ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމުމުގެ ކުރިން 5000 ހައުސިން ޔުނިޓުގެ މަޝްރޫއު ފެށިދާނެތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތީ ގިނަ ވައުދުތަކަކާއި އެކުގައެވެ. މީގެ ތެރޭގައި ޒަމާންވީ އެތައް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެއްބވި ވައުދުތައްވެސް ހިމެނެއެވެ.

ރައީސްކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގެ 17 ވަނަ ދުވަހުއެވެ. އެއަށްފަހު މިއަހަރު އިއްވި ރިޔާސީ ބަޔާނަކީ ރައީސް ސޯލިހު އިއްވި ތިންވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމަނައި ރައީސް އިއްވާ ބަޔާނެކެވެ. ރިޔާސީ ބަޔާން އިއްވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ. ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި އެއިރެއްގައި ގައުމު އޮންނަ ހާލަތާއި ގައުމުގެ ހާލަތު އެއިރެއްގައި އޮތް ހާލަތަށްވުރެ ރަނގަޅުކުރުމަށް ކުރަންޖެހޭކަމަށް ރައީސަށް ފާހަގަކުރެވޭ ކަންކަން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާނެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިއްވާފައެވެ. ރިޔާސީ ބަޔާނަށް ޖުމްލަކޮށް ބަލާލާއިރު، ރިޔާސީ ބަޔާނުގައި ހިމަނާފައިވަނީ ފާއިތުވި 2020 ވަނަ އަހަރު ދިމާވި ކޮވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ކަންކަމުން އަރައިގަތުމަށް ކުރި މަސައްކަތްތަކެވެ. ރިޔާސީ ބަޔާނުގައި މިހާރު ދިމާވެފައިވާ އިގްތިސާދީ އަނދަވަޅުގަނޑުން އަރައިގަތުމަށް ކުރުމަށް ރާވާފައިހުރި ކަންކަމަށް މާބޮޑަށް އަލިއަޅުވާލާފައިނުވާކަން ފާހަގަކުރެވެއެވެ.

މަތިމަތިން ސުރުހީ އަޅާލައި، ކޮންމެވެސް ވަރަކަށް މިއަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލިއެވެ. އެހެންނަމަވެސް، ތަރައްގީގެ ހަރުދަނާ ޕްލޭނެއް ނެތްކަން ރިޔާސީ ބަޔާނުން ހާމަވިއެވެ. މީގެ ކުރިން ހާމަކޮށްފައިވާ ކަންކަމުގެ އަޕްޑޭޓެއްވެސް ރިޔާސީ ބަޔާނުގައި ހާމަކޮށްފައެއް ނެތެވެ.

މުޅި ރިޔާސީ ބަޔާނަށް ބަލާއިރު، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ނުވަތަ މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށް ކޮންމެވެސް ވަރަކަށް ވަނީ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. ރައީސް ދެއްކެވި ވާހަކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ވާހަކައަކީ މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެކަމަށް ދެއްކެވި ވާހަކަތަކެވެ.

ހައުސިން މަޝްރޫއުތަކާއި ގުޅިގެން ރައީސް ދެއްކެވި ވާހަކަތަކަށް ބަލާއިރު، މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެ މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މިޔުނިޓުތަކުގެ ޢަމަލީ މަސައްކަތް، މެއި މަހުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވިއެވެ. މި ހައުސިންގ ޔުނިޓުތަކަކީ، ކުރިން ތަރައްޤީކޮށްފައިވާ މި ގިންތީގެ ހައުސިންގ ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އިތުރު 2000 ހައުސިންގ ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ. އޭގެ އިތުރުން، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން” ރައީސްގެ ރިޔާސީ ބަޔާން

ރައީސް އާންމުންނާއި ނުވތަ މީޑިޔާތަކާއި ބައްދަލުކުރައްވާ ކޮންމެ ދުވަހަކީވެސް، އާ ވާހަކަތަކެއް އަޑުއިވޭނެކަމަށް އުންމީދުކުރެވޭ ދުވަހެކެވެ. ރިޔާސީ ބަޔާން އިއްވި ދުވަހު ވަކިން ބޮޑަށް އެކަމަށް އުންމީދުކުރެވުނެވެ. އެހެންނަމަވެސް، އެދުވަހުގެ ވާހަކަތައްވެސް ނިމިގެން ދިޔައީ ރައްޔިތުން އުންމީދު ކުރި  ގޮތަކަށް ނޫނެވެ. ޅާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ބޭޏުންވެފައި ތިބި ރައްޔިތުންނަށް އެދުވަސް ވެގެންދިޔައީ މާޔޫސްކަން ގެނުވި ދުވަހަކަށެވެ.

މިއަހަރު ނިމުމުގެ ކުރިން މާކެ ސަރަހައްދުގައި މަދުވެގެން 5000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވި ވިދާޅުވުމަށް ގިނަ ބައެއްގެ ފާޑުކިޔުން މިވަނީ އަމާޒުވެފައެވެ. އެއީ ކުރެވޭނެކަމެއްކަމަށް ނުވަތަ ކޮށްފާނެކަމެއްކަމަށް އާންމުންނަށް ގަބޫލުނުކުރެވެނީއެވެ. ރައްޔިތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއިމެދު މާޔޫށްވެފައި ތިބި މިންވަރު މިކަމުން ހާމަވެއެވެ.

ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، ފެށުނު ނުވަތަ ކުރިއަށް ގެންދެވުނު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނެތެވެ. ހުޅުމާލޭގައި  1000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއްގައި މިނިސްޓަރ އާތިފާގެ ވަޒީރުކަމުގައި ބިންގާ އެޅިގެން ދިޔައެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް، މިޙާތަނަށް އައިއިރު އެމަޝްރޫއުގެ އަޕްޑޭޓެއްވެސް ލިބިފައެއް ނެތެވެ.

ރައީށް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ފެށި ފްލެޓްތަކުގެ ކަންތައްވެސް އަދިވެސް ހަމަ އޮތްތާ އޮތީއެވެ. ދެއަހަރު ދުވަސް ވޛޫއިރު، ފްކެޓްތަކުގެ މައްސަލަތައް ބެލުމަށް ކަމަށްބުނެ އުފެއްދި ކޮމެޓީއަށްވެސް މިހާތަނަށް ކުރެވުނުނ ކަމެއް ނެތެވެ. ފްލެޓް ލިބޭނެކަމަށް ބުނެ ކުރިން އިއުލާން ކުރި ވަގުތީ ލިސްޓަށް ފްލެޓް ކޮމެޓީއިން ގެނައި ބަދަލުތަކާއެކު ދެން އުފެދުނު މައްސަލަތައްވީ އެއަށްވުރެ އިތުރެވެ.

ފްލެޓަށް ވަދެވޭނެކަމަށް ބުނެ ރައްޔިތުން ގުނބޯ ހައްދާތާ އެތައް ދުވަހެއްވެއްޖެއެވެ. އެކި ފަހަރު މަތިން އެކި ތާރީހުތައް ދެވުނެވެ. އެތަންތަނަކީ ވަންނަން ހެޔޮވާ ވަރުގެ ތަންތަން ނޫންކަމަށް ނޫން ބުނެ އެތައް ވާހަކަތަކެއް ދެއްކިއެވެ. މިވާހަކަތައް މިގޮތަށް ދެއްކިއިރު، އެފްލެޓްތަކަކީ ފދަތި ހާލުގައި އުޅެމުންދާ މީހުންނަށް ކިހާ އަގުހުރި ތަންތަނެއްކަން އެވާހަކަ އެގޮތަށް ދެއްކި މީހުންނަށް އެނގިފައެއް ނެތެވެ. ފްލެޓްތަކަށް ވަންނަން ބޭނުންވެގެން އެވާހަކަ ދައްކާ މީހުން، މިހާރު އުޅެމުންދަނީ ކިހާ ދަތި ހާލުގައިކަމެއްވެސް އެނގިފައެއް ނެތެވެ،

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހަރުދަނާ ޕްލޭނެއް ނެތެވެ. މާލެ ސަރަހައްފުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ދެއަހަރު ވީއިރު ކުރެވުނު ކަމެއް ނެތެވެ. އަލަށް ކުރަން ފެށުނު ކަމެއް ނެތެވެ. އިވެނީ އަބަދުވެސް ދައްކާ އެއް ވާހަކަތަކެކެވެ. ޕްލޭންތަކެއް ހުރި ވާހަކައެވެ. ފައިސާ ހުރި ވާހަކައެވެ. އެޕްލޭންތަކަށް އަމަލީ ސިފައެއް ގެނެވިފައެއް ނެތެވެ. ސަރުކާރުން ދައްކާ ބޯހިޔާވަހިކަމުގެ ހުވަފެންތަކަށް ރައްޔިތުންގެ މާބޮޑު އުންމީދެއް ނެތީ މިސަބަބުތަކަށްޓަކައެވެ. ބޭނުންވަނީ މޮޅެތި ވާހަކތަކެއް ނޫނެވެ. ބޭނުންވަނީ މިވީހާ ދުވަހު ހައްލެއް ނުގެނެވި އޮތް، މާލެ ސަރަހައްފުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: