ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަން ކުރަން މަޖިލީހުގެ ރުހުން!

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރަން މިއަދު މަޖިލީހުން ރުހުންދިން ޝިފްލާ.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ޝިފްލާ އިބްރާހިމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދ ރުހުން ދީފިއެވެ.

ޝިފްލާ ބްރޯޑްކޮމްއަށް އައްޔަންކޮށްފައިވަނީ މަޖިލީހުގައި އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމަށް ކުރިމަތިލި މެމްބަރުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވި ލިސްޓުގައި ހިމެނެނީ ޝިފްލާގެ އިތުރަށް ފާތިމަތު ސައުޝަން އާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން ތަޅުމަށް ފޮނުވާފައި ވަނީ ޝިފްލާގެ ނަން އެކަންޏެވެ.

ޝިފްލާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އާ މެމްބަރުކަމަށް އައްޔަން ކުރަނީ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވާތީ އެވެ.

ޝިފްލާ އިބްރާހިމް

ބްރޯޑްކޮމްގެ ރައިސަކަށް މަރިޔަމް ވަހީދާ ހުންނެވިއިރު، ނައިބު ރައީސަކީ އަހުމަދު ގައިސެވެ. މެމްބަރުންގެ ގޮތުގައި ތިއްބެވީ އަލީ ޔޫސުފާއި، އައިމިނަތު އަމީނާ (އަނާ) އަދި އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީން އާއި ސަހާރަތު އެވެ.

މީގެ 21 އަހަރުކުރިން އުމުރުން އެންމެ 19 އަހަރުގައި އެއްވެސް ތަމްރީނެއް ނެތި ކެމެރާ ކުރިމައްޗަށް އިއުލާން ކިޔުމަށް ޝިފްލާ އަރައިވަޑައިގަތުމަކީ އޭރުގެ ޓީވީ މޯލްޑިވްސްގެ ވެރިން އަންތަރީސް ކުރުވި ކަމަކަށް ވެގެންދިޔައެވެ. އެއީ އެ އިއުލާން ކިޔުމުގައި ޝިފްލާގެ ދޫ ފަސޭހަކަމާ ދިވެހި ބަހަށް ރޯފިލާފައި، ފަރިތަކަމާއެކު، ރާގާއި ހަމަ ގެންގުޅުނު ގޮތުގެ ސަބަބުންނެވެ. 1998 ވަނަ އަހަރު، އިއުލާން ކިޔުމަށް ޝިފްލާ ކުރައްވަން ފެއްޓެވި މަސަައްކަތް ބަދަލުވެގެންދިޔައީ ޚަބަރު ކިޔުމާއި ޕްރޮގްރާމްތައް ހުށައަޅައިދިނުމަށް ޝައުގުވެރިކަން ގެނުވައިދިން މަސައްކަތަކަށެވެ.

ޚަބަރާއި މައުލޫމާތަކީ މިހާރުގެ ޓެކްނޮލޮޖީ ޒަމާނުގައި އާދައިގެ ކަމަކަށް ވިޔަސް ޝިފްލާގެ އަޑު އިވެން ފެށިއިރު އެ ޚިދުމަތަކީ މިހާރުގެ ގޮތުން ބުނާނަމަ ވަރަށް ކްލެސިކް ޚިދުމަތެކެވެ. ޓީވީ ޗެނަލަކަށް އޮތީ ޓީވީ މޯލްޑިވްސް އެކަންޏެވެ.

ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާ އާލާތްތަކާއި ޚަބަރަށް ތައްޔަރުވާގޮތްވެސް ވަރަށް ކްލެސިކެވެ. އެހެން ނަމަވެސް ޚަބަރު ކިޔުމާއި ޚާއްސަ ޝޯވްތައް ހުށައަޅައި ދިނުމުގައި މިއަދެކޭ އެދުވަހެކޭ ޝިފްލާގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ.

އެ ދުވަސްވަރު ހަބަރު ކިޔަމުން އައީ އަތުލިޔުން ރީތި ކުދިން ލައްވާ ކަރުދާސްތަކެއްގައި ލިޔުމަށްފަހު އެ ކަރުދާސްތައް ތަތްކުރުމަށްފަހު އޮޓޯކިއުއަށްލާ އޮޅާލުމަށްފަހުގައެވެ.

ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާނީ ޓޭޕެވެ. އެއީ ކޮންމެ ވޭރިއަސްއެއްގައި ޓޭޕް ލައްވަ ލައްވާފައި ނަގައިގެން ޚަބަރުކީ ޒަމާނެވެ. ކިޔާ ކޮންމެ ޚަބަރަކަށް ޓޭޕް ލައްވައިގެން ވޭރިއަސް ޕްލޭ ކުރާނެ ބަޔަކު ތިބޭއިރު ޝިފްލާގެ ހުށިއާރުކަމާ ވަގުތަށް ޚަބަރު ފެށުމާ އެއް ޚަބަރުން އަނެއް ޚަބަރަށް ހުށިއާރުކަމާއިއެކު ގޮސް ނިންމާލުމުގެ ނަތީޖާ އަކީ ނޫސްވެރިކަމުގެ ދާއިރާއިން އާ ހަރުފަތްތަކަކަށް ދާން އަޒުމް ކަނޑައެޅުމެވެ.

ޓީވީ މޯލްޑިވްސް ގައިވެސް އަދި މިހާރުގެ ޗެނަލް ތަކުގައިވެސް އަލަށް ޚަބަރު ކިޔާ ކުއްޖަކު ޕްރައިމް ޓައިމް ކަމަށްވާ މެންދުރުފަހު ދޭކާ އަދި ރޭގަނޑު 8 ގެ ޚަބަރު ކިޔުމަށް ގިރާ ކުރަންޖެހޭ ބިޔަ ކަނޑެއް އޮވެއެވެ. އެއީ އަތޮޅު ޚަބަރުން ގޮސް 10 ގެ ޚަބަރާ އަދި ހަވީރު 4 ގެ ޚަބަރު ކިޔައިގެން ގިރާކުރަންޖެހޭ މާ ކަނޑުގެ ބިޔަ ރާޅުތަކެވެ.

ޝިފްލާ ވަނީ އެ ބިޔަ ރާޅުތައް ގިރާ ކުރުމުގެ ބަދަލުގައި މަތިން ގޮސް މެންދުރު 2 ގެ ޚަބަރަށް އަރައިވަޑައިގެން ބެލުންތެރިންގެ ސަމާލުކަން ހޯއްދަވާފައެވެ. އެއީ ހަޔާތުގައި ޝިފްލާ ކިޔުއްވި ފުރަތަމަ ޚަބަރެވެ. ޚަބަރު ކިޔާ މީހަކީ ތިމާ ހިތް ރުހުނަސް ނުރުހުނަސް ކޮންމެ ޚަބަރެއް ކިޔުމުގައި ސާބިތުކަންވެސް ދައްކަންޖެހޭ ބައެކެވެ.

ޝިފްލާ ވިދާޅުވާގޮތުން އޭނާ ކިޔުއްވި ޚަބަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ޚަބަރަކީ އީވާން ނަސީމުގެ މަރާއިގުޅިގެން ކިޔުއްވި ޚަބަރެވެ. އެ ހަނދާންތަކާ އެދުވަހުގެ އިހުސާސަތައް ޝިފްލާގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައިވެއެވެ. އެއިރަކު ރިސްކު އެލަވަންސެއް ނުލިބެއެވެ. އެ އެލަވަންސް ތައާރަފްވެގެންދިޔައީ އޭގެ ފަހުންނެވެ. ޝިފްލާ ވިދާޅުވާގޮތުން އެ ޚަބަރު ކިޔާފައި ނިކުމެގެން ޓީވީއެމް ވޭނުގައި ގޮސް ލާސާނީ މަގުން ދިޔައިރު ބަޔަކު ތިބީ ދުއްވަމުންދިޔަ ވޭން ތަޅާ ސުންނާފަތިކޮށްލާ ހިސާބުގައެވެ. އެއީ ހަމައެކަނި އެ ޚަބަރު ކިޔުއްވިމަށްޓަކައެވެ.

ޝިފްލާ ސިފަކުރައްވެގޮތުގައި އެދުވަހަކީ ހިތްދަތި ބިރުވެރި ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ. އެހެން ނަމަވެސް އެ ހާދިސާއިން ޝިފްލާގެ އަޒުމެއް ގުޑުވައެއް ނުލެވުނެވެ. ހިތްވަރު ނެރުއްވީ ލިބިވަޑައިގެންނެވި ތަޖުރިބާތަކާއި ތަމްރީނުތަކާއި އެއްވަރަކަށް ނޫސްވެރިކަމުގެ ދާއިރާއިން އިތުރަށް އުނގެނިވަޑައިގަތުމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ޝިފްލާގެ ޚިދުމަތްތައް ވަރަށް ގިނައެވެ. އެ އަޑަކަށް އެ ހުށައެޅުމަކަށް ބަދަލެއް ނާދެއެވެ. މިއަދު ޝިފްލާއަކީ ސަންގު ޓީވީގެ އެއްވަނަ ނިއުސް އެންކަރއެވެ.

“ސަންގު ޓީވީ” އިން ޝިފްލާއަށް އަބަދުވެސް އެދެނީ ބާއްޖަވެރި ދުވަސްތަކަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: