ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވާނުވާ ބަންދު” ގެ މައްސަލައަށް ހޯދި ވެކްސިންގައި ޝިފާއެއް ނެތް!

މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން، ގާނޫނީ ވަކީލުންނާއި ނޫސްވެރިން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ ޝަރީއަތް ނިމެންދެން މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރާ އަމުރެވެ. ނުވަތަ ގާނޫނީ ވަކީލުން ވިދާޅުވާގޮތަށް ނަމަ “ވާނުވާ ޖެހުން” އެވެ.

ވާނުވާގެ މައްސަލަތަކަށް ހައްލެއް ގެނައުމަށާއި، މިއީ ކިހާވަރެއްގެ ސީރިއަސް މައްސަލައެއްކަން ތިލަކުރީ ގާނޫނީ ވަކީލުންތަކެކެވެ. އޭރު އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދު ކުރުން އެއީ “ވާނުވާ” ޖެހުންކަމަށް ބުނުމާއި އެކު ޖެހުނީ މާފަށް އެދޭށެވެ.

ވަކީލަކު ބޭނުންކުރި އެ ބަސް މީޑިއާތަކުން ވެސް ބޭނުން ކުރަން ފެށީއެވެ. މިހާރުގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަކީ ވާނުވާގެ މައްސަލަތަކާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުންފާޅުކޮށް ވާހަކަ ދެއްކެވި ބޭފުޅެކެވެ. ކުށުގެ ތުހުމަތުކުރެވޭ ގިނަ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ސަބަބުން ޖަލުތައް ދިއައީ ފުރެމުންނެވެ.

ޝަރީއަތް ނިމެންދެން، ކުށުގެ ތުހުމަތު ކުރެވޭ މީހަކު ބަންދު ކުރަނީ، އެ މީހެއްގެ ސަބަބުން މުޖްތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭތީ، ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، ނުވަތަ ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭތީ އެވެ.

އެހެން ނަމަވެސް މީގެ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރާ މީހާ ވާނުވާއެއްގައި ބަންދުވެ، އެ މީހާގެ ޝަރީއަތް ނުފެށި ދެތިން އަހަރު ވެސް ވެގެން ދެއެވެ. އެހެން ނޫނީ މައްސަލަ ކޯޓުގައި ތާށިވެ، ޝަރީއަތްތައް ގަވައިދުން ނުބޭއްވުމުގެ ސަބަބުން އަންނަ ހުކުމަށްވުރެ ޖަލުގައި ހޭދަކުރި ދުވަސްތައް އިތުރުވާފަހަރު އާދެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާނޫނު ހުއްދަކުރަނީ ވަރަށް ނާދިރު ހާލަތްތަކެއްގައެވެ. އަދި އެއީ އެ މީހެއްގެ ފަރާތުން ހަގީގަތުގައި ވެސް މުޖްތަމައުއަށް ނުރައްކަލެއް އޮތްނަމަ އެވެ.

މި އުސޫލުގެ ދަށުން މިހާރު އަމަލު ކުރާ ގޮތަކީ، މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މީހުން، އަދި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމެވެ.

ވާނުވާއެއްގައި ބަންދު ކުރުމުގެ ސަބަބުން ނިކުންނަ މައްސަލަޔަކީ، އެ މީހެއްގެ ޝަރީއަތް ފެށޭނެ ދުވަހެއް އަދި ނިމޭނެ ދުވަހެއް ވެސް އެނގޭނެ ގޮތެއް ނޭނގުމެވެ. ގިނަ ފަހަރަށް ތުހުމަތުވާ މައްސަލަ ނޫނީ އިތުރު މައުލޫމާތެއް އެ މީހަކަށް އެނގޭނެ ގޮތެއް ނޯވެއެވެ. އޭގެ ސަބަބުން އޭނާ ބަންދުގައި ހުންނަން ޖެހޭނެ މުއްދަތަކީ ކޮބައިކަމާއި، އެންމެ އަވަހަށް ވެސް ޝަރީއަތެއް ތާވަލު ކުރާނެ ދުވަހެއް އެމީހަކަށް އެނގޭނެ ގޮތެއް ނޯވެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ، އޭނާ އެ ހައްޔަރު ކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެއެވެ. އަދި ދައުވާ ކުރަންޖެހޭ ވަކި މުއްދަތެއް ބަޔާން ކުރާއިރު، އެއީ ބަންދުގައި ހުރި މީހެއްނަމަ 30 ދުވަސް އަދި ބަންދުން ދޫކޮށްފައި ހުރިނަމަ 45 ދުވަހެވެ.

އެ ގާނޫނުގެ 95 ވަނަ މާއްދާގެ ދައުވާ ކުރުމުގެ މުއްދަތުގެ (ހ) ގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ އެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 10  ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް ކަނޑައަޅާފައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެ ކަމަށެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ގާނޫނުގައި ބުނެފައިވާ މުއްދަތާއި އެއްގޮތަށް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނަމަ، މައްސަލައިގެ ބަންދުގައި ހުންނަ މީހާއަށް އޭނާގެ ހުކުމަކާއި ހަމައަށް ދާނެ ދުވަސް އެނގޭނެއެވެ. އަދި ޝަރީއަތް ކުރިޔަށް ދާނެ ގޮތުގެ ތާވަލު ވެސް އެނގޭނެއެވެ.

ވަކި މުއްދަތެއްގެ ތެރޭގައި ބޮޑެތި މައްސަލަތައް ނިންމާލުމުގެ އެންމެ މުހިންމު އެއް ބޭނުންތަކަކީ އެއީ ހެއްކަށް ނުފޫޒެއް ނާންނަނީސް އެ މަރުހަލާ ނިންމާލެވުމެވެ. އަދި ހެކި ބަސް ދޭން ހުރި މީހާގެ ހަނދާނުން އެ މައްސަލައެއްގައި ކަންހިނގައިދިޔަ ގޮތް ކައްސާލައިގެން ނުދަނީސް ސާފުކޮށް އެކަން ޝަރީއަތުގައި ބަޔާން ކުރުމެވެ.

އޭގެ އިތުރުން އަނިޔާ ލިބުނު މީހާއަށް އެ ލިބެންޖެހޭ އިންސާފަށް އެއްވެސް ހުރަހެއް ނައިސް އެ ޕްރޮސެސް ނިމި ހުކުމް އިއްވުމެވެ.

ޝަމީމް އޭނާގެ ބްލޮގުގައި މި މައްސަލައަށް ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައިވާއިރު އޭގެ ހައްލު ވެސް ހިމެނިއެވެ. އަދި ވިދާޅުވީ “ވާނުވާ” ގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތްތައް ހިންގުމަށްޓަކައި، އޮތް އެންމެ އުފެއްދުންތެރި ހައްލަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ކޮންޓިނިއުއަސް ހިއަރިންތައް ބޭއްވުން ކަމަށެވެ.

މާނައަކީ ދެ ފަރާތަށް ވެސް ތައްޔާރުވާން އެކަށީގެންވާ ވަގުތުތައް ދިނުމާއި، ލިޔެކިއުންތައް ހަމަކޮށް، ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ހަމަޖެހި ޓައިމްލައިނެއް އެކުލަވާލުމެވެ. އަދި ކައިރި ކައިރީގައި އަޑުއެހުންތައް ތާވަލު ކުރުމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ޖިނާއީ ބޮޑެތި މައްސަލަތައް އެ ދުވަހެއްގެ ހެނދުނުން ފެށިގެން ހަވީރުވަންދެން ކުރިޔަށް ގެންދެއެވެ. ޝަރީއަތެއްގައި އޮންނަ ތިން މަރުހަލާކަމަށް ވާ އިބްތިދާއީ މަރުހަލާ އާއި، ހެކިން ހާޒިރު ކުރުން އަދި ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދީ ހުލާސާ ބަޔާން އިއްވުމެވެ.

އެއަށްފަހު މައްސަލައިގައި ފާހަގަކުރެވޭ ކަންކަމަށް ބިނާކޮށް ހުކުމް އިއްވޭނެއެވެ.

ވާނުވާގެ މައްސަލައެއް ދާދިފަހުން ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔައެވެ. އެއީ ގާނޫނުގައި ބުނެފައިވާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ބަންދު ރިވިއު ކުރުމުގެ މައްސަލައެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކުށެއްގެ ތުހުމަތުގެ ބަންދުގައި ހުރި އެ މީހާގެ ބަންދު ރިވިއު ނުކުރުމުން ދެން ވާނެ ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތެވެ.

ބަންދު ރިވިއުނުކުރި ހަތަރު މައްސަލައެއް ހައިކޯޓަށް ހުށަހަޅައިގެން، އެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މައްސަލައިގައި ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެކަމަށް ނިންމިއިރު އަނެއް މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އެ ހާލަތުގައި އެ ބަންދެއް ޤާނޫނާއި ހިލާފުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ދޫކުރަން ނުޖެހޭނެ ކަމަށް ނިންމި ތިން މީހުންގެ މައްސަލައެވެ.

ސުޕްރީމް ކޯޓުން މައްސަލައިގައި މިދިޔަ ހަފްތާގައި ބުނެފައިވަނީ، ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް ބަންދުގައި ބެހެއްޓޭނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އަދި ބަންދު ރިވިއު ނުކުރާ ކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނު މަގްސަދެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ހުކުމުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރު ބާތިލް ނުކުރަނީސް، އެ މީހުން ބަންދުން ދޫވާނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ. ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުވާ ކޮންމެ ފަހަރަކު މުޅި މައްސަލަ ބާތިލުވެ، ބަންދުގައި ހުންނަން ޖެހޭ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ގިނަ އިޖްރައާތުތަކަކީ މުޅި މައްސަލައަށް އަސަރު ނުކުރާނެ ފަދަ އިޖްރައާތުތަކެއް ކަމަށާއި ބަންދުގެ މައްސަލަތައް ރިވިއު ކުރުމަކީ ވެސް އެފަދަ އިޖްރައާތެއްގެ ގޮތުގައި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުން އެނގިގެން ދިޔަ އެއްކަމަކީ ހުކުމަކާއި ނުލާ ޖަލު ބަންދުގައި އެތައް ބަޔަކު ތިބިކަމެވެ. ދައުލަތުން ބުނާ ގޮތުންނަމަ ވާނުވާ ބަންދެއްގައި ތިބީ ގާތްގަނޑަކަށް 320 މީހުންނެވެ. އަދި އެ މީހުންގެ އަޑުއެހުންތައް ކޮންޓިނިއުއަސްކޮށް ކުރިޔަށް ގެންގޮސް ބަންދާއި މެދު ގޮތެއް ނިންމޭނެ ކެޕޭސިޓީއެއް ރާއްޖޭގެ ކޯޓުތަކުގައި ނެތް ކަމަށެވެ.

މި މައްސަލައަށް އެންމެ ފުރިހަމަ ރައްދެއް ދެއްވީ، ގާނޫނީ ވަކީލު މަހުފޫޒް ސައީދެވެ. އޭނާ ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ވާހަކަތަކާއި، އަދި ވަސީލަތް ނެތްކަމަށް ބުނެ ދައްކާވާހަކަތަކަކީ މަސައްކަތް ނުކުރަން ދައްކާ ބަހަނާތަކެއް ކަމަށެވެ. އަދި ބަންދު ރިވިއު ކުރުމުގެ ކެޕޭސިޓީ ކޯޓުތަކުގެ ނެތް ކަމަށް، ބުނެވޭނެ ޖާގައެއް ނެތްކަމަށް މަހުފޫޒް ވިދާޅުވިއެވެ. މިއީ ދައުލަތުން ގެންގުޅޭ ވަރިހަމަ އުސޫލެއް ކަމަށާއި، ވާނުވާ ރިވިއު ކުރުމުގެ މައްސަލާގައި ހައި ކޯޓުން ތިން މައްސަލައެއް ދައުލަތާ އެއްކޮޅަށް ނިންމާ، ދެން އޮތް މައްސަލާގައި ދައުލަތާ ދެކޮޅަށް ނިންމާފައި އޮތަސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ނުކުރާނެ ކަމަށް މަހުފޫޒް ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދައުލަތުން ގަބޫލު ނުކުރާ އުސޫލަކަށް ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުން، އެޅި އެއްވެސް ފިޔަވަޅެއް ނެތުމުން ކަމަށް މަހުފޫޒް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ ބަންދު ރިވިއު ނުކުރިޔަސް، އެއީ އޮޓަމެޓިކުން ބަންދުން ދޫވެގެންދާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ގާނޫނުގައި ބުނެފައިވާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ބަންދު ރިވިއު ނުކޮށްފި ނަމަ އިހުމާލުވި ބަޔަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ވީ ނަމަވެސް، ޝަރީއަތްތައް ނިންމާ ހުކުމް ކުރަންޖެހޭ 30 ދުވަހުގެ މުއްދަތު ފާއިތުވާއިރު ވެސް ހުކުމް ނުކޮށް ހުންނަ މައްސަލަތައް މަދެއް ނޫނެވެ. ހަގީގަތަކީ “ވާނުވާ ބަންދު” ގެ މައްސަލައަށް ހޯދި ވެކްސިންގައި ޝިފާއެއް ނެތް ކަމަވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: