ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑާޝިޕަށް ބިރު ދައްކާ ދައުވާކޮށްގެން، ފަހަތަށް ޖެހޭނެހެން ހީވުމަކީ ކުށް ހީއެއް: އިދިކޮޅު

އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންވާ ބައެއް ބޭފުޅުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ގެ މައްޗަށް ސިޔާސީ ދައުވާއެއްކޮށް ބިރުދައްކާ ފަހަތަށް ޖައްސާލެވިދާނެކަމަށް ހީވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކުށް ހީއެއްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެއް މި މަހުގެ 31 އަށް ވަނީ ތާވަލުކޮށްފައެވެ.

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުމުން ބަޔާނެއް ނެރެ، ޕީޕިއެމް ޕީއެންސީއިން ބުނެފައިވަނީ ޕާޓީގެ ލީޑާޝިޕާއި، ޕާޓީގެ މެމްބަރުންނާއި ގޮތުން އެކި މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅަމުން ގެންދަނީ ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި، ނަފްރަތު ލިބި ގޮތް ހުސްވުމުން ކަމަށެވެ. އަދި މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ދައުވާތައްކޮށް ހުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ،  ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅަށް ލިބެން އޮތް ކާމިޔާބީ ތަސައްވަރު ކުރެވޭނެ ކަމަށެވެ.

އިދިކޮޅުން ބުނެފައިވަނީ، މިވަގުތު ޕާޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަކީ ބަޔަކު ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކިތަންމެ ގިނަ ދައުވާއެއް އުފުލިޔަސް، ސިޔާސީ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.

“މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު އެވެ. ހަމައެގޮތުގެ މަތިން މިކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫންކަމުގައިވެސް މިފުރުޞަތުގައި ދަންނަވަމެވެ.” ޕްރޮގްރެސިވް ކޯލިޝަން

ސަރުކާރަށް ރައްދު ދީ، ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ އިދިކޮޅުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރިޔަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރަން ކުރާ މަސައްކަތްތައް ކުރިޔަށް އޮތްތަނުގެ ތެރޭގައި ވަރުގަދަވާނެ ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީނަށް ރައްޔިތުން ކުރާ ތާއީދާއި އެމަނިކުފާނަށް ރައްޔިތުން ކުރާ ލޯބި ސަރުކާރަށް ދައްކާނީ ވޯޓު ފޮށިން ކަމަށެވެ.

“ތިފަދަ ތާކުން ތާކު ނުޖެހޭ ކަންކަން ކޮށްގެން މިކޯލިޝަން ބަލި ކުރެވިދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އަދި މިފުރުޞަތުގައިވެސް އެފަދަ ތާކުން ތާކު ނުޖެހޭ ފިނޑި ކަންކަން ކުރުން ހުއްޓާލުމަށާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަން ކުރުމަށާއި، ކޯޓުތަކަށާއި ޖުޑިޝަރީއަށް އަތްބާނައިގެން ކޯޓުތަކަށް ފޯރުވަމުން ގެންދާ ސިޔާސީ ނުފޫޒުން ކޯޓުތައް މިނިވަންކޮށް އަދި ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށްވެސް ގޮވާލަމެވެ.” ޕްރޮގްރެސިވް ކޯލިޝަން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނ މިއީ ޕީޕީއެމް، ޕީއެންސީގެ މަސައްކަތްތަކަށް ހުރަސްއަޅާ، އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކުރާ ދައުވާއެއް ކަމަށެވެ.

ޕީޕީއެމް، ޕީއެންސީއިން ބުނެފައިވަނީ މިއީ އިދިކޮޅަށް ބިރު ދެއްކުމުގެ ގޮތުން ކުރި ދައުވާއެކެވެ.

ހަޑިހުތުރު ބަސްތައް ބޭނުން ކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު، އޭނާ އަކީ މަޖިލީހުގެ މެމްބަރުކަން އަދާ ކުރެއްވިއިރު ވެސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވާގަޑިތަކުގައި ވެސް އެފަދަ މޭރުމުން ވާހަކަ ދައްކަވާ ބޭފުޅެކެވެ.

ސީދާ މަޖިލީހުގެ ތަޅުމުގައި ނޫން ނަމަވެސް އެފަދަ ވީޑިއޯތައް މިދިޔަ ދައުރުގެ ތެރޭގައި ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. އަދި ދާދި ފަހުން ވެސް އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ މައްސަލައިގައި ފުލުހަށް ހާޒިރު ކުރުމުން، ލައިވް ކުރަމުން ދިޔަ އެ އިންޓަވިއުގައި ވެސް އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: