ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫ ކްލަސްޓާ: ބަލި ނެތްކަން ޔަގީން ކުރަން ފަސް ރަށަކުން ރެންޑަމް ސާމްޕަލް ނަގަނީ!

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުންގެ ތަރުޖަމާނު ޑރ. ނަޒްލާ/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟
ގއ އަތޮޅުގެ ތިން ރަށަކުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، އެ އަތޮޅުގެ އިތުރު ރަށްތަކުގައި ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
ގއ. ދެއްވަދޫއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 43 އަށް އަރާފައެވެ. އަދި އެ ލ. ފުނަދޫއިން ހަތަރު މީހަކު ޕޮޒިޓިވެފައި ވާއިރު، ދާންދޫއިން ދެ މީހަކު އަދި އެ ކޭސްއާއި ގުޅުން ހުރި ދެ މީހަކު ހުޅުމާލެއިން ވަނީ ޕޮޒިޓިވެފައެވެ. އަދި ގއ. ވިލިގިލިން އެކަކު ބައްޔަށް ޕޮޒިޓިވް އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ، އެ ކްލަސްޓާއާއި ގުޅުން ހުރި 255 މީހަކު މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 100 މީހުން އެއީ ހައިރިސްކު މީހުން ކަމަށް މައުލޫމާތު ދެއެވެ. ކްލަސްޓާއާ ގުޅުން ހުރި މީހުންނާއި ކޮންޓެކްޓުވީ، 750 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ.
ރެންޑަމް ސާމްޕަލް ނެގުމާއި ގުޅޭ ގޮތުން އެޗްއީއޯސީން ބުނީ ގއ. އަތޮޅުގެ ތިން ރަށަކުން ބައްޔަށް ޕޮޒިޓިވް މީހުން ފެނުމާއި ގުޅިގެން ދާންދޫ، ކަނޑުހުޅުދޫ، މާމެންދޫ އާއި ގެމަނަފުށި އަދި ކޮލަމާފުށިން ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށެވެ. ސާމްޕަލްތައް ނަގަނީ، އެ ރަށްތަކުގައި ބަލި ނެތްކަން ޔަގީންކުރުމަށް ކަމަށް އެޗްއީއޯސީން އިން ބުނެއެވެ.
އެޗްއީއޯސީއިން ވަނީ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގުމަށް އިލްތިމާސްކޮށްފައެވެ. އަދި ދެއްވަދޫއިން މި މުއްދަތުގައި އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވަނީ ބުނެފައެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގއ. ގައި ދަތުރު ކުރާ ފެރީ، “ކޮއިމަލާ-4” އިން ދަތުރުކުރި މީހުން ކަރަންޓީނު ވާން އިއްޔެ ވަނީ އަންގާފަ އެވެ.
ޑިސެމްބަރު މަހުގެ 25 ގެ ފަހުން ދެއްވަދޫއިން ދަތުރުކޮށްފައި އައި މީހެއްނަމަ މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ވެސް އަންގާފައި ވެއެވެ. އަދި އެ ކްލަސްޓާއާ ގުޅުންހުރި މީހުން ފެނިގެން ގަމާއި ފޮނަދޫއަށް ވެސް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.
ދެއްވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުނާ ގުޅުން އޮތް ބަޔަކު ދާންދޫގެ އިތުރުން އެ އަތޮޅު ވިލިނގިލިން އެ ބައްޔަށް ޕޮޒިޓިވް ވެގެން، އެ ދެ ރަށް ވެސް މިހާރު އޮތީ މޮނިޓަރިންގަ އެވެ. މި ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް މޮނިޓަރިންގައި އޮތްއިރު އެ ރަށްރަށުގެ ސުކޫލުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. އަދި މާސްކު އެޅުން މަޖުބޫރުކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ދެއްވަދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައި މާލޭން އެ ރަށަށް ދިޔަ އާއިލާއެއްގެ ތެރެއިން ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. އާއިލާއިން ކަރަންޓީނުގެ އުސޫލާއި އެއްގޮތަށް ދުވަސް ހަމަކޮށް، ކަރަންޓީނުން ވީއްލުމުގެ ކުރިން ނެގި ސާމްޕަލްތަކުގެ ތެރެއިން ކުއްޖާގެ ސާމްޕަލް ޕޮޒިޓިވްކަމަށް އެނގިއެވެ. އެކަމަކު އޭގެ ފަހުން ރަށުގެ ސިއްހީ މަރުކަޒުން ވަނީ، އެއީ އޮޅުމެއްކަމަށް އާއިލާއަށް އަންގާފައެވެ.
ދެއްވަދޫގައި ކޮވިޑު ފެތުރެން ފެށީ، ބަލި ޖެހުނު ތުއްތު ކުއްޖާއަށްފަހު ކަމަށް ވާހަކަ ދެކެވެނުނު ނަމަވެސް، ހެލްތް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ރަށުގައި ނޭނގި ބަލި ފެތުރޭތާ ދުވަސްތަކެއް ވެފައިވާކަމަށް ބެލެވޭކަމަށް ބުނެފައެވެ. އަދި މިއީ ސީދާ ކަރަންޓީނުގައި ހުރި މީހެއްގެ ފަރާތުން ނޫނަސް އެހެން ގޮތަކަށް، ޓްރާންމިޓުވީ ކޭސްއެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: