ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމުރާއި ހިލާފަށް ކަސްޓޯޑިއަލްގައި ހުރި މީހެއް، ރިމާންޑަށް ގެންދަން ދައުލަތަށް 48 ގަޑިއިރު!

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގެ އިސް ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދަށް ލުޔެއް ނުދޭން ނިންމި ނަމަވެސް، ކޯޓު އަމުރާއި ހިލާފަށް ބަންދުގައި ހުރި އެކަކު ފުލުހުންގެ ދަށުގައި ހުރި ކަސްޓޯޑިއަލް ޖަލުގައި ބަހައްޓާފައިވާތީ އެކަން އިސްލާހުކޮށް އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމަށް 48 ގަޑިއިރުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދައުލަތަށް ދީފިއެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސް ކުރިއެވެ. އަދި އެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ބައެއް ގެތަށް ބަލާ ފާސްކޮށްފައެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 130 ކިލޯއަށް އަރައެވެ. ފުލުހުން ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމް ފިޓަމިން އާއި ހެރޮއިން އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މައްސަލައިގެ އިބްތިދާއީ މަރުހަލާއެވެ. ޝަރީއަތުން ވަނީ މައްސަލައިގައި ދިފާއަށް ބޭނުންވާ ލިޔެކިއުންތައް ހަމައަށް ލިބިފައިވޭތޯ ސުވާލުކޮށްފައެވެ. ބަންދު ރިވިއު ކުރުމުގެ މަރުހަލާގެ ތެރެއިން ދައުލަތުން އެދުނީ، މައްސަލައިގައި ބަންދުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓައިދިނުމަށެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނެފައިވަނީ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރުމަތިވުމެވެ.

ދިފާއި ވަކީލުންގެ ފަރާތުން ވަނީ އެ މީހުން ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. މައްސަލައިގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ، މުހައްމަދު ރިޔާދުގެ ވަކީލެވެ. އޭނާ ބުނެފައިވަނީ، ރިޔާދު ނެތުމުން އާއިލާއަށް ގޮންޖެހުންތަކެއް ދިމާވަމުން ދާ ކަމަށެވެ. ވަކީލު މުހައްމަދު ރާގިބު ވިދާޅުވީ، ރިޔާދުއަކީ މީގެ ކުރިން މިފަދަ އެއްވެސް ކުށެއްގައި ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށާއި، އޭނާގެ ކުށުގެ ރިކޯޑު ސާފު ކަމަށެވެ. މަސްތުވާތަކެތި އަތުލައިގަތް ދޯނީގައި، ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގަމުންދާކަން އޭނާއަށް އެނގިފައި ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.

އަހުމަދު މޫސާގެ ވަކީލެއްގެ ގޮތުގައި ހުންނެވި، އާދަމް ޝަމީމް ވެސް ވިދާޅުވީ، އޭނާގެ މުވައްކިލުއަކީ ކުށުގެ ރިކޯޑު ނެތް މީހެއް ކަމަށެވެ. އަދި އަހުމަދު މޫސާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވުނު މީހެއް ނޫން ކަމަށް ވިދާޅުވިއެވެ. ބަންދުން ދޫކުރަން ނުޖެހޭ ސަބަބެއްގެ ގޮތުގައި ހެއްކަށް ނުފޫޒު ފޯރުވުން ދައުލަތުން ފާހަގަ ކުރާއިރު، ކުށެެއް ނުކުރާ މީހެއްގެ އެފަދަ ނިޔަތެއް އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ، އަސީލް މާހިރުގެ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވީ އަސީލް ބަންދުގައި ހުރިއިރު ފުލުހުން އޭނާއަށް އެކި ގޮތްގޮތުން އަނިޔާކޮށްފައިވާ ކަމަށެވެ. ކުށެއްގެ ތުހުމަތު ކުރެވުމަކީ މީހަކަށް އަނިޔާ ދިނުން ނޫންކަން ފާހަގަކޮށް ވަކީލު ވިދާޅުވީ، ފުލުހުންގެ އަނިޔާތަކުގެ ސަބަބުން އަސީލްގެ ފައިގެ އިނގިލި ބިނދައިގެން ގޮސްފައިވާ ކަމަށެވެ.

އަސީލްގެ އެހެނިހެން ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ވަކީލު ވިދާޅުވީ އޭނާގެ ލޮލުގެ ފެނުމަށް އަސަރު ކުރަމުންދާ ކަމަށެވެ. އަދި އޭނާ ގަވައިދުން ޑޮކްޓަރަށް ދަައްކަން ޖެހޭ ކަމަށާއި، އެދުމަކީ ބަންދުން ލުޔެއް ދިނުން ކަމަށް ވަކީލު ވިދާޅުވިއެވެ.

ޝަހީދު ދެއްކެވި ވާހަކައިގެ ރައްދުގައި ދައުލަތުން ބުނީ، ބަންދުގައި ހުއްޓައި އެފަދަ އަނިޔާއެއް ލިބިފައިވާނަމަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލަ ބެލޭނެ ކަމަށެވެ. އަދި ސިއްހީ ހާލަތައި މެދު، އަސީލްގެ ފަރާތުން ދައުލަށް ސިޓީއެއް ލިބިފައިވީނަމަވެސް، އެކަން ސާފުވާ އިތުރު އެއްވެސް ބަޔާނެއް ނުވަތަ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ހުޅުމާލޭގެ ފަޅުތެރެއިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން އެންމެ ބޮޑު ތުހުމަތެއް ކުރަނީ، ޝަހީބު އިބްރާހިމްގެ މައްޗަށެވެ. މިއަދުގެ އަޑުއެހުމުގައި ޝަހީބުގެ ވަކީލު ވިދާޅުވެފައިވަނީ، ޝަހީބަށް ވަރަށް ގިނަ ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަފްސާނީ ގޮތުން އޭނާއަށް ކުރަމުންދާ އަސަރުތަކާއި، އަދި ނާރުގެ މައްސަލަތަކެއް ހިމެނޭކަމަށް ޝަހީބުގެ ވަކީލެއްގެ ގޮތުގައި ޝަރީއަތަށް ވަޑައިގެންނެވި އާދަމް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ޝަހީބު ގަވައިދުން ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ. އަދި، އެ ކަންކަން ކުރިޔަށް ގެންދިއުމަށް ބަންދުން ދޫކޮށްދޭން އެދުނެވެ.

ފުރުސަތަކަށް އެދި، އަމިއްލަ ހާލަތާއި ގުޅޭގޮތުން ޝަހީބު ވިދާޅުވީ އޭނާއަށް ނިދަން އުނދަގޫތަކެއް ވާ ކަމަށެވެ. އަދި އެއް ރޭ ކުއްލިއަކަށް ނިދިން ހޭލެވުނުއިރު، ގައިގެ އެއް ފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް، ވާގި ގޮސްފައިވާ ކަމަށް ޝަހީބު ބުންޏެވެ. ޝަހީބު ބުނެފައިވަނީ އޭނާ ނާރުގެ ޑޮކްޓަރަކަށް ދެއްކުމުގައި ލަސްކޮށްފައިވާ ކަމަށެވެ.

ޝަހީބުގެ ވާހަކައަށް ފަހު ދައުލަތުން ބުނީ، ސިއްހީ މައްސަލައެއް ހުރުމަކީ އެއީ، ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ، ޝަހީބުގެ ސިއްހީ ހާލަތު ގޯސްކަމަށް ބުނެ، އެއްވެސް މައުލޫމާތެއް ޕީޖީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މީގެ ކުރިން އެފަދަ ވާހަކައެއް ޝަހީބު ދައްކާފައި ނުވާކަމަށް ވިދާޅުވިއެވެ.

ދައުލަތުން ދެއްކެވި ވާހަކަ، އާސިފް ވަނީ ދޮގުކޮށްފައެވެ.

ދައުލަތާއި ޝަރީއަތުން ސުވާލުތަކެއް އަމާޒުވީ، މައްސަލައިގައި ބަންދުކޮށްފައިވާ އިގުބާލް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރުމުންނެވެ. ރިމާންޑުގައި ހުންނަން ޖެހޭ މީހެއް، ކަސްޓޯޑިއަލްގައި ބަންދުގައި ހުރުމުގެ ސަބަބުން އިގްބާލްގެ ވަކީލު ވަނީ އެކަމުގެ ކަންބޮޑުވުންތައް ޝަރީއަތަށް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި ދައުލަތުން ބުނީ، އިގްބާލް ދޫނިދޫ ޖަލުގައި ބަހައްޓާފައި ހުރީ، ބަންދު ކުރާނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން ކަމަށެވެ.

ދައުލަތުން އެގޮތަށް ބުނުމުން، މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަނީ، ބަންދުގައި މީހުން ބައިތިއްބާނެ ތަނެއް ނެތީސް، ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމުގެ އަމުރަށް ދައުލަތުން އެދެނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކޮށްފައެވެ. އަދި ކޯޓުގެ އެންގުންތަކަށް ދައުލަތަށް އަމަލު ނުކުރެވެނީ ކީއްވެގެން ތޯ ވިދާޅުވިއެވެ. ރައްދުގައި ދައުލަތުން ބުނީ، އެއީ ފިލާފާނެ ކަމަށް ބެލެވޭތީ އާއި، މުޖްތަމައުއަށް އޭނާގެ ފަރާތުން ނުރައްކަލެއް އޮތުމުން ކަމަށެވެ. ދައުލަތުގެ ވާހަކަތަކައް އަނެއްކާވެސް ހިތްހަމަނުޖެހި ގާޒީ ވަނީ، ބަންދުގެ އަމުރުގައި ވާ ގޮތުން އިގުބާލު ހުންނަން ޖެހޭނީ ރިމާންޑު ޖަލެއްގައިކަން ފާހަގަކޮށްފައެވެ.

ގާޒީ ޝަކީލް ސުވާލު ކުރެއްވީ، އެ އަމުރު ދައުލަތަށް ތަންފީޒު ނުކުރެވުނު ސަބަބާއި މެދު އެވެ. އަދި އެއީ ކާކުގެ އިހުމާލެއް ތޯ އާއި، އެކަން ސާފުކޮށް ދިނުމަށް އެދުނެވެ. ގާޒީ ޝަކީލް ވިދާޅުވީ، އަމުރު ތަންފީޒު ކުރަން ހުރަސް އެޅީ “ކޮން ވެރިއެއް” ކަން ސާފުކޮށް ދޭން އެދޭ ކަމަށެވެ.

ޖަވާބުގައި ދައުލަތުން، ކޮން ވެރިއެއްތޯ ސުވާލު ކުރިއެވެ. ދައުލަތުގެ ޖަވާބާއި ގުޅިގެން، 15 މިނެޓަށް ޝަރީއަތް މެދުކަނޑާލައްވާ ގާޒީ ވަނީ އެކަން ސާފު ކުރުމަށް ވިދާޅުވެފައެވެ.

ކުޑަވަގުތުކޮޅެއްގެ މެދުކެނޑުމަކަށް ފަހު، ފެށި އަޑުއެހުމުގައި ވެސް ދައުލަތުން އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއެވެ. ދައުލަތުން ބުނީ، ޖަލުގައި ޖާގަ ނެތްކަމުގެ ލިޔުމެއް ލިބިފައިވާ ކަމަށާއި، އެހެންކަމުން މައްސަލައިގައި އިހުމާލުވި ކަމަށް ބުނެވެން ނެތް ކަމަށެވެ. އަދި ބުނީ އިގުބާލް ރިމާންޑު ޖަލަކަސް ބަންދު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ، ކަރެކްޝަންސް އިން މީހުންނާއި ހަވާލުވަމުން ދަނީ، ޖަލުން ޖާގަތައް ހުސްވަމުންދާ ވަރަކަށް ކަމަށެވެ.

ދައުލަތުން ބުނީ މިއީ އޭނާ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ޖާގައެއް ލިބުނުހާ އަވަހަކަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ގާޒީ ޝަކީލް ވަނީ ބަންދައި މެދު އަމުރު ނެރުނުތާ މަހެއް ވެގެން ދިޔައިރު، މިވީ ދުވަސްތަކުގެ ތެރޭގައި އެތައް ބަޔަކު ރިމާންޑުގައި ބެހެއްޓުމަށް އަމުރުކުރި ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިއީ ވަރިހަމަ އުސޫލެއް ކަމަށާއި، ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެކަން ތަންފީޒުވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އިގުބާލް ރިމާންޑަށް ބަދަލު ނުކުރާނަމަ، އޭނާގެ ވަކީލު އެކަން ކޯޓަށް ސިޓީއަކުން ހުށަހެޅުމަށް އެންގެވިއެވެ. އެ ނިންމުން، ކަރެކްޝަންސްއަށް އެންގުމަށް ގާޒީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: