ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުކަންނެލި މަސްވެރިންގެ މަތިން ރައީސް ހަނދުމަފުޅު ނެތުމުން ހިތާމަކުރަން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ދޮށީގެ މަސްވެރިކަމުގެ ގޮތުގައި ދޭހާވާފަދަ ގޮތަކަށް ވާހަކަ ދައްކަވާއިރު، ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހަމަފުޅު ނެތުމުން ދިތާމަކުރައްވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިންގެ ސެކްރެޓެރީ ޖެނެރަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކުރިން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ މެންބަރުގެ ގޮތުގައި އެމްޑީޕީވެސް ތަމްސީލުކުރެއްވި ނާޒިމް ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ދޮށީގެ މަސްވެރިކަމުގެ ވާހަކަ ފާހަގަކުރެއްވި އިރު ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ވާހަކަ ފާހަގަ ކުރައްވާފައިނުވާ ކަމަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއް ކަމަށާއި އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ، ރައީސްގެ ވާހަކަފުޅުގައި ބޮޑުކަންނެލީގެ މަސްވެރިކަމަށް އަލިއަޅުއްވާލައްވާފައި ނުވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މައުލޫމާތުގެ ސަބަބުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެކަމަކީ ފިޝަރީޒް މިނިސްޓްރީން އެކަށީގެންވާ މައުލޫމާރު ފޯރުކޮށްނުދިނުމާއި ނުވަތަ އެމަނިކުފާނުގެ ތަޤްރީރުތައް ލިޔުއްވާ ފަރާތުގެ މައްސަލައަކަށް ވެދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުންވިޔަސް ނުވަތަ ބޭރުގެ ކުންފުނިތަކެއް ގެނެސްގެންވިޔަސް ވާދަވެރިކަން ބޮޑު ގޮތެއްގައި ކަންކަން ނުކުރެވިއްޖެނަމަ، މަސްވެރިކަމުގެ ސިނާއަތަކަށް ކުރާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.

“ރައީސްގެ ސްޕީޗުގަވެސް މަސްވެރިންގެ ވާހަކަ އައިއިރުގައި ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ވާހަކައެއް ނާދޭ، އަޅުގަނޑު ޤަބޫލުކުރަނީ ރައީސްގެ ސްޕީޗް ތައްޔާރުކުރަނީ ލިބޭ މައުލޫމާތަކަށް ބަލާފައި، އެ ވެދާނެ މިނިސްޓްރީން އެމައުލޫމާތު ނުދެނީ ކަމަށްވެސް ނުވަތަ މިނިސްޓްގައި އެމައުލޫމާތު ނެތީ ކަމަށްވެސް” ނާޒިމް

މީގެ އިތުރުން ނާޒިމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތެކޭ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ސަރުކާރުންވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ދިވެހި މަސްވެރިކަން ބައިނަލް އަޤްވާމީ ފެންވަރެއްގައި އިސްތިހާރު ކުރެވެންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން އާންމު ކުރަމުންދާ ތަފާސް ހިސާބުތަކަކީ އެންމެ ރަނގަޅު މައުލޫމާތު ކަމަށް ޤަބޫލުކުރަން ދަތި ކަމަށެވެ. ސަބަބެއް ކަމަށް ނާޒމް ވިދަޅުވީ ކަންނެލި މަހާއި، ކަޅުބިލަމަސް ދެ ބާވަތް ވަކިން އެކްސްޕޯޓު ކުރެވޭ ގޮތުގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނެތުމެވެ.

ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ މެދުގައި ފިޝަރީޒް މިނިސްޓްރީން ވަރަށް ގިނަ ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ނުލިބޭ ކިތަންމެ އިނާޔަތެއް ކަޅު ބިލަމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކަންނެލި މަސްވެރިކަންކުރާ ފަރާތްތަކަށް ބައެއް ސަބްސިޑީވެސް ލިބެނީ ބައެއް ކަންކަމަށެވެ. އަދި ސަރުކާރަކުން ކަންނެއްޏެއް ނުގަންނަ ކަމަށާއި ބާނާ ކަންނެލި ކޮޅު ކިރުވަންޖެހެނީ އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކަށް ކަމަށެވެ. ކަންނެލި ކިރުވޭނެ ސަރުކާރު ކުންފުންޏެއް ނެތުމަކީ ބައެއް ހާލަތްތަކުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭ ނަފާއަކަށް ސަރުކާރުން އިތުރުއެއް ލިޔެސް، ކަންނެލި މަސްވެރިންނަށް ޖެހެނީ ކިލޯ އަކަށް 20 ރުފިޔާ ދިނަސް އެވަރުން ފުއްދާލަން ކަމަށާއި ސަރުކާރުން ދޭ އެއް ނޯން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ކަންނެލި ކިރުވަން އެންމެ ދަށް އަގެއް އޮތްސް ބައެއް ފަހަރު އަމިއްލަ ކުންފުނިތަކުން، އެއަށްވުރެ ކުޑަ ކަންނެލި ގަތަސް ކުރެވޭނެ ކަމެއް ނޯންނަ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: