ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ވިދާޅުވި ބާޒުތައް އަންނަ ދުވަސް ކައިރިވަނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެތައް ބައިވަރު ސިޔާސީ ޕާޓީތަކެއް ރަޖިސްޓްރީކޮށްފައިވާއިރު، މައިގަނޑުގޮތެއްގައި ސިޔާސީ ހަރަކާތްތައް ހިންގާ ދެ ޕާޓީއެއް ގޮތުގައި އޮންނަނީ އެމްޑީޕީއާއި ޕީޕީއެމްއެވެ. ޕީޕީއެމްއާއިއެކު ދެން މަސައްކަތް ކުރަނީ ޕީއެންސީއެވެ. ސަރުކާރު ނިސްބަތްވާ މައި ޕާޓީ އެމްޑީޕީއާއެކު، ކޯލިޝަންގައި ދެތިން ޕާޓީއެއްވެސް ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް، މާބޮޑު ސިޔާސީ ހަރަކާތްތައް އެޕާޓީތަކަކުން ނުފެނެއެވެ.

ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ވަރުގަދަ ޕާޓީ އެމްޑީޕީގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރިމަަށް ބުނެ ދޭތެރެއަކުން ވާހަކަތައް ދެކެވެއެވެ. މީޑިއާތަކުން އެފަދަ ވާހަކަތައް ރިޕޯޓު ކުރިޔަސް، ޕާޓީގެ ލީޑާޝިޕުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަދި އެ ވާހަކަތައް ދެގޮއް ވެސް ނުކުރެއެވެ.

މަޖިލީހުގެ ތެރޭގައި މެމްބަރުން ދައްކަވާ ވާހަކަތަކާއި، އަދި ޖަލްސާތަކާއި ޓީވީ ޕްރޮގްރާމުތަކުގައި ވާހަކަ ދައްކަވާއިރު ނުސީދާގޮތެއްގައި އަބަދުވެސް ޕާޓީގެ ކޮންމެސް އިސް ފަރާތަކަށް ފާޑުވިދާޅުވެއެވެ. އެކި މައްސަލަތަކާއި، ޕާޓީން ނިންމާ ނިންމުންތަކާއި މެދު ހިތްހަމަނުޖެހި ސޯޝަލް މީޑިއާއަށް އެ ނުރުހުން ގިނަ ފަހަރަށް ދޫކޮށްލައެވެ. އެކަމާއި ބެހޭ ސުވާލުތައް އަމާޒުވުމުން އެމްޑީޕީއިން އަބަދުވެސް ދިން ޖަވާބަކީ، ހިޔާލުތަފާތުވެ ދެ ބަސްވާ ކަންތައް މެދުވެރިވާ ކަމަށާއި، އެއީ ޑޮމޮކްރަސީގެ މިސާލެއް ކަމަށެވެ. އަދި ޕާޓީގެ ހިންގުން ކުރިޔަށް ދަނީ އެ އުސޫލާއި އެއްގޮތަށް ކަމަށް މެމްބަރުން ގަބޫލު ކުރެއެވެ.

މިވަގުތު އަނެއްކާވެސް މީޑިއާތަކުގައި ވާހަކަތައް ދެކެވެނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ގުޅޭގޮތުންނެވެ. ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، ލީޑާޝިޕްގެ ޓްވީޓުތަކެއް މި ދެދުވަހު ފެނިގެން ދިޔައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ދުވަސް ވަރު ޕާޓީ ދޫކޮށް ގިނަ މެމްބަރުން ވަޑައިތެވެ. އަދި އެ ދުވަސްވަރު ބައެއް މެމްބަރުންގެ އަޑުތައް ޕާޓީގެ ތެރޭގައި ގަދަވެގެން ވެސް ދިޔައެވެ. ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ އެއްދުވަސް ކުރިން، ޕާޓީގެ ސަޕޯޓަރުންނާއި މުހާތަބުކޮށް ގަޑިއިރެއްހާއިރު ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެންމެ އަޅައިގަތް އެއް ވާހަކައަކީ ޕާޓީގެ ތެރެއަށް އެއްވެސް ބައެއްގެ ބާރު އަޔަ ނުދިނުމަށް ދެއްކެވި ވާހަކައެވެ. އަދި އެމަނިކުފާނު ނެތް ދުވަހަކުން ޕާޓީގެ މައްޗަށް އަތް ގަދަ ކުރުމަށް ބަޔަކު އަންނާނެ ކަމާއި، އެއީ ޕާޓީ ހަލާކުކޮށްލާނެ ބާޒުންތަކެއްގެ ގޮތުުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އެ ވާހަކަ އިޝާރާތް ކުރެއްވީ ކޮން ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި ނުސީދާ ގޮތެއްގައި ވަކި ބައެއްގެ ވާހަކަ ވެސް ރައީސް ޔާމީން ވިދާޅުވެފައި ނުވެއެވެ. އެހެން ނަމަވެސް އެ ވާހަކަ އެ ދެއްކެވީ، ރައީސް ޔާމީނަށް ހުކުމެއް އައިސް ޖަލުގައި ހުންނަވާއިރު ޕާޓީގެ ތެރޭގައި ނުފޫޒު ބޭނުން ކުރަން މަސައްކަތް ކުރާނެ ބަޔަކު ތިބޭނެކަން އެނގި ހުންނަވާއެވެ. އެއީ ބޭރުން އައިސް ޕާޓީއަށް ސޮއިކޮށް، ޕާޓީގެ ލީޑާޝިޕަށް އަންނަން މަސައްކަތް ކުރާނެ ބަޔަކަށް ކަމުގައި ވެސް ވެދާނެއެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ލީޑާޝިޕަށް ބަދަލުތަކެއް އައިއިރު، ރައީސް ޔާމީނާއި އެންމެ އަރިސް ބައެއް ބޭފުޅުން މިވަގުތު މަސައްކަތް ކުރަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ އެކުއެވެ.

ރައީސް ޔާމީންގެ ހުކުމަށްފަހު، ސިޔާސީ އެކި އެކި ޓްވީޓުތައް ކުރައްވާ، ޕީޕީއެމްގެ ތެރެއަށް ފަސޭހަކަމާއި އެކި ވަދެވަޑައިގަތީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ކުޑަދުވަސްކޮޅަކަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަޙީދު ހަސަން ވެސް ޕާޓީއަށް ސޮއި ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. ޝަހީމް އަލީ ސައީދު ވެސް ސިޔާސީ މަސައްކަތް ކުރެއްވުމަށް ޕީޕީއެމާއި އަލުން ގުޅިވަޑައިގަތެވެ.

މީގެ ތެރެއިން ރައީސް ޔާމީނާއި ފާޅުކަން ބޮޑު ގޮތެއްގައި އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކަށް ވެގެންދާނީ މިހާރު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ޑރ. ޖަމީލެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނައިބްރައީސަކަށް ހުންނަވަނިކޮށް، ވެރިކަމަށް ދެއަހަރު ނުވަނީސް ޑރ ޖަމީލް މަގާމުން ދުރުކޮށްފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއްގައެވެ. އަދި އެއަށްފަހު 2018ގެ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް، އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އުފެއްދެވި މޯލްޑިވްސް ޔުނައިޓެޑް އޮޕޯޒިޝަންގެ ލީޑަރެއްގެ ގޮތުގައިވެސް ހުންނެވީ ޑރ ޖަމީލެވެ. މިހުރިހާ ކަމަކަށްފަހުވެސް ޑރ ޖަމީލް އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި ގުޅިވަޑައިގަތުންވީ ގިނަ ބަޔަކު ހައިރާން ކުރުވަނިވި ކަމަކަށެވެ.

ރައީސް ޔާމީންގެ ޝަރީއަތްތަކަށް ނުވަތަ، އެމްއެމްޕީއާރުސީގެ މައްސަލައަށް ބަލާލާއިރު އެންމެ ގިނަ ބައެއް ގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމަކީ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާއިރު، ނައިބް ރައީސް އަހުމަދު އަދީބަށް ގޭގައި ހުންނެވުމަށް ފުރުސަތު ލިބިފައިވާތީއެވެ. ރައީސް ޔާމީންގެ އެންމެ ފަހުގެ ޝަރީއަތުގެ މަޖިލީހަށްފަހު، ޑރ. ޖަމީލް ނޫސްވެރިންނާއި ބައްދަލުކުރައްވައި ވިދާޅުވީ އަދީބު އަމީން އެވެނިއުގައި ބަހައްޓާފައު ހުރީ އިދިކޮޅު ކޯލިޝަން ހަލާކު ކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވަން ޖެހުނީވެސް އަދީބުގެ ނަހަށް ހެއްލި ބައެއް ވަޒީރުން ކުރެއްވި ކަންތައްތަކެއްގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ. އަދި ޕީޕީއެމްއާއި ޕީއެންސީ ހަލާކު ކުރީ އަދީބު ކަމަށާއި އެ ދެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފައްދާ އެކި ވަހުމްތައް އުފެއްދީވެސް އަދީބުކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މިހާރު ފެންނަނީ ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއެވެ. އަބްދުއްރަހީމް ވިދާޅުވާ ގޮތުގައި ބާޒުތަކުގެ ކަންތައް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަތައް ދައްކަމުންދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ކަމަށާއި ޕާޓީ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޕާޓީގެ ތެރޭގައި އަދި ލީޑާޝިޕްގައި މައްސަލަތައް އުފެއްދުމަށް ކުރަމުންދާ ކަމެއްކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށެވެ. އަދި ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ޕާޓީއަށް އެބައޮތް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިހާހިސާބުން ސުވާލު އުފެދެނީ ޑރ ޖަމީލް އެދުވަހު ދެއްކެވި ވާހަކަތަކާއި މެދުގައެވެ. އަދި އަބްދުއްރަހީމް ދެއްކެވި ވާހަކަތަކާއި ޑރ ޖަމީލް ދެއްކެވި ވާހަކަތަކާއި ކޮންމެެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރުމުން އެކަމާއިމެދުއެވެ. ރައީސް ޔާމީން އެވިދާޅުވި ބާޒުގެ ކަންތައްގަނޑު ފެށެން އުޅެނީކަމަށް ވުންވެސް އެކަށީގެންވެއެވެ.

ސިޔާސީ މައިދާނުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދައުރަކީވެސް މުހިންމު ދައުރެކެވެ. ސަރުކާރު ޒިންމާދާރުކުރުވުމުގައި މުހިންމު ދައުރެއް އިދިކޮޅުން އަދާކުރާނެއެވެ. އެހެންނަމަވެސް، ބަދަހިކަމެއް ނެތި އެބުނާ ފަދަ ބާޒުތަކެއްގެ ޝިކާރައަކަށް އިދިކޮޅު ކޯލިޝަން ވެއްޖެނަމަ، އެއީ ރައީސް ޔާމީނަށާއި އިދިކޮޅު ކޯލިޝަންގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހަށްވެސް އަންނާނެ އަޑިގަނޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: