ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮނުވާނެ، ވެކްސިން ސިޔާސީ ނުކުރޭ!

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އާއި އެކު އެންމެ ހަލުވި ސްޕީޑެއްގައި މިދިޔަ އަހަރު ފެތުރެމުން ދިޔައީ ބައްޔާއި ބެހޭ ނުބައި މައުލޫމާތުތަކެވެ. އެކަން ވެގެން ދިޔައީ، ކޮވިޑަށްވުރެ ނުބައި ވައިރަހަކަށެވެ. ރާއްޖެއިން އިއްޔެ އަދި މިއަދުވެސް ފެންނަމުން ދާ މަންޒަރަކީ، ތިމާ ގަބޫލު ކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން ރައްޔިތުންގެ ހިތުގެ ތެރޭގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެއްލަކަ ޑޯޒްގެ ވެކްސިން ގެނައުމުގެ މަސައްކަތް ފަށާފައިވާކަމުގެ ހަބަރާއި އެކު ސޯޝަލް މީޑިއާއިން ފެނިގެން ދިޔަ ވާހަކަތައް ކޮންމެ ރައްޔިތަކަށް ވެސް ފެންނާނެ އެވެ. ކޮވިޝީލްޑް ވެކްސިނާއި ގުޅޭގޮތުން މި ހަފްތާގެ ތެރޭގައި، ސިއްހީ ގޮތުން އެއްވެސް ތަޖުރިބާއެއް ނުވަތަ އެކަމާއި ބެހޭ މާބޮޑު މައުލޫމާތު ނެތް ބަޔަކު ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެއްދިއެވެ. މުޒާހަރާތަކުން ފެށިގެން ގޮސް، ލައިވް ޕްރެސްކޮންފަރެންސްތައް ބާއްވައި، ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރުމާއި، އަދި ހެލްތް މިނިސްޓްރީގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރުން މީގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރާއި އިދިކޮޅަށް މިވަގުތު އޮތް ހަމައެކަނި ސިޔާސީ ކޯލިޝަން، ޕީޕިއެމް، ޕީއެންސީއިން ދަނީ ކޮވިޑު-19 އާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިން ނުޖަހަން ރައްޔިތުންނަށް ގޮވާލައި ބަޔާންތައް ނެރެމުންނެވެ. ކެނޑިނޭޅި އިހުތިޖާޖުތަކުގައި ދައްކަވަމުން ގެންދަވަނީ، މިއީ ރައްކާތެރި ވެކްސިނެއް ނޫން ކަމަށާއި، ރާއްޖެއަށް ގެންނަން ވީ ފައިޒާ ވެކްސިން ކަމަށެވެ. އެހެން ނަމަވެސް، އިދިކޮޅުން ވެކްސިނާއި ދެކޮޅު ވާހަކަ ދައްކަވަމުން ގެންދަވަނީ، ރަނގަޅު މައުލޫމާތުތައް ލިބެ ހުރެތޯ އެއީ އުފެދޭ ސުވާލެކެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މިހާތަނަށް ކުންފުނިތަކުން އުފެއްދި އެންމެ ކާމިޔާބު ވެކްސިނަކީ ފައިޒާ އަދި މޮޑާނާ އިން އުފައްދާފައިވާ ދެ ވެކްސިންކަމަށް އެންމެ ފަހުގެ ތަހުލީލު ރިޕޯޓުތަކުން ދައްކައެވެ.

ފައިޒާގެ ވެކްސިން ގެންގުޅެން ޖެހެނީ 70- ޑިގްރީ ސެލްސިއަސް ގައެވެ. އަދި މޮޑާނާގެ ވެކްސިން 20- ގައި ބޭނުން ކުރެވޭނެ އެވެ. ފައިޒާ ވެކްސިން އެއް ތަނުން އެނެއްތަނަށް ގެންދިއުމުގައި ގޮންޖެހުންތައް އެބަހުއްޓެވެ. ހާއްސަކޮށް ރާއްޖޭގައި އޭގެ ފްރީޒިން ކެޕޭސިޓީއެއް ނެތެވެ. އަދި ރާއްޖޭގެ ފިނިހޫނުމިން ހުންނަ ގޮތުން، އެފަދަ ވަސީލަތެއް ގާއިމް ކުރެވޭނެހެން ހީއެއް ނުވެއެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުން ރާއްޖޭގައި މިއުޅެނީ، ވެކްސިންގެ ޓަރައިއަލްއެއް ޖައްސާށެވެ. މާނައަކީ، ރައްޔިތުންނަށް އެ ވެކްސިން ޓެސްޓު ކުރުމެވެ. މި ހަފްތާގެ ތެރޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުން ވިދާޅުވީ، ރައްޔިތުން ތިބީ ވާނުވާއެއްގެ ތެރޭގައި ކަމަށާއި، މި ވެކްސިން ރައްޔިތުންނަށް ދޭން ހެޔޮ ވެސް ނުވާނެ ކަމަށް އެ ބޭފުޅުންގެ “ދިރާސާތަކުން” ދައްކާ ކަމަށެވެ. އެއީ ކިހިނެއް، ކޮން ގޮތަކުން ކާކުގެ އެހީއާއި އެކު ތައްޔާރު ކުރި ޓެކްނިކަލް ދިރާސާއެއްކަމެއް އިދިކޮޅުން ވިދާޅު ނުވެއެވެ.

ބައެއްގެ ކަންބޮޑުވުމެއް އޮތުމުގައި މައްސަލައެއް ނެތެވެ. ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ރާއްޖެ ނޫނަސް އެހެން ގައުމުތަކުން ވެސް ބޭނުންވާނެ އެވެ. ސަބަބަކީ ދުނިޔޭން އާ ވައްތަރެއްގެ ބައްޔެއް ފެނި، އެ ބައްޔާއި ދެކޮޅަށް އަލަށް ވެކްސިނެއް ޖަހަން އުޅޭތީ އެވެ. ނަމަވެސް، އެހެން ގައުމުތަކުގައި މި ލެވެލްއަށް ސިޔާސީ ބަޔަކު ނިކުމެ ވެކްސިނާއި ދެކޮޅަށް އެ ގައުމުގެ ރައްޔިތުންގެ ހިތުގައި ސުވާލު އުފެއްދުމަށް މަސައްކަތް ކުރާހެން ހީއެއް ނުވެއެވެ.

އިދިކޮޅަށް މި ވެކްސިނާއި ބެހޭ މާ ގިނަ މައުލޫމާތެއް ނޭނގޭކަން ޔަގީންވަނީ، ޕާޓީގެ ލީޑަރުން ކުރިޔަށް ގެންދިޔަ ޕްރެސް ކޮންފަރެންސްއެއްގައި މި ވެކްސިންގެ އެޕްރޫވަލް ދީފައިވަނީ ހަމައެކަނި އިމަޖެންސީ ހާލަތްތަކަށް ކަން ނޭނގޭތީ އެވެ. އަދި ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުން ހުންނެވިނަމަ “މިއަށް ވުރެ ރައްކާތެރި” ވެކްސިނެއް ގެނައީސް ކަމަށް ވިދާޅުނުވީހެވެ. ވެކްސިނެއް ބޭނުންވެފައި އޮތީ ރާއްޖެ އެކަންޏެއް ނޫނެވެ. ދުނިޔޭގެ ފަގީރު ގައުމުތަކަށް މި ވެކްސިން ފޯރުކޮށްދިނުމުގައި އިސްކަން ދޭން ވެސް މަޝްވަރާތަކެއް ކުރިޔަށް އެބަދެއެވެ.

މިއީ އިދިކޮޅުން އެންމެ ނަފްރަތު ކުރާ އިންޑިއާއެއްގެ ކާރުހާނާއަކުން އުފެއްދި ވެކްސިނަކަށް ވުމުގެ މާނައަކީ ވެކްސިނާއި ބެހޭ ނުބައި ގޯސް މައުލޫމާތު ފެތުރުމެއް ނޫނެވެ.

ލީޑަރުންގެ ތެރެއިން އެންމެ ބޮޑަށް އަޅައިގަންނަ ވާހަކައެއް ދެއްކެވީ، ޕީޕީއެމްގެ ނައިބް ރައީސަކަށް ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. މުންދު ވިދާޅުވި ގޮތުގައި، ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް އަސްޓްރާޒެނެކާ ވެކްސިން ނޫނެވެ. މިއީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާ ވެކްސިނެކެވެ. އަދި މުންދުއަށް ނޭނގުނު މައުލޫމާތަކީ، އެ ވިދާޅުވާ އިންޑިއާ އަކީ ދުނިޔޭގެ ވެކްސިން އުފައްދާ ވެކްސިންތަކުގެ 60 އިންސައްތަ ހިއްސާވާ ގައުމުކަމެވެ. ސީރަމް އިންސްޓްޓިއުޓްއަކީ ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.

ހަގީގަތަކީ މިހާ ނާޒުކު މައުޟޫއަކަށް ނޭނގޭ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަން ހެޔޮ ވެސް ނުވާނެ ކަމެވެ. ކޮންމެ ވެކްސިނެއްގައި ވެސް ސައިޑް އިފެކްޓްސްތައް ހުންނާނެއެވެ. އަދި އެކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެސް އިންކާރެއް ނުކުރެއެވެ.

ސިޔާސީ ވާހަކަތައް އެންމެ ރަނގަޅީ ސިޔާސީ ގޮތެއްގައި ބެހެއްޓުމެވެ. އަދި އިދިކޮޅުން ވެކްސިންގެ ނުބައި މަންޒަރެއް ދެއްކުން ދޫކޮށް، އެހެން ވާހަކައެއް ދެއްކުން ބުއްދިވެރިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: