްޓީއޯގެ ދަށަށް ބަދަލުކުރީ ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ އެކުގަ އެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ހަ މިލިއަނެއްހާ ރުފިޔާ ދައްކަން އޮތެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާ ކުންފުންޏެއް އަލުން ކޮޅަށް ޖެހުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ އެވެ. އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެކަމަކު މިފްކޯ ނޫން އިތުރުގޮތެއްވެސް ހޯދަން މިވަނީ ޖެހިފައެވެ. މަސްވެރިންގެ ޝަކުވާއަށް ނިމުމެއްވެސް ގެނެވެސް ސަރުކާރުންވެސް މިފްކޯ ނޫން އިތުރު ގޮތެއް ހޯދައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: