ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރަން ޖެހުނީ ޓޮޕް އެޗީވާޒް ހަފްލާ ބާއްވަން އެކަނި!

މީގެ ކުރިން ބޭއްވި ޓޮޕްއެޗީވާޒް ހަފްލާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތައުލީމް ހާސިލްކުރަމުދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެންމެ އިންތިޒާރު ކުރާ އެއް ދުވަހަކީ ސާނަވީ އިމްތިހާނު ނިންމާ ނަތީޖާ ލިބޭ ދުވަހެވެ. އެ ނަތީޖާއާއެކު ދެން އެންމެ އުންމީދުކުރާ ދުވަހަކަށް ވަނީ ރަނގަޅު ނަތީޖާތައް ހާސިލްކުރި ދަރިވަރުންނަށްޓަކައި ބާއްވާ ޚާއްސަ ހަފްލާ އޮންނަ ދުވަހަށެވެ.

2019 ވަނަ އަހަރު އޯލެވެލް އަދި އޭލެވްލް ނިންމި ދަރިވަރުންގެ ޓޮވް އެޗީވަރޒް ސެރެމަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފަސްކުރިއެވެ. އޯލެވެލް ދަރިވަރުންގެ ޓޮޕް އެޗީވާޒް ހަފްލާ ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އެހެންނަމަވެސް، އެހަފްލާ ބާއްވާކަން ހާމަވެގެންދިޔުމާއެކު ދަރިވަރުންގެ ކަންބޮޑުވުންތައް މިހާރު ވަނީ ހާމަކުރަން ފަށާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، އެހަފްްލާ ބާއްވާނީ ހަމައެކަނި ގަދަ އެއްވަނައިގައި ހިމެނިފައިވާ ދަރިވަރުން ބައިވެރިކޮށްގެން އެކަންޏެވެ. ބާކީ ވަނަތަކުގައި ހިމެނިފައިވާ ދަރިވަރުންނަށް އެހަފްލާއަަކަށް ނުކިޔާނެއެވެ.

މީގެ ކުރިންވެސް، މިފަދަ މައްސަލައެއް ފެންމަިވިއެވެ. އެ ފަހަރު ހަފްލާ ބާއްވަން އުޅުނީ ގަދަ ތިން ވަަނައިގައި ހިމެނިފައިވާ ދަރިވަރުންނަށް އެކަންޏެވެ. ސަބަބެއް ކަމުގައި ދެއްކީ ހަފްލާގެ ވަގުތު ދިގު ދެމިގެން ދިޔުމެވެ.

މިނިސްޓްރީއިން ފޮނުވި ސިޓީގައި ބުނީ ކޮވިޑްގެ ހާލަތާއެކު ހަފްލާ ބާއްވާ އުސޫލަށް ކޮންމެވެސް ވަރަކަށް ބަދަލުތައް ގެނައުމަށް ނިންމާކަމަށެވެ. އެގޮތުން މިފަހަރުގެ ހަފްލާ ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ސިޓީގައިވެ އެވެ. އަދި ދެ ދުވަހެއްގެ މަތިން ހަފްލާ ބާއްވާއިރު އެއް ހަފްލާއަކީ އޮންލައިންކޮށް ބާއްވާނެ ހަފްލާއެއް ކަމަށާއި އަނެއް ހަފްލާއަކީ ބައެއް ދަރިވަރުން ހާޒިރުވެގެން ބާއްވާނެ ހަފްލާއެއްކަމަށް ސިޓީގައިވެއެވެ.

ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރެެއެވެ. އެރޭގެ ހަފްލާއަށް ހާޒިރުވާނީ ގަދަ އެއް ވަނައިގެ ތެރޭގައި ހިމެނުނު ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހާސިލްކުރި ދަރިވަރުންނެވެ. އެހެންނަމަވެސް، އެ ހަފްލާވެސް ކުރިއަށްގެންދާނެ ގޮތް ކޮންމެވެސް ވަރަކަށް ތަފާތުވާނެ ކަމަށާއި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ހަފްލާ ކުރިއަށްދާ ފޯމެޓް ތަފާތުވާނެކަމަށް ސިޓީގައިވެއެވެ.

ދެވަނަ ހަފްލާއެއް ބާއްވަނީ މާޗް މަހުގެ 21 ވަނަ ދުވަހު އޮންލައިން ޕްލެޓްފޯމެއްގައެވެ. މި ޖަލްސާގައި ބައިވެރިވަނީ ގަދަ ދިހަ ވަނައިގައި ހިމެނުން ދަރިވަރުންގެ ތެރެއިން ދެވަނަ އާއި ދިހަވަނައާއި ހަމައަށް ހޮވުނު ދަރިވަރުންނެވެ. އަދި ބާކީ ވަނަތަކަށް ހޮވުނު ދަރިވަރުންނަށްވެސް އެހަފްލާގައި އިނާމާއި ހަނދާނީ ލިޔުން ދިނުން ކުރިއަށްދާނެއެވެ.

ދަރިވަރުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރަމުން ދަނީ މިކަމުގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުން އޮތްކަމަށް ބުނެއެވެ. އެއްވަނައިގައި ހިމެނުން ދަރިވަރުންނާއި ބާކީ އެހެން ވަނަތަކަށް ހޮވުނު ދަރިވަރުންވެސް ކޮށްފައިވަނީ ބުރަ މަސައްކަތް ކަމަށާއި އެ ހުރިހާ ދަރިވަރުންވެސް ރަނގަޅު ނަތީޖާ ހާސިލްކޮށްފައިވަނީ ބުރަ މަސައްކަތުންނާއި އެތައް ވަގުތެއް އަދި އެތައް ޚަރަދެއްކޮށްގެން ކަމަށް ދަރިވަރުން ފާހަގަކުރެއެވެ. އަދި ނަތީޖާ ލިބުމާއެކު ދެން އެންމެ އިންތިޒާރު ކުރާ ދުވަހަކަށް ވާނީ ޓޮޕް އެޗީވަރޒް ހަފްލާ ކަމަށާއި އެހަފްލާއަކީ އެތައް ދަރިވަރުންނާއި އެތައް ބެެލެނިވެރިން އިންތިޒާރު ކުރާ ހަފްލާއެއްކަމަށް ދަރިވަރުން ފާހަގަކުރެއެވެ. އަދި މިކަން މިގޮތަށް ކުރުމަކީ ދަރިވަރުންނަށާއި މައިންބަފައިންނަށް ލިބޭނެ ބޮޑު މާޔޫސްކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ.

މިކަމާއި ގުޅިގެން ދަރިވަރުން އަންނަނީ މިނިސްޓްރީގެ ނިންމުމާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ. މިހާތަނަށް އައިއިރު ގިނަ ދަރިވަރުންތަކެއް ޕެޓިޝަންގައި ވަނީ ސޮއިކޮށްފައެވެ. ޕެޓިޝަންގައި ވަނީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުމަށެވެ. އަދި ހުރިހާ ދަރިވަރުން އެއްފަހަރާ ބައިވެރިނުކުރެވޭނަމަ، ކޮވިޑްގެ ހާލަތު މިހާރަށްވުރެ ރަނގަޅުވަންދެން ރަސްމިއްޔާތު ނުބާއްވާ ފަސްކުރުމަށް ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މި ނިންމުމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި މިިނިސްޓްރީއަށް އަމާޒުވެފައެވެ. އެގޮތުން، ސަރުކާރުގެ އެކި ހަފްލާތައް ބޭއްވުމަށް މެދުނުކެނޑި ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިން ޚާއްސަ އުސޫލުގެ ދަށުން ކަމަށް ބުނެ ރަށްތަކަށް ދަތުރުކޮށް ހަފްލާތައް ބޭއްވޭއިރު ދަރިވަރުންގެ މިފަދަ ކަންކަމާއި ގުޅުން ހުރި ހަފްލާއެއް ނުބޭއްވެންވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ސަރުކާރުގެ އިސް ގިނަ ބޭފުޅުން މިހާރުވެސް އެކި ބޭނުންތަކުގައި ރަށްރަށަށް ކަރަންޓީނުވުމެއްވެސް ނެތި އަންނަނީ ދަތުރުކުރަމުންނެވެ. އަދި މިފަދަ ދަތުރުތަކުގައި ރަށުގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނޭގޮތުން ބޮޑެތި ހަފްލާތަކެއް ބާއްވަމުން އަންނައިރު އެފަދަ ހަފްލާތަކުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު އޮންނާނެކަމަށް ސަރުކާރުން ގަބޫލެއްނުކުރެއެވެ. އެފަދަ ދަތުރުތަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ރައްޔިތުން ސުވާލުތައް އަމާޒުކުރަމުންދާއިރު ސަރުކާރުންވެސް އެޗްއީއޯސީއިންވެސް ބުނަމުންދަނީ މިއީ ސަރުކާރުގެ މުހިންމު ދަތުރުތަކެއް ކަމަށެވެ. ސަރުކާރުގެ މުހިންމު ދަތުރުތަކުގެ ތެރޭގައި ހިމެނެނީ ކޮންމެވެސް ތަނެއް ހުޅުވާލުމަށް ރިބަން ފަށް ކަނޑާލުމަށް ކުރަ ދަތުރުތަކެވެ.

ދަރިވަރުންގެ ހަފްލާތައް ބޭއްވުމުގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރާއިރު މިއަށްވުރެ ބޮޑެތި މުހިންމު ނިންމުންތައް ނިންމިއިރު ކޮވިޑްގެ ޙާލަތަށް ރިއާޔަތްކޮށްފައެއް ނެތެވެ. ޖެނުއަރީ މަހުގެ ކުރީކޮޅު ރާއްޖެއިން ބޭރަށް ދިޔުމަށްފަހު އެނބުރި އަންނަ ދިވެހިން ކަރަންޓީނު ވާންޖެހޭ އުސޫލު އުވާލިއިރު ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތެވެ. ކޮވިޑްގެ އާ ވޭރިއަންޓްގެ ކަންތަކަށް ރިއާޔަތްކުރުމެއް ނެތެވެ. ކޮވިޑަށް ރިއާޔަތްކުރަން މިޖެހުނީ އެތައް ދަރިވަރުންތަކެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމެއްގައި އެކަންޏެވެ.

ހަފްލާ ފަސްކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ކޮންމެހެން މިދުވަސްވަރު ހަފްލާ ބޭއްވުމަކީ ކުރުން މަޖްބޫރުކަމެއް ނޫނެވެ. ދަރިވަރުން ހުށައަޅާ ޕެޓިޝަންގައި އެކަންކަން ފާހަގަކޮށްފައިވާއިރު، މިއީ ގިނަ ދަރިވަރުންތަކެއްގެ މަސްލަަހަތާއި ގުޅިފައިވާ ކަމެއްކަން، އެތައް ދުވަހެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާކަން ސަރުކާރުންވެސް ހަނދާންކުރަންވާނެއެވެ. އެހެން ހުރިހާ ކަމެއްގައި ގެންގުޅޭ “ލުއި” އުސޫލު މިކަމުގައިވެސް ގެންގުޅެންވެއްޖެނަމަ، މިއީ އަނެއްކާވެސް ސަރުކާރަށް ކިޔާ ފާޑުތަކަށް އިތުރުވެގެންދާނެ ބޮޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: