ރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަކީ އެކައްޗަކަށް ވެފައިވުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މަޖިލީހާއި ޖޭއެސްސީ އަކީ އެކައްޗަކަށް ވެފައިވުން ކަމަށެވެ. އަދި ބާރުތައް އެއްވެ މަސްހުނިވުމަކީ ވެސް ޖުޑިޝަރީ އަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ނުވަތަ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރުވެސް އެކަން ކުރެވިފައިނުވާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

