ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލިނިކް ހިންގަން ޝަރުތު ހަމަނުވެ، ކްލިނިކް ހިންގަން ލިބުނީ ކޮން މެމްބަރަކަށް!؟

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވައިގެން ޝަރުތު ހަމަނުވާ ކުންފުންޏަކަށް ކްލިނިކެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ވިދާޅުވެފައެވެ. އެކަމަށް މިނިސްޓަރު ފައްޔާޒްވެސްވަނީ ރައްދު ދެއްވާފައެވެ. ފައްޔާޒް ވިދާޅުވެފައިވަނީ އެކަމުގައި ނޫޅޭކަމަށް ކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެމަނިކުފާނަށް ނުފޫޒު ފޯރުވޭ ކަންކަމާއި ނުފޯރުވޭ ކަންކަން ހުންނާނެ ކަމަށާއި، އަދި ނުފޫޒު ފޯރުވާނަމަ އެކަމަށް އެއްބަސްވާން ޖެހިލުން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު އެ ވިދާޅުވާ ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެއީ ހުޅުމާލޭގައި “ހެލްތު އެންޑް ވެލްނަސް ސެންޓަރު” ގރ ވާހަކައަށް އިޝާރާތްކޮށް ވިދާޅުވި އެއްޗެއް ކަމަށް ބެލެވެއެވެ. ނަމަވެސް އަދި އެތަން އިމާރާތްކޮށް ހިންގަން ހަވާލުކުރި ކަމެއް އެޗްޑީސީގެ ބަހެއް ލިބިފައިނުވާތީ އެނގޭކަށް ނެތެވެ. އެޗްޑީސީގެ އިވެލުއޭޝަން ކޮމިޓީން ވަނީ އެ ޕްރޮޖެކްޓްގެ އިވެލުއޭޝަން ނިންމައި ބޯޑަށް ފޮނުވާފައެވެ. އޭރު އޮތް ގޮތުން ރޮޒެއިނާގެ ހިއްސާ އޮތް ކުންފުންޏަށް އެ ޕްރޮޖެކްޓް ކާމިޔާބެއް ނުވިއެވެ. އެކަން ސަންގުޓީވީގެ މަސްދަރުތަކުން ކަށަވަރުވެސް ކޮށްދީފައިވެއެވެ. އެ މައުލޫމާތުތަކާއި ގުޅޭ ރަސްމީ ބަހެއް ހޯދަން ތަފާތު އެކި ފަހަރު މަތިން މަސައްކަތް ކުރެވުނެވެ. އިވެލުއޭޝަން މަރުހަލާގައި ކުރިލިބުނީ ދެން ވާދަކުރި ކުންފުންޏަށެވެ. ނަމަވެސް އޭގެ ފަހުން ދެ މަސް ވެގެންދިޔައިރުވެސް އެ ޕްރޮޖެކްޓް ހަވާލުނުކޮށް ބޭއްވުމަށްފަހު، އެޗްޑީސީ ބޯޑުން ނިންމީ އަލުން އިވެލުއޭޓް ކުރަން ފޮނުވުމަށެވެ. އެގޮތަށް ފޮނުވާލަން ނިންމީވެސް އެ ބިޑާއި ގުޅިގެން ޝަކުވާ ހުށަހެޅުމުންނެވެ.

މި ޕްރޮޖެކްޓަކީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކްލެނިކެއް އިމާރާތްކޮށް ހިންގުމަށް އިއުލާންކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލާފައިވަނީ އެންމެ ދެ ފަރާތުންނެވެ. އެއީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް އާއި މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. މީގެ ތެރެއިން މެންބަރު ރޮޒެއިނާގެ ހިއްސާ އޮންނަނީ 2016 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގައެވެ. ރޮޒެއިނާގެ އިތުރުން ދެން އެކުންފުނީގެ ހިއްސާ އޮންނަނީ އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ ޑރ. އައިމިނަތު ނަޒީރުގެ އެވެ. ޑރ. އައިމިނަތު ނަޒީރަކީ ދާދި ފަހުން އެކުލަވާލި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިންގ ބޯޑަށްވެސް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. އެކުންފުނީ ހިއްސާ އެދެ ބޭފުޅުންވެސް ބައްލަވައިގެންފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު 8 ވަނަ ދުވަހުއެވެ. އަދި ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީވެސް އެ ދެބޭފުޅުން އެކަންޏެވެ.

މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންގެ ތެރޭގައި ހިޔަލީ މުޙައްމަދު ރަޝީދު ހިމެނެއެވެ. އެ ކުންފުނީގެ ބޯޑުގައި ތިން މީހަކު ހިމެނެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހިއްސާވެސް އަދި ބޯޑުގައިވެސް ހިމެނޭ ކަމަކަށް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އަކުން ނުދައްކައެވެ. ނަމަވެސް އެކުންފުނީގައި ރައްޔިތުންގެ މަޖިލިހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފުގެ މަސްލަހަތު އޮވެއެވެ. މީގެ އިތުރުން އެކުންފުނީގެ އެއް ހިއްސާދާރަކީ ހިތަދޫ މެދުދާއިރާ މެންބަރު އަޙްމަދު ރަޝީދު (ޗެކްމާކް އަހުމަދު) ގެ ބޭބެ ހިޔަލީއެވެ. މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ 2003 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. ސިއްހީ ދާއިރާގައި ބޭނުންކުރާ މެޝަނެރީޒް އާއި އެނޫންވެސް ތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މެޑިކުއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަންނަނީ އެކުންފުނީ އަމިއްލަ ކްލިނިކެއް އައްޑޫގައި އެޅުމުގެ މަސައްކަތްވެސް ކުރަމުކަންވަނީ އެނގިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ސަންގަށް ވިދާޅުވީ އޭނާއަކީ އެކުންފުނީގެ ޝެއާ ހޯލްޑަރެއް ނޫން ކަމަށާއި ކަމަށް ނުފޫޒް ފޯރުވަން މަސައްކަތް ކޮށްފައިވާ ނަމަ އެކަމެއް ބަލަންވީ ކަމަށެވެ. އަފީފް ވިދާޅުވީ ނުފޫޒެއް ފޮރުވަން އުޅު ބަޔަކާއި ގުޅިއެއް ބައެއް އެނގޭނީ އެޗްޑީސީގައި ތިއްބެވި ބޭފުޅުންނަށް ކަމަށެވެ.

“އަޅުގަނޑުގެ ނުފޫޒެއް އޮތް ނަމަ އޭސީސީއާ ފުލުހާއި ދެންހުރި ތާކުންވެސް ބަލަންވީ، ނުފޫޒް ފޯރުވާ ބަޔަކު އެނގޭނީ އެޗްޑީސީއަށް، ދެން ކޮންބަޔަކު ވެސް އެބަޔެއްގެ ހައްޤެއް ހޯދަން މަސައްކަތްކުމަކީ އަޅުގަނޑު އެދޭތެރެއަށް ވަންނަންޖެހޭ ކަމެއް ނޫން” އަފީފް

މި ޕްރޮޖެކްޓް ޕްރީ ޕްރޮޕޯސަލް މީޓިންގ އަށް ރެޖިސްޓްރީ ކުރުން އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ. އެދުވަހަކީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ރޮޒައިނާ އައިމިނަތު ނަޒީރު ބައްލަވައިގެންނެވި ދުވަސް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްގައިވެއެވެ. “ހެލްތު އެންޑް ވެލްނަސް ސެންޓަރު” އަދި “ހެލްތު އެންޑް ވެލްނަސް ކްލިނިކް” ރަޖިސްޓްރީ ކުރައްވާފައިވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ތިން ދުވަސް ކުރިންނެވެ. އެއީ 3 ޑިސެމްބަރު 2020 ގައެވެ. ޕްރޮޕޯސަލް ހުށަހަޅަން އޮތީ 6 ޑިސެމްބަރު 2020 ގައެވެ. “ހެލްތު އެންޑް ވެލްނަސް ސެންޓަރު” އަދި “ހެލްތު އެންޑް ވެލްނަސް ކްލިނިކް” އަކީ އެ ބިޑް ކާމިޔާބުވެއްޖެނަމަ އެތަނަށް ކިޔަން ނިންމާފައިވާ ނަމެވެ. ކްލިނިކެއް ހަދަން ހުއްދަ ދިންކަމަށް ބުނާ ބުނުމާއި، މިކަމަށް ކުއްލިއަކަށް ކުންފުންޏެއް އުފެއްދީކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ހޯދުމަށް ހުށަހަޅާފައިވާ އަގުތަކަށް ބަލާއިރު އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ މެޑިކުއިޕްއިންނެވެ. އެ ކުންފުނިންވަނީ، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ޖުމްލަ 2.5 މިލިއަން ރުފިޔާ ހުށަހަޅާފައެވެ. ޑީވައިއެމް ކުންފުނިން ހުށަހަޅާފައިވަނީ 606,000 ރުފިޔާއެވެ. ނަމަވެސް ކުއްޔަށް ބަލާއިރު ޑީވައިއެމްއިން ހުށަހަޅާފައިވާ މިންވަރު ގިނައެވެ. އެކުންފުނިން ހުށަހަޅާފައިވަނީ އަކަފޫޓަކަށް  35 އެވެ. މެޑިކުއިޕް އިން ހުށަހަޅާފައިވަނީ ކޮންމެ އަހަރަކު އަކަފޫޓަކަށް 50 ލާރި ބޮޑުވާ ގޮތަށެވެ. އެއީ ފަސް އަހަރު ދުވަހުގެ ހިސާބުތަކެވެ. ނަމަވެސް އެއީ 35 އަހަރަށް ކުއްޔަށް ދޫކުރާ ތަނެކެވެ. އަދި އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެނީ އިކުއެޒޭޝަން އަދި ލީސް ރޭޓް އަށް އެއްކޮށެވެ. ތަޖުރިބާއަށް ބަލާއިރު މެޑިކުއިޕް ކުންފުންޏަކީ ތަޖުރިބާ ގިނަ ކުންފުންޏެކެވެ. ބިޑް އިއުލާނުގައިވާ ގޮތުން ތަޖުރިބާއަށް ބަލަނީ ހުށަހަޅާ ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެ ފަރުދެއްގެއެވެ. ކުންފުންޏެއްގެ ފަރާތުން ކުރިމަތިލާނަމަ އެކުންފުނީގެ ބޯޑުގައި ނުވަތަ ހިއްސާ އޮންނަ ފަރާތެއްގެ ތަޖުރިބާއަށް ނުބާލަކަން އެޗްޑީސީން ކޮށްފައިވާ އިއުލާނުން އެނގެއެވެ.

ސަންގުޓީވީއާ ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނުފޫޒެއް ފޯރުވައިގެން ކަމެއް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ނުފޫޒް ފޯރުވައިގެން ކަމެއް ކުރަން އުޅެންޖެހޭ ސަބަބެއް މިކަމުގައި ނެތް ކަމަށް ވިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ ބިޑް ކާމިޔާބު ވެއްޖެނަމަ ކުލީގެ ގޮތުގައި ދެއްކުމަށް ހުށަހަޅާފައިވާ އަދަދަކީ ދެން ވާދަކުރި ކުންފުންޏަށްވުރެ ބޮޑު އަދަދެއް ކަމަށާއި އެގޮތުން އެޗްޑީސީއަށް ލިބޭ އާމްދަނީ ބޮޑުވާނީވެސް ޑީވައިއެމް އިން ހުށަހަޅާފައި އޮތް އަދަދުން ކަމަށެވެ. އަދި މެޑިކުއިޕަށް ބިޑް ކާމިޔާބުވެއްޖެނަމަ ސަރުކާރަށް 5.5 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އެހެންވެ އެހެން ފަރާތަކަށް އެ ބިޑް ކާމިޔާބުވާންޖެހޭ ސަބަބެއް އޮތް ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

“ކުލީގެ އިތުރުން ބިޑުގެ ބާކީ ހުރިކަންކަމަށް ބާލއިރުވެސް އަޅުގަނޑު ޤަބޫލުކުރަނީ ވަރަށް ފުރިހަމަ ބިޑެއް ކަމަށް، ބިޑް ކެނޑިއިރު އަޅުގަނޑުމެންނަށް ފެނުނު ދެން ހުށަހެޅި ފަރާތުގެ ބިޑުގެ ބޮޑުމިން އޮތްވަރު، އޭގެންވެސް އެނގޭ އަޅުގަނޑުމެން ލިޔެފަ ހުރިހާ ތަފްސީލުކޮށްވެސް އެފަރާތަށް ލިޔެވިފައިނެތްކަން، މިހާރު އެކުރާ މަސައްކަތް އަޅުގަނޑަށް ސިފަވަނީ ބިޑު ލިބިދާނެތީ ފޯރުވާ ނުފޫޒެއް ކަމަށް މިއަދު ރައީސް ނަޝީދު ގްރޫޕަށް ލާފައިވާ އެއްޗެއްގައި ހުރި ހުސްދޮގު ވާހަކަތައް، އެމަނިކުފާނުވެސް ވިދާޅުވީ އެއީ ލިބިވަޑައިގެންނެވި އެއްޗެއް ކަމަށް، އޭގައި އަވަރ ކޮމްޕެނީ އޮތީމަ ދެން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ޑޮކިއުމަންޓުވެސް ލިބިގެން އެއުޅެނީ ދެން ވާދަކުރި ފަރާތުންހެން” ރޮޒެއިނާ

އެޗްޑީސީން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އިވެލުއޭޝަންގައި ބެލޭނީ، ލީސް ރޭޓް އަދި އިކުއެޒޭޝަން ފީއަށް އެއްކޮށް 50 ޕަސެންޓް، ބިޒްނަސް ޕްލޭނަށް 20 ޕަސެންޓް، ތަޖުރިބާއަށް 15 ޕަސެންޓް އަދި ކޮންސެޕްޓް ޑިޒައިނިންގ އަށް 15 ޕަސެންޓެވެ.  އެގޮތަށް ބެލިކަމުގައިވިޔަސް އިކުއިޒޭޝަން ފީގެ ގޮތުގައި ޖުމްލަ 2.5 މިލިއަން ރުފިޔާ މެޑިކުއިޕުން ވަނީ ހުށަހަޅާފައެވެ. އިއުލާންގައިވާ ގޮތުން ތަޖުރިބާއަށްވެސް ބަލަނީ އެކުންފުންޏެއްގެ ތަޖުރިބާއަށެވެ. އެގޮތުން ތަރުރިބާގެ ބައިގައި ފާއިތުވެ ދިޔަ ފަސް އަހަރު ކަމާއި ގުޅުންހުރި ދާއިރާއެއްގައި އެކުންފުންޏަކުންކޮށްފައިވާ ނުވަތަ ކުރަމުންދާ މަސައްކަތަކަށް ބަލައެވެ. ވަކި ފަރުދެއްގެ ތަޖުރިބާއަށް ބަލަނީ އަމިއްލަނަމުގައި ބިޑަށް ކުރިމަތި ލާނަމައެވެ. އެގޮތަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. ބިޑް ޑޮކިއުމަންޓުގައި ކުރިމަތިލާ ކުންފުންޏަކީ “ރެލެވެންޓް ފީލްޑް” އަކުން ފަސް އަހަރުގެ ތަޖުރިބާ ހުންޖެހޭ ކުންފުންޏެއް ކަމަށް އޮވެއެވެ. ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތު އައީ  ޑީވައިއެމް ކުންފުންޏާއި އެކުންފުނީގެ ވިޔަފާރީގެ ނަމެއްގެ ގޮތުގައި ރަސްޖިސްޓްރީކޮށްފައިވާ “ސައިން ހައުސް ޕްލާސްޓިކް” ވެސް ރަޖިސްޓްރީ ކޮށްފައިވަނީ 2016 ވަނަ އަހަރުގައި ކަމަށްވާތީއެވެ. އެގޮތަށް ބެލުމުން ފަސް އަހަރު ފުރޭނީ މިހިނގާ 2021 ވަނަ އަހަރުއެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި ކްލިނިކެއް އަޅާ ހިންގަން ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިހާރުވަނީ ހުށަހަޅާފައެވެ. ހުޅުމާލޭ ލޮޓް ނަމްބަރު 11628 ގައި ކްލިނިކެއް ހަދާނެ ފަރާތެއް އެޗްޑީސީއިން އިއުލާންކުރުމުން ކުރިމަތިލީ ދެ ކުންފުންޏަކުންނެވެ. އެއީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް އާއި މެޑިކުއިޕް ޕްރައިވެޓް ލިމިޓެޑުންނެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: