ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯސްޓްގާޑަށް 41 އަހަރު ފުރުން ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.

ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ކޯސްޓްގާޑުގެ ސިފައިންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ކޯސްޓްގާޑުގެ ކޮމަންޑާންޓްގެ ވާހަކަފުޅަށްފަހު މި ރަސްމިއްޔާތުގައި، ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. މިރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ވަނީ ޤައުމީ ސަލާމް ކިޔާފައެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައިންނެވެ.

އެމްއެންޑީއެފް ކޯސްްޓްގާޑުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިންގާ އިޖްތިމާޢީ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލެ ފަޅު ސާފުކުރުމާއި ކ.ގާފަރުގައި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތަޢާރަފްކުރި ތާރީޚް ކަމުގައިވާ 1980 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތް އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

ދިވެހިރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުހިންމު އެއް މަސައްކަތެވެ. ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނާއި ގާތުން އެހީތެރިވުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: