ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު!

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑަރ ކުރެއްވި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނ އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އަންނަ ހަފްތާ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިތާ މިދިޔަ ނޮވެމްބަރު މަހު ވަނީ އެއް އަހަރުވެފައެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ އެއް މިލިއަން ޑޮލަރުގެ ފަސް ގުނަކަމަށް ވާ ފަސް މިލިއަން ޑޮލަރު ވެސް ދައްކަން ހުކުމްކޮށްފައެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި އެކު، އެއީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ޓީމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިމި ހުލާސާ ބަޔާން އިއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ގާނޫނު ލާޒިމް ކުރަނީ 70 ދުވަހުގެ ތެރޭގައި އިބްތިދާއީ މަރުހަލާ ނިންމާލުމަށެވެ. އަދި މައްސަލައިގެ ޝަރީއަތްތައް ނިންމާ ހުކުމް ކުރުމުގެ މަޖިލީސް 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބޭއްވުމަށް ގާނޫނުގެ 151 މާއްދާއިގައި ބުނެެއެވެ.

ޝަރީއަތުގެ ތެރެއިން ރައީސް ޔާމީންގެ ފަރާތުން އެންމެ ފަހު ބަހަކަށް ވިދާޅުވެފައިވަނީ ވޮޑަމުއްލާގެ ވާހަކައިގައި މާބޮޑު ހަރުދަނާ ހެއްކެއް ނެތް ކަމަށެވެ. އަދި މިއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްގެ ގޮތުގައި ބުނާއިރު ތުހުމަތު ބިނާ ވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ބުނުމެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް އެއީ ފާސިގުން ކަމަށާއި، ފާސިގުން އެއީ އަދުލުވެރިގެ ގޮތުގައި ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ހޯދަން ބޭނުންފުޅުވީ ސިޔާސީ މަސައްކަތްތަކަށް ލިބިފައި ހުރި ފައިސާތައް ކަމަށެވެ. އަދި ސިޔާސީ މަސައްކަތެއްގެ ފައިސާތަކެއް ލިބޭނީ ވަކި އިންތިހާބަކާއި ދިމާކޮށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ވޮޑަމުލާގެ މައުޟޫއަށް ތަފްސީލުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ހޯދަން މަސައްކަތް ކުރީ ވޮޑަމުލާގެ ފައިސާކަން އެސްއޯފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފް (މޮހޯ) ގެ ފުލުސް ބަޔާނުން ވެސް އެނެގެން ނެތް ކަމަށެވެ.

އެހެން ކަމުން ރަށުގެ ފައިސާ ހޯދަން މަސައްކަތް ކުރިކަން، އަދި ހޯދާފައިވާކަން ސާބިތުވާނެ ފޯނު ކޯލެއް ވެސް އަދި މެސެޖެއް ވެސް ހުށަހެޅިފައި ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފަހު ފުރުސަތުގައި ވިދާޅުވީ، މިއީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި މައްސަލައިން ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

މަނީ ލޯންޑަރ ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާ، ހުކުމް އިއްވާނެ ތާރީހެއް އިއުލާނު ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނަށް ތުހުމަތުވާ އިތުރު މައްސަލަތަކެއް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: