ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީ ރީކޯލް އެކްޓު: “ގޮނޑި ދެނީ ވެސް، އަތުލާނީ ވެސް ރައްޔިތުން”

ގާނޫނަކުން މަޖިލީހުގެ މެމްބަރުން، ދާއިރާގެ ރައްޔިތުންނަށް ވަކި ކުރެވޭނެ ގޮތެ ހެދުމަށް ތާއީދު ހޯދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާ ނުކުރެވޭކަމަށް ގަބޫލު ކުރެވި، މަޖިލީހުގެ މެމްބަރުކަމުން ދުރުކުރުމަށް ރައްޔިތުންގެ މެދުގއި ނަގާ “ރީ ކޯލް އެކްޓު” ގެ ކެމްޕެއިން ވަނީ ފަށާފައެވެ. ރައްޔިތުންގެ އަޣުލަބިއްތުން މަޖިލީހުގެ މެމްބަރުކަމަށް ހޮވޭ މެމްބަރަކު، ހަމަ އެ ދާއިރާއެއްގެ މެމްބަރުންގެ ވޯޓާއި އެކު ވަކިކުރުމުގެ ބާރު ލިބިދޭގޮތަށް ގާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ ގާނޫނީ ވަކީލި ހަމްޒާ ހަލީލެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރުކަމަށް ވެސް ވާދަ ކުރެއްވި ހަމްޒާ މި މަސައްކަތް ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ބިލްގެ ޑްރާފްޓު ވެސް ނިމި، ރައްޔިތުންގެ ތާއީދު އެއަށް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާ އެ ގަވައިދުގެ ދަށުން ވަކި ހާލަތްތަކެއްގައި މެމްބަރުން ވަކިކުރަން ވޯޓު ދިނުމުގެ ބާރު ރައްޔިތުންނަށް ގަނޫނުގެ ދަށުން ލިބިދޭނެއެވެ.

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 77 ވަނަ މާއްދާ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރެއްގެ އިތުބާރު ގެއްލި ދައިރާގެ ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި އެ މެމްބަރަކު މަގާމުން ވަކި ކުރެވޭނެ ގޮތާއި، އެ އުސޫލު ކަނޑައަޅާނެ ގާނޫނެވެ.

77 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މެމްބަރަކު މަގާމުން ވަކި ކުރެވޭނީ، އޭނާގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ކުށް ސާބިތުވެ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލު ހުކުމެއް ކުރުމުންނެވެ. އަދި ސާބިތު ދަރަންޏެއްގެ މައްސަލައެއްގައި އެކަން ސާބިތުކޮށް ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކުން މެމްބަރަކު ވަކި ވާނެއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ބޮޑު ދައުރެއް މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކުގެ ތެރޭގައި މިނިވަން މުވައްސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރޭތޯ ބެލުމާއި، ސަރުކާރުގެ ތެރޭގައި ހުރިކަންތަކަށް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތަކާއި، ރައްޔިތުންނާއި ގުޅުން ހުރި އެތައް މަސައްކަތެއް ހިމެނެއެވެ. މިއީ ހަމައެކަނި ގާނޫނު ހަދާ، ގާނޫނު އިސްލާހު ކުރާ މަޖިލީހެއް ނޫނެވެ.

ވަޒީރުންނަށް ރުހުން ދިނުމާއި، ވަޒީރެއްގެ މައްޗަށް އިތުބާރު ގެއްލިއްޖެ ހާލަތެއްގައި އެ މެމްބަރަކު މަގާމުން ވަކި ކުރުން، އަދި މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.

މުޅި ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކުން، ގައުމުގެ ވަލިއްޔުލްއަމްރެއްގެ ގޮތުގައި ހޮވާ ބޭފުޅެއްގެ މައްޗަށް އިތުބާރު ގެއްލިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބާރު ވެސް އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އަތް މަތީގައެވެ.

އެކަމަށް ބޭނުން ވަނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ހުށަހަޅާ ސަބަބާއި، އިތުބާރު ގެއްލުމަށ މެދުވެރިވީ ކޮން ސަބަބަކާއި ހުރެކަން މަޖުލީހަށް ހުށަހެޅޭނެއެވެ. ރައީސަކު މަގާމުން ވަކި ކުރެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

މެމްބަރުންނަކީ މިހާ ބޮޑެތި ބާރުތަކެއް ލިބިފައިވާ ބަޔަކަށްވާއިރު، އެ މެމްބަރަކާއި މެދު އިތުބާރު ގެއްލިއްޖެނަމަ އަމަލު ކުރާނެ އުސޫލެއް ނެތެވެ. މެމްބަރަކު ހަމައެކަނި ވަކި ވާނީ، ގާނޫނު އަސާސީގެ 77 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން އެކަންޏެވެ.

މި މައްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ދައުރުގެ މެދު ތެރެއިން މެންބަރަކު ވަކި ކުރަން ބޭނުންވާނަމަ، އެ ދާއިރާއެއްގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މީހުން ސޮއި ކޮށްފައިވާ ލިޔުމެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، އެ ލިޔުމެއް ހުށަހަޅާތާ ވަކި މުއްދަތެއްގެ ތެރޭގައި އެ މެންބަރަކާއި މެދު އިތުބާރު އޮތް ތޯ ނުވަތަ ނޫންތޯ ބެލުމަށް ދާއިރާގެ މެދުގައި އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށެވެ.

ރީކޯލް އެކްޓުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މަޖިލީހުގެ ދައުރެއް ފެށި ނިމިގެންދާއިރު މެމްބަރަކާއި މެދު ރައްޔިތުންގެ މެދުގައި އެ އޮންނަ ކަންބޮޑުވުމަކަށް ނިމުމެއް ގެނައުމެވެ. މި މަސައްކަތްތަކާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ސަންގުޓީވީއާއި ވާހަަކަ ދައްކަވަމުން ހަމްޒާ ވިދާޅުވީ މިއީ އެއްވެސް ގޮތެއްގައި އަމިއްލަ އެދުމެއް އޮވެގެން އޭނާ ކުރިޔަށް ގެންދާ ކެމްޕެއިނެއް ނޫން ކަމަށެވެ. މެމްބަރުންނާއި މެދު ކަންބޮޑުވުންތަކާއި ނުރުހުންތައް އޮތުން އެއީ އާކަމެއް ނޫންކަން ފާހަގަކޮށް ހަމްޒާ ވިދާޅުވީ، އެކަން އެންމެ ބޮޑަށް ހާމަވަނީ ދައުރެއް ނިމިގެން ދިއުމަށްފަހު މެމްބަރުންގެ ހާޒިރީ އާއްމު ކުރާ ދުވަހެއްގައި ކަމަށެވެ. އޭގެ އިތުރުން ވެސް ދާއިރާގެ އެކި މަސައްކަތްތައް އޭގައި ހިމެނޭކަަމަށް ހަމްޒާ ވިދާޅުވިއެވެ.

މެމްބަރަކާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުން ހަމްޒާ ވިދާޅުވީ، ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންގެ ސޮއެ އެކަމަށް ބޭނުންވާނެ ކަމަށެވެ. އަދި އެ ޕެޓިޝަލް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަންގެ ޒިންމާއަކަށް ވާނީ، ސޮއިތަކުގެ ސައްހަކަން ބެލުމަށް ފަހު 45 ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުން ކަމަށެވެ. ހަމްޒާ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި، މެމްބަރަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ލިބޭނެ ކަމަށާއި، ފުރަތަމަ ނަގާނީ ފެންނަ ނުފެންނަކަމުގެ ވޯޓެއްކަމަށެވެ. އަދި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު އެ މެމްބަރަކު ވަކިކުރަން ލިބިއްޖެ ނަމަ، އެ ހިސާބުން އެ މީހަކު މަގާމުން ވަކިވާނެކަމަށް ހަމްޒާ ވިދާޅުވިއެވެ.

މެމްބަރުން ވަކިކުރަން ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ޚިލާފްވުން ނުވަތަ އަޚްލާގީ މިންގަނޑުން ބޭރު އަމަލެއް ކުރުން ނުވަތަ މަޖިލީހުގެ ހާޒިރީ ދަށްވުމާއިި ޒިންމާ އަދާ ނުކުރުން ފަދަ ސަބަބުތައް ހިމެނެ އެވެ. އަދި ވަކި ޕާޓީއެއްގެ ފައިދާއަށް އިސްކަން ދިނުމަކީ ވެސް މެމްބަރުން ވަކިކުރަން ރިކޯލް ވޯޓަކަށް ދެވިދާނެ ސަބަބެއް ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

ރިކޯލް ވޯޓު ނެގުމުގެ ގާނޫނުގައި ހިމަނަން ހަމްޒާ ހުށަހަޅުއްވާފައިވަނީ އެއް އަހަރުވުމަށް ފަހު މެމްބަރުން ވަކިކުރަން ހުށަހެޅޭ ގޮތަށެވެ. އަދި ރިކޯލް ވޯޓަކަށް ދިއުމަށްޓަކައި ޕެޓިޝަނަށް ތާއީދު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕެޓިޝަން އޮފިސަރަކީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ މީހަކަށް ވާން ޖެހޭ ގޮތަށެވެ. ޕެޓިޝަން އޮފިސަރު އިސްކޮށް ހުރެ ވަކި އަދަދަކަށް ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އިންތިޚާބު އިއުލާންކޮށް، އެކަން މަޖިލީހުގެ ރައީސަށް ކޮމިޝަނުން އަންގަން ޖެހޭ ގޮތަށް ހަމްޒާ ހުށަހަޅުއްވާފައިވެ އެވެ. އަދި އެ އަދަދަށް ސޮއި ނުލިބިއްޖެ ނަމަ، އެ ޕެޓިޝަނެއް ބާތިލްވާ ގޮތަށް ވެސް ހަމްޒާ ހުށަހަޅުއްވާފައިވެ އެވެ.

ބޭނުންވަނީ މެމްބަރުންގެ ތާއީދު، އެ ނޫން ގޮތަކަށް ޑްރާފްޓު ހުށައެއްނޭޅޭނެ!

ހަމްޒާގެ ޑްރާފްޓު ކިތަންމެހާ ވެސް ފުރިހަމައެވެ. އެހެން ނަމަވެސް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ މެމްބަރެއް މެދުވެރިކޮށެވެ. އެއް މެމްބަރެއް ޖެހޭނީ، ހަމްޒާގެ ބިލު ސްޕޮންސާރ ކުރާށެވެ.

ހަމްޒާ ވިދާޅުވީ، އޭނާގެ މި މަސައްކަތުގައި މެމްބަރުންގެ މަޝްވަރާއާއި ހިޔާލު ހޯދި ކަމަށެވެ. އަދި ތާއީދު ހޯދުމަށް މަސައްކަތް ކުރާއިރު އޭގެ ތެރޭގައި މަޖިލީސް އިންތިހާބުގައި އޭނާގެ މައްޗަށް ކުރި ހޯދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ތާއީދު ހޯދުމަށް ވެސް މަސައްކަތް ކުރި ކަމަށެވެ.

އެމްޑީޕީ ބޭނުންވެއްޖެ ނަމަ، މި އިސްލާހު މަޖިލީހަށް ހުށަހަޅާ ފާސް ކުރެވޭނެއެވެ. މަޖިލީހުގެ ތަޅުމުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެކެވެ.

ރަސްމީ ސިފައެއްގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން، މި މައުޟޫއަށް ސީދާ ވާހަކަ ދައްކާފައި ނުވެއެވެ. އެހެން ނަމަވެސް، މެމްބަރުން ޒިންމާދާރު ކުރެވޭނެ އުސޫލެއް އޮންނަން ޖެހޭކަމަށް އެ ބޭފުޅުންވެސް ގަބޫލު ކުރެއެވެ. ކޮންމެ އިންތިހާބެއްގައި ވެސް، މަޖިލީހަށް މެމްބަރު ހޮވަނީ ތަފާތު ދައްކާނެކަމުގެ ވައުދާއި އެކު އެވެ. އެހެން ނަމަވެސް ދައުރުގެ މެދުތެރެއިން އެ މަންޒަރެއް ނުފެނެއެވެ.

އުފެދޭ ސުވާލަކީ، ހައްދެއް ނެތި ސަލާމް ބުނެ މަޖިލީހަށް ހާޒިރުނުވުމުން މުސާރައިން ވަކި އިންސައްތައެއް އުނިކުރުމަށް ދެކޮޅު ހެދި މެމްބަރުންތަކެއް، ރައްޔިތުންގެ ވޯޓަކާއި އެކު މަގާމުން ވަކި ކުރުމަށް ތާއީދު ކުރާނެ ތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: