ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ސިއްހަތު ކޮމްޕްރޮމައިޒް ކުރުން ހުއްޓުވަން ޖެހިފައި!

އިމާރާތެއްގެ މަސައްކަތް ކުރުމުގައި ބިދޭސީއަކު އެއްވެސް ސޭފްޓީއެއް ނެތި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތައް ކުރިޔަށް ގެންދާ ވަގުތުތަކުގައި ސަލާމަތީ ފިޔަވަޅުތައް އެޅިފައި ނެތުމުގެ ސަބަބުން ބޮޑެތި އަނިޔާތައް ލިބިގެން އެތައް ހާދިސާއެއް މި ވޭތުވެދިޔަ މަދު އަހަރެއްގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފައެވެ. އެ ހާދިސާތަކުން ދިވެހި އެތައް ޒުވާނަކަށް ލިބުނު އަނިޔާތަކުން ވަނީ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވެސް، ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސް ބައެއް ބިދޭސީން އެފަދަ ހާދިސާތަކުގައި މަރުވެފައި ވެއެވެ. މަސައްކަތްތެރިކަމުގައި ބޭނުންވާ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވެސް މިފަދަ ދެ ހާދިސާއެއް ހިނގާ، ޒުވާނަކު ވަނީ ނިޔާވެފައެވެ.

ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް، ތަންފީޒު ނުކުރެވޭނަމަ އޭގެއިން ނިކުންނަން އޮތީ، ދިގު މުއްދަތެއް ވަންދެން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެކެވެ.

ހަގީގަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ހިނގާ އުސޫލަކީ، ކޮންމެ ގާނޫނަކާއި އެކު ވެސް އެކަމާއި މެދު ހިތް ނުތަނަވަސް ވާ ބަޔަކު ތިބުމެވެ. ސަބަބަކީ، އެ ގާނޫނުތަކުން ވަކި ކަންތަކެއް ކުރުމަށް ލާޒިމް ކުރާތީއެވެ.

މިސާލަކަށް، ދުންފަތާއި ބެހޭ ގާނޫނެއް ގެނެސް، އެ ވިއްކުމާއި ބެހޭ އުސޫލެއް އެކުލަވާލައިފިނަމަ އެކަމާއި މެދު އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭނީ ރާއްޖެއަށް އެފަދަ ބާވަތެއް އެތެރެކޮށް ވިއްކާ މީހެކެވެ. ހަމަ އެ އުސޫލުން މަސައްކަތްތެރިންގެ “ހެލްތް އެންޑް ސޭފްޓީ” ގާނޫނެއް ގެނެސްފިނަމަ، ކުންފުނިތަށް ނުވަތަ މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް އެ ގަނޫނުގެ ދަށުން ވަރަށް ގިނަ ކަންތަކެއް ލާޒިމްވެގެން އަންނާނެއެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، ފިޔަވަޅު އަޅަންޖެހިފައިވާ މިންވަރު ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަށް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ނޭނގި އޮތުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ރާއްޖޭގައި ނެތިގެން މިއުޅެނީ، ދުނިގޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ “ހެލްތް އެންޑް ސޭފްޓީ” ގާނޫނެކެވެ. އެމްޕްލޮއިމަންޓް ޗެޕްޓާރ އަށެއްގައި ބުނެފައިވާ ގޮތުން މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މަސައްކަތް ކުރުވާ ފަރާތެއްގެ ޒިންމާއެކެވެ. އެ ގާނޫނުގެ ދަށުން ހަދަންޖެހޭ، ގަވައިދުތަކެއް ހެދިފައި ނެތުމުގެ ނަތީޖާއަކީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކުންފުނިތަކުން ކަށަވަރުކުރުމަށް ގާނޫނުގައި ބުނެފައި އޮތް ކަމުގައި ވިޔަސް އެކަން ކަށަވަރު ކުރާނެ މިންގަނޑުތަކެއް ނެތުމެވެ.

އޭގެ ތެރޭގައި ކުންފުންޏަކުން އެ ބައެއްގެ މުވައްޒަފުންގެ ސިއްހަތާއި، ސަލާމަތީ ދުޅަހެޔޮކަމަށް އަޅަންޖެހޭނެ ފިޔަވަޅުތަކުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ޖެހޭނެ ގޮތެއް ބުނެފައި ނެތެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި، އެކު އަވައްޓެރި ބައެއް ގައުމުތަކުން ވެސް މި ގާނޫނު އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ތަރައްގީވެފައިވާ ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގޮތުގައި ދިވެހިން އެންމެ ގިނައިން ފާހަގަކުރާ ސިންގަޕޫރާއި، މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސް މުވައްޒަފުންގެ ހެލްތް އެންޑް ސޭފްޓީ ގާނޫނެއް ވުޖޫދުކޮށް، އެއަށް ދަނީ އަމަލު ކުރަމުންނެވެ.

ރާއްޖޭގައި ކަން ހިނގާ ގޮތަކީ، ސީރިއަސް ހާދިސާއަކާއި އެކު މިފަދަ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ބަހުސްއެއްކޮށްލުމެވެ. އަދި ބައެއް ފަހަރަށް މަސައްކަތް ފެށިގެން ދިޔަ ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަނީ ވަކި ހިސާބަކުން އެ މަސައްކަތެއް ދޫކޮށްލާތީއެވެ.

މާލޭގެ މި ސަރަހައްދަކީ، ކޮންސްޓްރަކްޝަން އެކްޓިވިޓީތައް ގިނަކަމުން ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ބުނެވިދާނެއެވެ. ނަމަވެސް، އެފަދަ ސައިޓުތައް އިންސްޕެކްޓު ކުރުމުގެ ވާހަކަ އެއް އިރެއްގައި ދެއްކުމަށްފަހު އެކަން މަޑުޖެހުނީ، އެ މަސައްކަތް ދާ ގޮތްތައް ބަލައި މައްސަލަތައް ފާހަގަ ކުރެވޭނަމަ އެކަން ހުއްޓުވުމުގެ ބާރު ލިބިގެންވާ ގާނޫނެއް ނެތުމުންނެވެ.

ތަފާތު އެކި ދިރާސާތަކުން ދައްކާގޮތުން، ގާނޫނުގައި ވާ ގޮތަށް މުވައްޒަފުންނަށް ހައްގުތައް ރައްކާތެރިކޮށް ދިނުން ކަށަވަރުކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ވަރަށް މަދު މިންވަރަކަށެވެ. އިނގިރޭސި ބަހުން ބުނާނަމަ އެއީ “ބެއާ މިނިމަމް” ފިޔަވަޅުތަކެކެވެ.

މިއީ ފައިނޭންޝިއަލް ލޮސްއެއް ނުވަތަ، ލައިބިލިޓީއަކުން ސަލާމަތްވުމަށްޓަކާ ކުންފުނިތަކަށް އެޅެން އޮންނަ އެންމެ މަދު މިންވަރުގެ ފިޔަވަޅުތަކެކެވެ.

އެއްވެސް ސަލާމަތީ ފިޔަވަޅެއް ނެތި، އިމާރާތެއްގެ މަތީގައި ބިދޭސީއަކު މަސައްކަތް ކުރަނީ

ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިހުމާލުގެ ވާހަކައާއި އެކު ކޮންމެ ދިވެއްސެއްގެ ވެސް ހަނދާނަށް އަންނާނީ 2018 ގައި ބިދޭސީ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހާދިސާ މަތީންނެވެ. އެ ކުއްޖާގެ މައިންބަފައިން މިއަދާއި ހަމައަށް ވެސް މަސައްކަތް ކުރަމުން އެދަނީ އިންސާފު ހޯދުމަށެވެ.

އެ ހާދިސާއާއި ގުޅިގެން ސަރުކާރުން ކޮންސްޓްރަކްޝަން ސޭފްޓީ ގަވައިދު ސަރުކާރުން ގެޒެޓުކޮށް ޝާއިއުކުރިއެވެ. އެހެން ނަމަވެސް ގަވައިދުގެ ދަށުން، ކޮންސްޓަރަކްޝަން އިމްރާތްތައް އިންސްޕެކްޓު ކުރުމާއި، އިންސްޕެކްޓު ކުރަންދާ ފަރާތްތަކުގެ ގާބިލުކަމާއި އަދި ގަވައިދުން އެ މަސައްކަތް ކުރެވިފައި ނެތެވެ.

ދާއިރާގެ އެކްސްޕާޓުންތަކެއް ކުރަންޖެހޭ އިންސްޕެކްޝަނަކަށް ދިޔައީ، މާލޭގެ މޭޔަރު ސިފާ މުހައްމަދާއި، ތަނުގެ މީޑިއާ އޮފިސަރާއި އަދިވެސް އިތުރު ކައުންސިލް މެމްބަރުންތެކެކެވެ. އެހެން ކަމަށްވާނަމަ އިންސްޕެކްޝަން ކުރެވޭނެ މިންވަރު ރައްޔިތުން ވިސްނާލަންވީއެވެ.

މިއަދު ވެސް ބޭރަށް ނިކުމެ، ކޮންސްޓްރަކްޝަން ސައިޓަކަށް ނަޒަރު ހިންގާލުމުން އެނގިގެންދާނީ އެ މަސައްކަތް ކުރިޔަށް ދަނީ އެއްވެސް ގަވައިދެއް އުސޫލެއް އަދި ރައްކާތެރިކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނެތިކަމެވެ. މިއީ ނިޒާމުގެ މައްސަލައެކެވެ. މީގެއިން ވެސް ދޭހަވަނީ އަދި ގަވައިދެއް، ގާނޫނެއް އޮތަސް އެ ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވޭހާ ހިނދަކު މައްސަލައަށް އަންނާނެ ހައްލެއް ނެތްކަމެވެ.

ދާދިފަހުން ކައިރި ކައިރީގައި އެމްޕީއެލްގައި ހިނގި ދެ ހާދިސާއިން ވެސް ރާއްޖޭގައި ހެލެތް އެންޑް ސޭފްޓީ ގާނޫނެއް ބޭނުންވެފައިވާ މިންވަރު އެނގޭނެއެވެ. ރާއްޖޭގައި މިހާތަނަށް ސޭފްޓީ އިންވެސްޓިގޭޝަން އިދާރާއެއް ގާއިމްވެފައި ނުވެއެވެ. އެހެންވެ ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ހިނގާ ނުރައްކާތެރި ހާދިސާތައް ތަހުގީގު ކުރަނީ ފުލުހުންގެ އިދާރާއިންނެވެ. ނަމަވެސް، ފުލުހުންނަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި “ސޭފްޓީ އިންވެސްޓިގޭޝަން” ކުރިޔަށް ގެންދާ ބައެއް ނޫނެވެ.

ފުލުހުން ކްރިމިނަލް އޭނގަލަކުން މި ބަލަނީ މީހަކު ގަވައިދާއި ހިލާފަށް އެއްވެސް ކަމެއްކޮށްފައި ވޭތޯ އާއި އެކަމެއް ހިނގީ މީހަކު ގަސްތުގައި ދިން އަނިޔާއެއްގެ ސަބަބުންތޯ އެވެ. އެކަމަކު، ސޭފްޓީ އިންވެސްޓިގޭޝަނަކީ ވަކި އުސޫލުތަކަކަށް ބަލައި، ވަކި ހުނަރުތަކެއް ލިބިފައިވާ ބަޔަކު ހިންގާ އިންވެސްޓިގޭޝަނެކެވެ. އަދި އެ ދައިރާގެ ބަޔަކަށް ނޫނީ ސޭފްޓީ އިންވެސްޓިގޭޝަނެއް ނުހިންގޭނެއެވެ.

Image result for އެމްޕީއެލް ހާދިސާ
އެމްޕީއެލްގައި މަޖޫރީއެއްގެ ގަޔަށް ބިއްލޫރި ޕެލެޓެއް ވއްޓި ހިނގި ހާދިސާ/ ފޮޓޯ: އެމްއެންޑީއެފް

މިގޮތަށް ފުލުހުން މައްސަލައެއް ބެލުމުގެ ސަބަބުން އަސްލު މައްސަލަ ދިމާވި ހިސާބަކީ ކޮބައިކަމާއި، އިހުމާލުވީ ކިހާހިސާބަކުންކަން އެނގޭނެ ގޮތެއް ނޯވެއެވެ. މުހިންމީ އެ ހާދިސާއެއް ހިންގުމަށް މެދުވެރި ވި ސަބަބެއް ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ “ސީކުއެންސް އޮފް އިންސިޑެންޓްސް” ތަކެވެ. މިއީ ރޫޓު އެނގޭނެ ހިސާބެވެ.

އެއާއި އެކު މިއީ ސުޕަވިޝަން ދަށްވުމެއް ތޯ، ނުވަތަ ރައްކާތެރިކަން ކުޑައީތޯ އެހެން ނޫނީ އިހުމާލެއްތޯ އެނގޭނެއެވެ. ނުވަތަ ތަމްރީނުގެ މައްސަލައެއް އުޅެނީތޯ ސާފުވާނެއެވެ.

ކުންފުންޏެއްގައި ހާދިސާއެއް ހިނގުމާއި އެކު އެކަން ރިޕޯޓު ކުރާނެ އިދާރާއެއް ރާއްޖޭގައި ނެތެވެ.

2009 ގެ މޭއި 15 ގައި ރާއްޖެ މަސައްކަތްތެރިންގެ ހައްގު ހޯދުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމި ޖަމިއްޔާ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ މެމްބަރަކަށް ވިއެވެ. އައިއެލްއޯގައި މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މައިގަނޑު ތިން ކޮންވެންޝަންއެއް ވެއެވެ. ޔޫންއާއި އެކު އެއްބަސްވުމަކަށް އަންނައިރު، ނުވަތަ މުއާހަދާއަކާއި އެކު ސޮއި ކުރާއިރު އޭގައިވާކަންކަން ތަންފީޒު ކުރަން ލާޒިމްވެއެވެ.

އޭގެ ދަދުން ނޭޝަނަލް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޕޮލިސީއެއް ކަނޑައަޅަންޖެހެއެވެ. ސަރުކާރުގެ ސިޔާސަތުގެ ދަށުން އޭގެ ގައިޑްލައިނެއް އާންމު ކުރަންޖެހެއެވެ. މިއީ މެންޑޭޓަރީ ޕޮލިސީއެއް ނޫންނަމަވެސް، އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ކުންފުނިތަކަށް މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާ ގާނޫނެއް އަންނާނެކަން ނޯޓިސްއަކުން އަންގަން ވާނެއެވެ.

މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން އެއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެހެންވެ ކުންފުނިތަކުން މި ބުނާ ގާނޫނެއް ނެތަސް އެފަދަ ހާދިސާތަކަށް ޒިންމާވާން ޖެހެއެވެ. މުވައްޒަފުންނަށް ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

މަސައްކަތް ކުރުވާ ފަރާތްތަކާއި، މަސައްކަތް ކުރާ މީހާ މިކަމަށް ސަމާލުކަން ނުދޭހާ ހިނދަގު ރާއްޖޭގައި ހެލްތް އެންޑް ސޭފްޓީ ގާނޫނެއް ތަންފީޒެއެއް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: