ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރުގެ މައްސަލަ: އާފިޔާގެ މައްޗަށް 20 އަހަރުގެ ހުކުމެއް!

އިބްތިހާލްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އާފިޔާގެ މައްޗަށް އިއްވާފައިވަނީ 20 އަހަރުގެ ހުކުމެކެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި ތިން އަހަރުގެ އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލައިގައި ހުކުމްކުރީ މައްސަލަ ކޯޓުގައި އޮންނަތާ ހަތަރު އަހަރު ފަހުންނެވެ.

މައްސަލައިގައި އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އިބްތިހާލްގެ ކަރަށް ފިތައި އާފިޔާ ނޭވާ ހާސްކޮށްފައިވާ ކަމަށެވެ. އަދި އިބްތިހާލްގެ މޭމަތީ، ތިން ފަަހަރަށް އާފިޔާ ދަށްފައިން ޖެހި ކަމަށެވެ.

ތަފާތު އެކި ފަހަރު މަތީން އިބްތިހާލްއަށް ކުރި އަނިޔާތަކަށް އާފިޔާ މީގެ ކުރިން އިއުތިރާފް ވެފައިވާކަމަށް ހުކުމުގައި ވެއެވެ. އިސްލާމީ ޝަރީއާގައި ވާގޮތުން އާދަމު ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި ވެވޭ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ނޫނެވެ. އަދި އާފިޔާގެ އެއްބަސްވުމުގެ ބަޔާނާއި، އަދި ކޯޓުގައި ވެފައިވާ އިއުތިރާފަކީ ހުރިހާ އިޖުރާތްތަކެއް ފުރިހަމަވެ އެއްވެސް ނުފޫޒެއް ނެތި، ކުރިޔަށް ގެންދެވުނު މަރުހަލާއެއް ކަމަށް ހުކުމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި ހުކުމް އިއްވުމަށް ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އިބްތިހާލް އުޅެމުން ދިޔަ ހިތްދަތި ދިރިއުޅުމާއި، އަދި ތަހައްމަލް ކުރަން ޖެހުނު އެތައް ވޭނެއްގެ ވާހަކަ ހުކުމުގައި ވަނީ ހިމަނާފައެވެ. އެގޮތުން އާފިޔާ ރުޅިއަންނަ ކޮންމެ ފަހަރަކު އިބްތިހާލްއަށް އަނިޔާ ކުރާކަމާއި، އިބްތިހާލް އާފިޔާގެ ދެކެ ލޯބިވާކަން އާފިޔާވެސް ގަބޫލު ކުރާ ކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.

ހުކުމުގައި ވަނީ، އާފިޔާއަށް ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުން ތަފާތު އެކި އަނިޔާތައް ތަހައްމަލު ކުރި ކަމަށް ބުނެފައެވެ. އަދި އާފިޔާގެ މަންމަ އާއި، ދޮން ބައްޕަ އާފިޔާ ލައްވާ ގަދަކަމުން ހަށި ވިއްކާ ކަމަށެވެ. އާފިޔާގެ ދޮން ބައްޕަ ކޮންމެ ރެއަކު ވެސް އާފިޔާއަށް ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލު ހިންގި ކަމަށާއި، ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އާފިޔާގެ ޖޫސް ތައްޓަށް ބޭހެއް އަޅާފައި ހުންނަ ކަމަށް ވެސް ވެއެވެ. އަދި ކޮންމެ ރެއަކު ވެސް އާފިޔާއަށް ހޭލެވޭއިރު، އޭނާގެ ދޮން ބައްޕަ އެނދު މަތީ އިށީނދެ އިންނަ ކަމަށާއި، އެވަގުތު އާފިޔާގެ އެއްވެސް އަންނައުނެއް ނުހުންނަކަމަށް އާފިޔާ ކިޔައިދިން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އާފިޔާއާއި މެދު ބަދުއަހުލާގީ އަމަލު ހިންގާ، ޖިންސީ ގޯނާ ކުރާއިރު އަފިޔާގެ މަންމަ ދުރުގައި އެ މަންޒަރު ބަލަން ހުންނަ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ. ހުކުމުގައި ބުނެފައިވަނީ، އެކި މީހުން އަތުން ފައިސާ ހޯދައިގެން އާފިޔާގެ މަންމަ ގެއަށް މީހުން ގެންނަ ކަމަށެވެ. އަދި އާފިޔާ އެކަމަށް އިންކާރުކޮށް ދެކޮޅު ހެދުމުން، އާފިޔާއަށް ވަރަށް ބޮޑަށް އަނިޔާ ކުރާ ކަމަށެވެ.

އިބްތިހާލްއަކީ އެ އަނިޔާތަކުގެ ސަބަބުން ލިބުނު ކުއްޖެއްކަމުން، އާފިޔާގެ ހިތުގެ ތެރޭގައި ދޮން ބައްޕަ އާއި، އިބްތިހާލަށް ރުޅިވެރިކަން އޮންނަކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި އާފިޔާއަށް އަމާޒުކޮށް ރަށުގެ މީހުން މަލާމާތްކޮށް ވާހަކަ ދެއްކުމާއި، އިބްތިހާލަކީ ބައްޕަ ނެތް ކުއްޖެކަމަށް އަދި އެއީ މަރާލަން ޖެހޭ ކުއްޖެއްކަމަށް ބުނާ ކަމަށެވެ.

ޝަރީއަތުން ވަނީ، އެތައް ބައެއްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އެކަމުގެ މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް އެ މައްސަލައިގައި އާފިޔާއަށް އިންސާފު ލިބިފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި އެ އަނިޔާތަކަށް އިންސާފު ނުލިބިވަނިކޮށް، އާފިޔާއަށް ކުށުގެ ތެރެއަށް ވަދެވި، އިބްތިހާލަށް ކުރި އަނިޔާތަކުގެ ސަބަބުން އޭނާ ނިޔާވެގެން ދިޔައީ ކަމަށް ވެސް ފާހަގަކުރިއެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ އާފިޔާގެ ސުކޫލް ދުވަސްވަރު އެކި ދުވަސް މަތީން ލިބެމުން ދިޔަ ޖިންސީ ގޯނާގެ އަނިޔާގެ ވާހަކަ މަންމަ އާއި ހިއްސާކުރި ކަމަށެވެ. އެހެން ނަމަވެސް އާފިޔާ މަންމަ އެކަން ސިއްރުކުރުމަށް ބުނި ކަމަށެވެ. އަދި ހަށިވިއްކަން މަޖުބޫރުކޮށް، މަންމަ އާއި ދޮންބައްޕަ ފައިސާ ހޯދަމުން ދިޔަ ކަމަށެވެ.

އާފިޔާއަށް ރައްކާތެރިކަމެއް ދޭނެ އެއްވެސް މީހެއް ނެތް ކަމަށާއި، އޭނާ އެ މައްސަލަ ރިޕޯޓު ކުރުމުން ވެސް އެޅި އެއްވެސް ފިޔަވަޅެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، އިބްތިހާލަށް އަނިޔާ ލިބެމުން ދިޔަ ކަމާއި، އާފިޔާއަށް ވެސް ލިބެމުން ދިޔަ އަނިޔާތައް ރަށުގެ މީހުން ސިއްރުކުރިކަން ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި އިބްތިހާލަކީ އެ މައްސަލަތައް ހުށަހެޅުމާއި އެކު ދައުލަތުގެ އެހީ ލިބެންޖެހޭ ކުއްޖެއް ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ އިބްތިހާލަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެތައް ބައެއްގެ އިހުމާލުވާ ކަމަށެވެ. އެހެން ކަމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް މިފަދަ ދެވަނަ ހާދިސާއެއް ނުވަތަ ދެވެނަ އިބްތިހާލް އަކާއި، ދެވަނަ އާފިޔާއެއް އުފަންވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ގާޒީ ވިދާޅުވީ އިބްތިހާލަށް އަނިޔާ ކުރެވުނީތީ މިހާރު ދެރަވާކަމަށް އާފިޔާ ބުނި ކަމަށެވެ. އަދި އޭރު އެގޮތަށް އަމަލު ކުރެވުނީ އެއީ ބައްޕަ ނެތް ކުއްޖެއް ކަމަށާއި، އިބްތިހާލް އޭނާގެ ދޮން ކާފަ އާއި ވައްތަރުކަމަށް އަދި ބޮޑުވެގެން ވާނީ އެފަދަ މީހަކަށް ކަމަށް ބުނެ ވާހަކަ ދައްކާތީ ކަމަށެވެ. އާފިޔާ ބުނެފައިވަނީ ރަށުގެ މީހުން އޭނާއަށް މަލާމާތްކޮށް، ބަސް ބުނެ ހަދާ ކަމަށެވެ.

އާފިޔާގެ ސައިކޮލިޖިކަލް އެސެސްމެންޓެއް ހަދާފައިވާއިރު، އާފިޔާ އިބްތިހާލަށް އަނިޔާ ކުރީ ހަމަހޭ ބުއްދީގައި ހުރެގެން ކަމަށް ދައްކައެވެ. އެހެން ނަމަވެސް އާފިޔާގެ ރުޅި ކޮންޓްރޯލް ނުކުރެވުމުގެ މައްސަލަ ވަރަށް ބޮޑުކަމާއި، އެ ހާލަތުގެ ސަބަބުން އެހެން މީހަކަށް ވެސް ވެދާނެ ގެއްލުމަކަށް އޭނާ އެކަހެރި ކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އާފިޔާއަށް ޝަރީއަތުން އިއްވީ 20 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް ހުކުމަކާއި ނުލާ އާފިޔާ ޖަލުގައި 05 އަހަރު ހޭދަކޮށްފައިވާތީ އެ ދުވަސްތައް ހުކުމްއިން އުނިވާނެ އެވެ. އެހެންކަމުން އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭނީ 15 އަހަރުގެ ހުކުމެކެވެ.

 

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 57%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: