އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓް ކުރި އުސޫލުގައި އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ދިއުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށް ބުނެފައި ވުމުގެ އިތުރުން އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ.

އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭނެ ފަރާތްތަކާ ބެހޭ މަޢުލޫމާތު، 2021 އެޕްރީލް 8 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރީން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިލެކްޝަންސް ކޮމިޝަނަށް ދޭންވާނެއެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ ފަސްގަޑިއިރުގެ ކުރިން، އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މަޢުލޫމާތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން ޢައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގާންވާނެ ކަމަށް އުސޫލުގައި ބުނެއެވެ.

މާލޭ ސަރަޙައްދުގައި ނަމަ، އެފަދަ މީހުންގެ މަޢުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.