ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ ކަންކަމުގައި އަރައިރުންނުވެ، މައްސަލަ ހައްލުކުރަންޖެހޭ!

އިސްލާމީ މަރުކަޒރުގައި ބަޔަކު ނަމާދު ކުރަނީ_ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ އަބަދުވެސް ދީނީ ޚިޔާލު ތަފާތުވުން ބޮޑުތަނެކެވެ. ހިޖުރައިން 548 ވަނަ އަހަރު، (1153މ) އޭރު ދިވެހި ތަޚުތުގައި ރެދަނލިކަން ކުރައްވަމުން ގެންދެވި ތީމުގޭ މަހާ ކަލަމިންޖާ އިސްލާމްދީން ޤަބޫލު ކުރެއްވުމަށްފަހު މިވޭތުވެދިޔަ ދިގުމުއްދަތުގައިވެސް ރާއްޖޭގައި އެކަން އޮތީ އެހެނެވެ. ދީނީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ވެސް އެކިއެކި ދުވަސްވަރު ވަނީ އެކިވަރުވަރުގެ ހަމަނުޖެހުންތައް ހިނގާފައެވެ. އަނެއްކާވެސް މި ފެންނަނީ އެފަދަ ގޮތަށް ކަންކަން ހިނގަމުންދާ މަގެވެ. ދީނީ އިލްމު އުނގެނިގެން ތިއްބެވި އިލްމުވެރިންގެ މެދުގައިވެސް ޚިޔާލުތަފާތުވުމާއި ދެބަސްވުމެވެ. ސިޔާސީ މީހުންނާއިވެސް އަރާރުންވުމެވެ. ކިތަންމެ ކުޑަކަމެއްގައިވިޔަސް އެކަން ރަނގަޅު ކުރުމުގެ ބަދަލުގައި ގޮތް ދޫ ނުކޮށް ޖަދަލު ކުރުމެވެ. ސޯޝަލް މީޑިއާ ތެރެއިން އެ ފެންނަނީ މިހާރުވެސް އެ މަންޒަރެވެ.

ކުރިންވެސް ދެންނެވިހެން އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން އެކިވަރުވަރުގެ ހަމަނުޖެހުން ހިނގާފައިވެއެވެ. ހިޖްރައިން 981 ވަނަ އަހަރު އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަ ކަލޭފާނު) ދީނީ ތަޢުލީމް ޙާޞިލް ކުރައްވައި ރާއްޖެ ވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި ދަރިންނަށް ދީނުގެ ކަންކަން އޮޅުން ފިލުވައި ދެއްވައި ގިނަ އަދަދެއްގެ އިމާމުންނާއި ޤާޟީން އުފެއްދެވިއެވެ. ޒިޔާރަތްތަކަށްނަދުރު ބުނުމާއި ޒިޔާރަތްތަކާއި މިސްކިތްތަކުގައި ދުން ބަހައްޓައިގެން ޞަލަވާތް ފާތިހާ ކިޔެވުންފަދަ ކަންކަމަކީ ވަރަށް ފަހަކާއި ޖެހެންދެން ހިނގަމުން އައިސްފައިވާ ކަންތައް ތަކެވެ.

މާޒީގެ ފަތްފުތްތަކުން އެނގެން އޮންނަ ގޮތުގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެއްދުވަހަކު އަޙުމަދު ކާމިލްދީދީ، މެދުޒިޔާރަތާއި އަރާ ހަމަވެފައި ޒިޔާރަތަށް ފުރަގަސް ދެއްވައި  ފޫކޮޅުގައި އަތް އުނގުޅައި ލެއްވުމުން އެކަމާއި ޢާއްމު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދުނެވެ. އަދި ކާމިލް ދީދީ، ރަސްކަމުގެ ދަރުބާރަށް ގެންނަވައި ޢާއްމުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ޒާތުގެ ކަންކަން ނުކުރެއްވުމަށް އެންގެވުމަށްފަހު ރައްޔިތުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ސުލްހަ ކުރެއްވުމަށްޓަކައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ރައްޔިތުންނާއި ބައްދަލު ކުރެއްވެވިއެވެ. ދީނީ ޚިޔާލުތަފާތުވުމެއް އެ ބަދަލުވީ ރައްޔިތުންގެ ތެރޭގައި ބޮޑު މައްސަލައަކަށެވެ.

ރާއްޖޭގެ ހުރިހާ ވެރިކަމެއްގައިވެސް މިކަންކަން އައީ ހިނގަމުންނެވެ. މާ ދުރަށް ނުގޮސް މި ފަހުގެ ތާރީޚަށް ޖެހިލާނަމެވެ. ނަމާދު ކުރާއިރު ކޮންމެހެންވެސް ބޮލުގައި އެއްޗެއް އަޅަން ޖެހޭނެ ކަމަށާއި ބޮލުގައި އެއްޗެއް ނާޅައިފިނަމަ ނަމާދު މަކްރޫޙް ވާނޭ ކަމަށް ޤަބޫލުކުރެވި، ދިވެހިން ދިޔައީ އެއްދުވަސް ވަރެއްގައި އެގޮތަށް ޢަމަލު ކުރަމުންނެވެ.  ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ސެކަންޑަރީ ސްކޫލް ތަކުގެ އިސްލާމް މުދައްރިސުންގެ ގޮތުގައި ޕާކިސްތާން، ސަޢުދީފަދަ ޤައުމު ތަކުން ވަޑައިގެންނެވި ބައެއް ދިވެހިން ކިޔަވައި ދެއްވިއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެސްކޫލް ތަކުން އެކަށަ އަޅުއްވާފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކާއި ތަޢާރުޒު ވާފަދަ ވާހަކަތައް މިދެންނެވި އިސްލާމް މުދައްރިސުންގެ ފަރާތުން އެސްކޫލްތަކުގެ ދަރިވަރުންނަށް ދިޔައީ ފޯރަމުންނެވެ. އެންމެފަހުން އެކަންކަމުގައިވެސް ޚިޔާލްތަފާތުވުންތައް އުފެދި މައްސަލަތައް ޖެހެންފެށިއެވެ.

ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްދާއިރާއެވެ. އެދާއިރާއަށް ލިބޭ އާމްދަނީ އަކީ ޣައިރު މުސްލިމުންގެ ފަރާތުން ލިބޭ އާމްދަނީއަށް ވާތީ އެފައިސާ މުސްލިމުން ބޭނުންކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް 1990ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވަރަށް ބާރަށް އަޑު ފެތުރެމުން އައިސްފައި ވެއެވެ. އެފައިސާއިން މިސްކިތްތަކުގެ މުދިމުންނަށް މުސާރަ ދޭއިރު އެފަދަ މީހުންގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެކަމަށް ދިވެހިންގެ މެދުގައި ފަތުވާ ދެމުން ދިޔަ ކަމަށް ވެއެވެ. މައުމޫނު ޢަބްދުލްޤައްޔޫމް، ދިވެހި ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ވަނީ ވަކި އުޞޫލެއް ކަނޑަ އެޅިފައެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެ ނިންމުމާއި ޚިލާފަށް އަމަލުކުރުން ވެގެންދިޔައީ ބައެއް ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުން އުފެދިގެން ދިޔަ ކަމަކަށެވެ.

ހުކުރު ނަމާދު ފައްޓާ ގަޑިއަކީ 12:35 ކަމަށް ރާއްޖޭގައި ފުރަތަމަ ހަމަޖައްސާފައިވަނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. ސަރުކާރުން އެގޮތަށް ހަމަޖައްސަވައި ފައިވަނީ ރާއްޖެއަށް މެންދުރު ވަގުތު ވާ އެންމެ ފަސްގަޑިއަކީ އާއްމު ކޮށް 12:25 ކަމަށް ވެފައި އެވަގުތުން ފެށިގެން ސުންނަތް ކޮށް ނިމި އެންމެ އަވަހަށް ވެސް ހުކުރު ނަމާދު ފައްޓަން އެންމެ އެކަށީގެންވާ ވަގުތަކީ 12:35ގައި ކަމަށް ގިނަ ބަޔަކަށް ޤަބޫކުރެވިގެން ކަމަށް ވެއެވެ. ނަމަވެސް 2000 ގެ އަހަރު ތަކުގެ ކުރީ ކޮޅު މާލޭގައި ދިވެހިންގެ ބަޔަކު ވަނީ ހުކުރު ނަމާދު ނުކުރާ މިސްކިތްތައް ކަމުގައިވާ ކަޅުވަކަރު މިސްކިތުގަޔާއި ދަރުމަވަންތަ މިސްކިތުގައި ވަކި ޖަމާޢަތެއް ހަދައިގެން ހުކުރު ނަމާދު ކުރަމުން ގެންގޮސްފައެވެ. އެކަން އެންމެފަހުން ނިމިގެންދިޔައީ ހިނގި ހަމަނުޖެހުންތަކުގައި ފުލުހެއްގެ ބޯވެސް ފަޅާލައިގެންނެވެ.

ދެހާހުގެ ފަހުކޮޅު ދީނީ ޚިޔާލުތަފާތުވުން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަވާ އެއް ހާދިސާ އަކީ އއ. ހިމަންދޫގައި ހިނގައިދިޔަ ކަންކަމެވެ. 2004 ވަނަ އަހަރުން ފެށިގެން ހިމަންދޫގައިވަކި ޖަމާޢަތެއް ހަދައިގެން ބަޔަކު އުޅުނެވެ. ނަމާދު ކުރުން ފަދަ ދީނީ ކަންކަން ކުރަނީ ރަށުގެ އާއްމު ރައްޔިތުންނާއި މުޅިން ވަކިންނެވެ. ޕާކިސްތާނުގައި ކިޔަވަން އުޅެފައި އައި ދިވެއްސަކު، ހިމަންދު އަށް ހިޖުރަކުރި ހިސާބަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި ފުރަތަމަ ބައިބައި ވުން އުފެދެން ފެށި ހިސާބެވެ. ހިމަންދޫ ދާރުލް ޚައިރު ގޯތީގައި މިސްކިތެއް ހަދާ ވަކި ޖަމާޢަތެއްގައި ނަމާދު ކުރަން ފެށުމާއެކު އުފެދުނު ހަމަނުޖެހުން އިތުރުވުމާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކުން އަރަށަށް އަރަންޖެހުނެވެ. އެ ހައިޖާނުގަނޑު ނިމުނީވެސް އެތައް ބަޔަކަށް އަނިޔާ ވެގެންނެވެ. މީ ހަމަ ތާރީޚު ލިޔުއްވާ އާދަމް ނަސީރު އިބްރާހިމް ފަދަ ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތަކުގެ ފާހަގަކޮށްލާފައިވާ މަދު މިންވަރެކެވެ.

ރާއްޖެ އިސްލާމް ވީއްސުރެ ދީނީ ތަފާތު ޚިޔާލުތަކާއި ފިކުރުތައް ދިވެހިންގެ ތެރޭގައި އަބަދުވެސް އޮތްކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަމާއި ގުޅިގެން އުފެދިފައިވާ ދެބަސް ވުންތަކާއި އެކިވަރުވަރުގެ ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވާ ކަން އެގެއެވެ. މީގެތެރޭގައި ބައެއް ކަންކަމަކީ އިސްލާމްދީން އައުމުގެކުރިން ދިވެހިންގެ ތެރޭގައި އާދަވެ ކުރަމުންއައި ބައެއް ކަންކަން ދޫނުކުރެވި އަދި ދިވެހިންގެ އާދަކާދައެއްގެ ގޮތުގައި ޤަބޫލު ކުރެވިފައިހުރި ކަންކަމުގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔަ ދީނީ ޢިލްމުވެރިންގެ ސަބަބުން އުފެދިގެން ދިޔަމައްސަލަ ތައްވެސް މަދެއްނޫނެވެ. މިފަދަ ޚިޔާލު ތަފާތުވުންތައް ނެތިކޮށް މުޖުތަމައު ބައިބައިވުމުގެ ކުރިން، މިކަންކަމާއި މަޝްވަރާކޮށް ހައްލު ގެންނަންޖެހެއެވެ. ދީނީ ކަންކަމުގައި އަރައިރުންނުވެ، މައްސަލަ ހައްލުކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: