ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ސަރުކާރުތެރޭގެ މައްސަލަތައް ހައްލު ނުކުރުމުގެ ނަތީޖާ ކައުންސިލް އިންތިޚާބުން!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. މިފަހުން ބޭއްވި ތިން އިންތިޚާބުވެސް ކާމިޔާބު ކުރީ ބޮޑު ތަފާތަކުން އެމްޑީޕީއެވެ. އެމްޑީޕީގެ ކެމްޕެއިން ސްޓްރެޓެޖީއަކީ އަބަދުވެސް ތަފާތު، މީހުންގެ ސަމާލުކަން ދަމައިގަންނަ ކަންކަމެވެ.

އެއްބުރުން، ޖަޒީރާ ރާއްޖެ، އެޖެންޑާ-19 އިން ފެށިގެން ރަށްވެހި ފަތިސް ކެމްޕެއިންގެ ވާހަކައާއި ހަމައަށްވެސް އެމްޑީޕީގެ ކެމްޕެއިންކުރުމުގެ ހުނަރު ތަފާތުކަން ހާމަވެއެވެ. ކޮވިޑްގެ ހާލަތާއިއެކުވެސް އެމްޑީޕީއިން ވަރުގަދައަށް ކެމްޕެއިން ކުރިއެވެ. އެންމެ ފަހު ދުވަހުގެ ކެމްޕެއިން ހަރަކާތްތަކުންވެސް މިކަން ހާމަވެގެންދިޔައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ފެށިފަހުން، ކައުންސިލްތަކަކީ އަބަދުވެސް އެމްޑީޕީގެ އެއްޗެކެވެ. ލާމަރުކަޒީ ނިޒާމާއި ލާމަރުަކޒީ ސިޔާސަތުތަކަކީ އެމްޑީޕީއިން ވިއްކި ކަންކަމެވެ. ބޮޑެތި ހުރިހާ ހިސާބެއްގެ ކައުންސިލްތަކުގެ މޭޔަރުކަމާއި އަތޮޅު ކައުންސިލްތަކުގެ ރައީސްކަން ނެގީ އެމްޑީޕީއިންނެވެ.

އެހެންނަމަވެސް، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ އެމްޑީޕީއަށް މާ ކާމިޔާބު އިންތިޚާބެކޭ ބުނުމުގެ ފުރުސަތެއް ނެތެވެ. އަދި މިހާތަނަށް ދާއިމީ ނަތޖާ ހާމަކުރެވިފައި ނެތަސް، މި ނަތީޖާއަކީ ޚުދު އެމްޑީޕީވެސް އުންމީދުކުރި ނަތީޖާއަށްވުރެ މާ ދަށް ނަތީޖާއެކެވެ.

އިންތިޚާބު ފެށުމަށް އެންމެ ކުޑަތަން ވެފައިވަނިކޮށްވެސް ދެއްކެވި ވާހަކަތަކުގައިވެސް ދައްކަމުންދިޔައީ ލބޭނެ ބޮޑު ކާމިޔާބީތަކުގެ ވާހަކައެވެ. ބޮޑެތި ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ޚާއްސަކޮށް މާލެ ސިޓީގެ ހުރިހާ ގޮނޑިތަކެއް ނަގާނީ އެމްޑީޕީއިން ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވަމުން ގެންދެވިއެވެ.

އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފެށުމުން އެމްޑީޕީގެ ސަޕޯޓަރުންނާއި މުޅި ޕާޓީވެސް ދިޔައީ ކުއްލި ހައިރާންކަމަކަށެވެ. މާލޭ ސިޓީގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބޭނެކަން ކަށަވަރުވެ، މާލެ ސިޓީގެ މޭޔަރުކަންވެސް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ކަށަވަރުކުރެއްވިއެވެ.

އައްޑޫ ސިޓީއަކީ މިހާތަނަށް އައިއިރު އަބަދުވެސް އެމްޑީޕީގެ ސިޓީއެއްގެ ގޮތުގައި އޮތް ތަނެކެވެ. އެންމެ ފަހުން އިންތިޚާބުގައިވެސް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް ނެގީ އެމްޑީޕީއިންނެވެ. އެހެންނަމަވެސް، މިފަހަރު އެކަންވެސް ބަދަލުވެ، އިދިކޮޅުން ވަނީ އައްޑޫ ސިޓީގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. މިހާތަނަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އައްޑޫ ސިޓީގައި، މިފަހަރު އެމްޑީޕީއަށް މެޖޯރިޓީވެސް ލިބެނީ ކިރިޔަ ކިރިޔާއެވެ. އެމްޑީޕިއަށް ހަތް ގޮނޑި ލިބިފައި ވާއިރު އިދިކޮޅު ޕީޕީއެމް އަށް ތިން ގޮނޑި މިނިވަން މެންބަރުންނަށް ތިން ގޮނޑި ލިބުނެވެ. މީގެ ތެރެއިން ބައެއް ގޮނޑިތަކަކީ އިންތިޚާބަކާއި ނުލައި ކަށަވަރުވެފައިވާ ގޮނޑިތަކެކެވެ.

އަލަށް އިންތިޚާބުވި މޭޔަރު ފާހަގަކުރައްވާ ގޮތުގައި، އައްޑޫ ސިޓީގެ ރައްޔިތުން ތިބީ މާޔޫސްކަމެއްގައެވެ. އައްޑޫ ސިޓީ ރައްޔިތުންގެ ތެރެއިން އެމްޑީޕީ ސަޕޯޓަރުންގެ ތެރޭގައި ވޯޓު ލުމުގެ މާބޮޑު ފޯރިއެއް ނެތްކަމަށް ގަބޫލުކުރެވުނުކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އެއާ ޚިލާފަށް، އިދިކޮޅުގެ ސަޕޯޓަަރުން ބަދަލަކަށް ބޭނުންވެ ވޯޓު ލުމުގެ ފޯރީގައި އުޅުނުކަމަށް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، އެތެރޭގެ ވާދަވެރިކަމުގެ ސަބަބުންވެސް އައްޑޫ ސިޓީއަށް ގިނަ ގޮނޑިތަކެއް ގެއްލުނުކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. މިއީ ހަމައެކަނި ނިޒާރު ފާހަގަކުރައްވާ ކަމެއް ނޫނެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ވަނީ ގޮނޑިތައް ގެއްލުމުގެ ސިއްރަކީ ރެނދުތައް ގިނަވުމާއި އެތެރޭގެ ބައިބައިވުންތައް ގިނަވުންކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ޕާޓީގެ ލީޑަރޝިޕުން މިކަމަށް އެއްބަސްވެފައިނުވިނަމަވެސް، އެކި ޕްލެޓްފޯމްތަކުގައި ލީޑަރުންނާއި މެމްބަރުން ދައްކަވާ ވާހަކަތަކުން އެތައް ފެކްޝަނެއް ޕާޓީގެ ތެރޭގައި އޮތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޕާޓީ ތެރެއިން ޕާޓީގެ ވަޒީރުން ބޭރުކުމަށް މަސައްކަތް ކުރުމާއި، ދެ ލީޑަރަކު ދައްކާ ވާހަކަތައް ދިމާނުވުމަކީ އެމްޑީޕީގެ ތެރެއިން މިފަހަކަށް އައިސް ފެންނަމުންދާ ކަންކަމެވެ. މިނިސްޓަރ ފައްޔާޒް ބޭރުކުރަން ކުރެވުނު މަސައްކަތްތަކާއި، ރައީސް ނަޝީދާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ ވަކި މެމްބަރުންތަކެއް އެބަ ތިއްބެވެ. ޑީއާރްޕީއިން އެމްޑީޕީއަށް ގުޅުނު މެމްބަރުންނަކީވެސް ވަކި ފެކްޝަނެއް ކަމަށްވެސް ވާހަކަތައް ދެކެވެއެވެ.

ޕާޓީގެ އެތެރޭގައި މައްސަލަތައް ހުރުމަކީ ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބަކަށްވެސް ވެދާނެއެވެ. ގައުމެއް ތަރައްގީ ކުރެވޭނީ އެންމެ ފުރަތަމަ ކަމަކަށް ޕާޓީ ސަލާމަތުން އޮވެގެންނެވެ. އެއްވެސް ޕާޓީއެއްގައި ނުވަތަ ސަރުކާރެއްގައި ތިން ހަތަރު ލީޑަރުން ތިބެންވެއްޖެނަމަ، އެއްވެސް ކަމެއް ރަނގަޅަކަށް ނުވާނެއެވެ.

މިއީ އެމްޑީޕީގެ ލީޑަރުންނަށާއި މުޅި ޕާޓީއަށް ލިބުނު ފިލާވަޅެއްކަމަށް ބަލައި އަވަސް ހައްލުތަކެއް ޕާޓީގެ މައްސަލަތަކަށް ނުގެނެސްފިނަމަ، 2023ވެސް އެމްޑީޕީއަށް ގެއްލުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: