ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސިޔުލޭޓު ބޮޑު ބަހުސަކަށް: އޮން އެރައިވަލް ވިސާ މާ ރަނގަޅުކަމަށް ބުނޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިޔާގެ ބޮޑުވަޒީރާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ބަދަހި ގުޅުމެއް އޮންނަ ދެގައުމެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިކަމުގައިވީ ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިޔާއާއި ރާއްޖޭގެ ގުޅުން ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

އެހެންނަމަވެސް، އިންޑިޔާއާއި ރާއްޖޭގެ ގުޅުމަކީ އެންމެ އެދެވޭ ކަމެއްކަމުގައި ނުދެކޭ ކިތަންމެ ބަޔަކު މި ރާއްޖޭގައި އެބަތިއްބެވެ. ޒަމާނުއްސުރެ، އެންމެ ގާތް އަވަށްޓެރި ގައުމެއްގެ ގޮތުގައި އޮތީ އިންޑިޔާކަން އެމީހުންވެސް ގަބޫލުކުރެއެވެ. އެހެންނަމަވެސް، ކިތަންމެ ގާތް ގައުމެއްގެވެސް، އަޅަކަށްވުމަށް ދިވެހިން ބޭނުންނުވާކަމަށް ދިވެހިން ބުނެ އެވެ.

މިހުރިހާ ވާހަކަތަކެއް އެންމެ ފުރަތަމަ ފެށިގެން އައީ އިންޑިޔާ ސަރުކާރުން ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން އުޅޭކަމުގެ ވާހަކަތަކާއެކު އެވެ. އައްޑޫ ސިޓީގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށާއި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރަން އުޅޭކަމުގެ ވާހަކަތައް ފެންމަތިވީ ހުސްވި އަހަރުގެ މެދުތެރޭގަ އެވެ.

އެވާހަކަތަކުގެ ތެރެއިން އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަކަމާއި، އެއަދަދުތައް ހާމަކުރުމަށް ރާއްޖޭގެ އޮންލައިން ނޫހަކުންވެސް ގޮވާލަމުން ދިޔައެވެ. ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަނީ ކިހާ އަދަދެއްގެ ސިފައިންތޯ ހާމަކޮށްދިނުމަށް އެދި ޑިފެންސް މިނިސްޓްރީއަށްވެސް ހުށައެޅިއެވެ. ޑިފެންސް މިނިސްޓްރީއިން ވަނީ އެމައުލޫމާތު ތަކަކީ ހިއްސާނުކުރެވޭނެ މައުލޫމާތުތަކެއްކަމަށް ބުނެފައެވެ. އެގޮތުން، އެމައުލޫމާތުތައް ހިއްސާކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރާނެކަމަށާއި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެމައްސަލަ އިންފޮމޭޝަން ކޮމިޝަންގެ އޮފީހަށްވެސް ހުށައަޅައި، މައްސަލައިގެ އަޑުއެހުންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންޑިޔާ އައުޓް ކެމްޕެއިންވެސް ފެށިގެން އައީ އެދުވަސްވަރު އެވެ.

އިންޑިޔާގެ އަސްކަރީ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ކުރުމުގެ ތުހުމަތުތަކާއެކު އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށިއެވެ. އިންޑިޔާއިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުތަކާއި އަޑުތައް ގަދަވެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި އެވެ.

އެއަށްފަހު މިހާރު، ދެކެވެމުންދާ ވާހަކައަކީ އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިޔުލޭޓެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމުގެ ވާހަކަތަކެވެ. ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް މިކަމުގައި ހުރިއިރު، އައްޑޫ ސިޓީގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިކަމާއި ދެކޮޅަށް އަޑު އުފުލަމުން އަންނަކަން ފާހަގަކުރެވެއެވެ.

އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިޔުލޭޓެއް ގާއިމްކުރަން އުޅޭކަން ހާމަކުރީ އިންޑިޔާ ސަރުކާރުންނެވެ. މާލެ ސިޓީގައި އިންޑިޔާގެ އެމްބަސީއެއް ގާއިމްކުރެވިފައިވާއިރު، އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިޔުލޭޓެއް ގާއިމް ކުރުމުގެ މާބޮޑު ބޭނުމެއް ނެތްކަމަށް މިކަމާއި ދެކޮޅަށް ވާހަކަދައްކަމުންދާ މީހުން ފާހަގަކުރެއެވެ.

ކޮންސިޔުލޭޓަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އެމްބަސީއަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެވެމުން ދާނެއެވެ. ކޮންސިޔުލޭޓެއް ގާއިމްކުރުމާއެކު ބޮޑަށް އެކަމުގެ ލުއި ފަސޭހަތައް ލިބިގެންދާނީ އެ ކޮންސިޔުލޭޓެއް ގާއިމްކުރާ ގައުމުގެ މީހުންނަށެވެ. އައްޑޫ ސިޓިގައި އިންޑިޔާގެ ކޮންސިޔުލޭޓޭއް ގާއިމްކުރުމާއެކި، އައްޑޫ ސިޓީގައި އުޅެމުންދާ ނުވަތަ މަސައްކަތްކުރަމުންދާ އިންޑިޔާގެ ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަތައް ލިބިގެންދާނެއެވެ. އަދި ދެކުނުގެ އެކި ރަށްތަކުން ފުރައިގެން އިންޑިޔާއަށް ދާން ބޭނުންވާ ދިވެހިންނަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އައްޑޫ ސިޓީގެ ގިނަ މަޖިލިސް މެމްބަރުން ބޭނުންވަނީ އައްޑޫސިޓީގައި އިންޑިޔާގެ ކޮންސިޔުލޭޓޭއް ގާއިމްކުރާށެވެ. މަޖިލީހުގައި ތިއްބަވާ ގިނަ މެމްބަރުން ވަނީ އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިޔުލޭޓެއް އެޅުމަކީ ތާއީދުކުރާ ކަމެއްކަން ހާމަކޮށްފައެވެ. އަދި އެމެމްބަރަކު ނިސްބަތްވާ އައްޑޫސިޓީގެ ދާއިރާއެއްގައި ކޮންސިޔުލޭޓް އެޅުމަށްވެސް އަންނަނީ ގޮވާލަމުންނެވެ. މިކޮންސިޔުލޭޓާއިއެކު ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އުފެދި އައްޑޫ ސިޓީގެ ތަރައްގީއަށް އިތުރު ބޮޅެއް އިތުރުވެގެންދާނެކަމަށް މެމްބަރުންނާއި އައްޑޫ ސިޓީގެ މޭޔަރުވެސް ދެކިލައްވައެވެ.

އެހެންނަމަވެސް، މިއީ އައްޑޫ ސިޓީގެ ގިނަ އާންމު ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން ސޯޝަލް މީޑިޔާއަށް ބަލައިލުމުން ހާމަވެއެވެ. އައްޑޫ ސިޓީގެ ކައުންސިލްގައި ތިއްބެވި އިދިކޮޅު މެމްބަރުންވެސް މިކަމާއި ދެކޮޅަށް ވާހަކަދައްކަމުން އަންނައިރު، މިކަމަކީ އައްޑޫ ސިޓިއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިޔާއަކީ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ގައުމަކަށްވާއިރު، ރާއްޖޭގައި ކޮންސިޔުލޭޓޭއް ގާއިމްކުރުމުގެ ކުރިއަށް ކުރެވޭނެ އެއަށްވުރެ މުހިންމު ކަންކަން ހުރިކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން، އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އިންޑިޔާ ސިފަ ކުރަމުން އަންނައިރު މިވީހާތަނަށް އިންޑިޔާއަށްދާ ދިވެހިންނަށް އޮން އެރައިވަލް ވިސާވެސް ދޫކޮށްފައި ނެތެވެ. 80 އަށްވުރެ ގިނަ ގައުމުތަކުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަމުން އަންނައިރު އެންމެ އަވަށްޓެރި އިންޑިޔާއިން ރާއްޖެއަށް މިހާތަނަށް އައިއިރު އޮން އެރައިވަލް ވިސާ ދޫކޮށްފައި ނުވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ކޮންސިޔުލޭޓޭއް ގާއިމްކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ރާއްޖޭގެ އާބާދީއަށް ބަލާއިރު އެކި ހިސާބުތަކުގައި ކޮންސިޔުލޭޓްތަކެއް ގާއިމްކުރުމަކީ މުހިންމުކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަދި އިންޑިޔާއިންވެސް މިހާތަނަށް އައިއިރު ކޮންސިޔުލޭޓްތްތައް ގާއިމްކޮށްފައިވަނީ އާބާދީގެ ގޮތުން ބަލާއިރުވެސް ވަރަށް ބޮޑެތި ގައުމުތައް ނުވަތަ ސިޓީތަކުގައިކަން ފާހަގަކުރެވެއެވެ.

މި ވަގުތަށް ކޮންސިޔުލޭޓޭއް ގާއިމްކުރުމަށްވުރެ މުހިންމު ކަންކަން ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޮން އެރައިވަލް ވިސާ ދޫކުރުމަކީ އެއް ކަންތަކެވެ.

އިންޑިޔާއިން ރާއްޖެއަށް ދެމުންގެންދާ ލޯނާއި، އެނޫންވެސް އެހީތަކަކީ ދަންތޫރަތަކެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މިއީވެސް އެއިން ކަމެއްގެ ގޮތުގައި ފާހަގަކުރާ ގިނަ ބަޔަކު މިހާރުވެސް އެބަތިއްބެވެ. ޚާއްސަކޮށް މިފަދަ ކަންކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާނެ ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: