ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު އޮޑިޓް 2017: އައިޖީއެމްއެޗް ފާހާނާ ބަރިއެއް އެޅުމަށް 4.8 މިލިއަން ރުފިޔާ!

އައިޖީއެމްއެޗް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2017 އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފާހާނާ ބަރިޔެއް އެޅުމަށް ގަވާއިދާއި ހިލާފަށް 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން މިނިސްޓްރީ އޮފް ހެލްތުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ 2017 ވަނަ އަހަރުގެ މާލީ ބަޔާންތަށް އޮޑިޓް ކުރުމަށްފަހު އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ފާހަގަކުރައްވާފައި ގޮތުގައި މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އާންމުން ބޭނުންކުރުމަށް ފާހާނާ ބަރިޔެއް އެޅުމަށް 4.8 މިލިއަން ރުފިޔާ ގަވާއިދާއި ހިލާފަށް އައިޖީއެމްއެޗްއިން ހަރަދުކޮށްފައިވެއެވެ. 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ހަތް ފާހާނާއެއް އެޅުމަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފާހާނާ ބަރިއެޅުމަށް ފަސް ފަހަރެއްގެ މަތިން އިއުލާންކޮށްފައިވެއެވެ. އަދި އިއުލާންކުރުމުން ކުރިމަތިލީ ފަރާތްތަކުން ދެ ފާހާނަ ބަރި އެޅުމަށް ހުށަހަޅާފައިވާ އެވްރެޖް އަގަކީ 2،549،901 މިލިއަން ރުފިޔާއެވެ.

އައިޖީއެމްއެޗް އިން އަންދާޒާކުރި އަގަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވާކަމަށް ނިންމާ އެ އިއުލާންތައް ބާތިލްކުރުމަށް ފަހު، ހަތް ފާހާނާ ހިމެނޭ، އެއް ފާހާނަ ބަރި އެޅުމަށް ހަވާލުކޮށްފައިވަނީ 3،498،491 ރުފިޔާއަށެވެ. އަދި ވޭރިއޭޝަން ހިމަނައިގެން ޖުމްލަ 4،801،599 މިލިއަން ރުފިޔާ އައިޖީއެމްއެޗް އިން ހަރަދުކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާގޮތުން، 1.5 މިލިއަން ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދަން ވާނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވިޔަސް ފާހާނާ ބަރިޔެއް އެޅުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާފައެއް ނުވެއެވެ.

އޮޑީޓް ރިޕޯޓުގައިވާ ގޮތުން ހަތް ފާހާނާ ހިމެނޭގޮތަށް ދެ ފާހާނަ ބަރި އެޅުމަށް، ލިބުނު އަގަށްވުރެ ބޮޑު އަގަކަށް އެއް ފާހާނާބަރި އެޅުމަށް ހަވާލުކުރިއިރު، އިއުލާންތައް ބާތިލްކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވާ އައިޖީއެމްއެޗް އިން އަންދާޒާކުރި އަގު، އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، 15 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދަކަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޖުމްލަ އަގުގެ 30 ޕަސެންޓަށްވާ 990,139 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި އަދި، މަސައްކަތުގެ އަގުގެ 10 ޕަސެންޓަށްވުރެ ބޮޑުނޫން އަދަދެއް ވޭރިއޭޝަންގެ ގޮތުގައި އަގަށް އިތުރުކުރެވޭނެކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، ވޭރިއޭޝަންގެ ގޮތުގައި ޖުމްލަ އަގުގެ 35 ޕަސެންޓަށްވާ 1,216,725 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފާހަނާ ބަރީގެ އިތުރުންވެސް ހެލްތު މިނިސްޓްރީއިން ގަވާއިދާއި ހިލާފާށް ހަރަދުކޮށްފައިވާ އެތައް ކަމެއް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ އިތުރުވެފައި ވާ ހާލަތްތަކެއްގައި އަންދާސީ ހިސާބު ހޯދުމަކައި ނުލައި ހަރަދުކޮށްފައެވެ.

އެ ގޮތުން އެ ހޮސްޕީޓަލުގެ ރޭޑިއޮލޮޖިސްޓުންގެ ހިދުމަތް ހޯދުމުގައި ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި 2017 ވަނަ އަހަރު 291،000 ރުފިޔާއާއި 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް 1،230،023 ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. މި ހަރަދުތައް ކުރުމުގައި އަންދާސީ ހިސާބު ހޯދާފައި ނުވާ ކަމަށާއި، އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތި ރޭޑިއޮލޮޖިސްޓްގެ ހިދުމަތް ހޯދާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނަނީ އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެތަކެތި ގަތުމުގައި އާންމުކޮށް އިއުލާންކޮށް އަންދާސީ ހިސާބު ހޯދުމަށް ފަހު އެންމެ އެކަށީގެންވާ ފަރާތާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

އައިޖީއެމްއެޗުން ވަނީ އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ އިތުރުވެފައި ވާ ހާލަތްތަކެއްގައި އަންދާސީ ހިސާބު ހޯދުމަކައި ނުލައި ހަރަދުކޮށްފައެވެ. އަދި އެއްފަހަރާ ގަންނަ ތަކެތީގެ އަދަދު 35،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ހާލަތެއްގައި އެ އަދަދު ބައިބަޔަށް ބަހާލައިގެން އަނދާސީ ހިސާބު ހޯދުމަކާ ނުލައި ތަކެތި ގަނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: