ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރު: އިހުމާލުވީ މީހުންނަށް ގަނޫނީ ފިޔަވަޅު އަޅައިދޭން އެދި ސީޕީއަށް ސިޓީއެއް!

ކޮވިޑު ބަލީގައި ނިޔާވި މިޝްކާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިޔުމުގައި އިހުމާލުވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅައިދިނުމަށް އާންމު ފަރާތަކުން ފުލުހަށް ހުށަހަޅައިފި އެވެ.

ނޭވާ ލާން އުނދަގޫވެ ހާލަތު ގޯސްވާތީ މިޝްކާގެ ބެލެނިވެރިން ވަނީ އެކަން އެޗްޕީއޭއަށް ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް ކުއްޖާ ނިޔާވެފައިވަނީ އެމްބިއުލާންސް އެކްޓިވޭޓު ނުކޮށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވީ ފަހުންނެވެ.

މައްސަލައިގައި ހެލްތް މިނިސްޓްރީން އެކުލަވާލި ތަހުގީގު ރިވިއުއިން ދައްކާ ގޮތުން، އެމްބިއުލާންސް އެކްޓިވޭޓުކުރި ކަމަށް ބުނެ އާއިލާއަށް ދޮގު މައުލޫމާތުތައް ދީފައިވެއެވެ. އަދި ކުއްޖާ ބަލައި އެމްބިއުލާންސް ފޮނުވާފައިވަނީ އާއިލާގެ ފަރާތުން މީހަކު އެންމެ ފަހުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެއަށް ގޮސްގެންނެވެ.

ހެލްތް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑު ޖެހޭ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހާލަތު ގަވައިދުން ބަލަން ޖެހެއެވެ. އެހެން ނަމަވެސް މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާއިރު ވެސް އެ އުސޫލުގެ ތެރެއިން އަމަލުކޮށްފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މިޝްކާގެ ހާލަތު ގޯސްވެ، ބެލެނިވެރިން އެތައް ފަހަރަކު ގުޅައި އާދޭސް ކުރިކަން ރިޕޯޓުން އެނގެން އެބައޮތެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިޝްކާ ނިޔާވީ އީއާރުއަށް ގެންދިޔަތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުތައްވާކަމަށް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވެސް އިއުތިރާފުވެވަޑައިގެންނެވި އެވެ. އަދި އެކަން ރިޕޯޓުގައި ހިމަނާފައި އޮތަސް، މިހާތަނަށް މައްސަލައިގައި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަ އެވެ.

މި ރިޕޯޓު އާއްމު ކުރުމުން މިޝްކާގެ އާއިލާގެ ބައެއް މެމްބަރުން ވަނީ، ރިޕޯޓުގައި ހިމަނާފައިވަނީ ގޯސް މައުލޫމާތުތަކެއްކަމަށް ބުނެފައެވެ. އަދި ރިޕޯޓުގައި ހިމަނާފައިވަނީ ސައްހަ ވަގުތުތަކެއް ނޫންކަމަށް ބުނެ، ކޯލް ހިސްޓްރީ ފެންނަ ސްކްރީންޝޮޓުތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރިއެވެ.

އާއްމުންނާއި މީޑިއާތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އާއްމުންގެ ފަރާތަކުން ވަނީ މިޝްކާއަށް އެޓެންޑުވުމުގައި އިހުމާލުވީ މީހުންނަށް ފިޔަވަޅު އަޅައިދޭން އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ސިޓީއެއް ހުށަހަޅާފަ އެވެ. ނަމަވެސް މިއީ އާއިލާއިން ހުށަހެޅި ސިޓީއެއް ނޫނެވެ.

އެ ސިޓީގެ ކޮޕީއެއް “ސަންގު” އަށް ވެސް ވަނީ ލިބިފައެވެ. އޭގައި ބުނެފައިވަނީ “އިންސިޑެންޓް ކޮމާންޑަރު”ގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުގެ ޒިންމާ ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި މަސްލަހަތަށްޓަކައި އުނިކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ސަންގުއަށް ލިބިފައިވާ ސިޓީގައި، އެ ކޮން ނަމެއް ނޭނގޭހެން ވަނީ އުނިކޮށްފަ އެވެ.

“އިންސިޑެންޓް ކޮމާންޑަރެއްގެ ހައިސިއްޔަތާއި މަގާމު އެކަށައަޅާފައިވާ މުހިއްމު އަދި މާތް މަގްސަދަކީ ވެސް ރިސްކް ކެޓަރގަރީތައް ކަމުގައިވާ ބައްޔަށް ފައްސިވާ މާބަނޑު މީހުންނާއި، ދާއިމީ ބޭސް ބޭނުންކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ޚިދުމަތް ދިނުމުގައި އަވަސްކަން ގެންނަންޖެހޭނެ ފަދަ ހާލަތްތައް ހުރިތޯ ދުރާލާ ދެނެގަތުމަށް ހާދިސާއެއް ހިނގުމުގެ ކުރިން ދެނެގަނެ އަމަލުކުރަންޖެހޭ އެތެރޭގެ ޕްރޮސީޖަރތައް އެކުލަވާލާ އެސެންޓަރުގެ ކްލަސްޓަރސެކްޝަން ތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކޮށް ބަހާލައި އިންސިޑެންޓެއް މެދުވެރިވެދާނެ ފަދަ މަޢުލޫމާތުތައް އިންސިޑެންޓް ކޮމާންޑަރަށް ވެސް ލިބޭނެ ފަދަ ނިޡާމެއް އެސެންޓަރުގައި ގާއިމުކޮށް ދުވަހުން ދުވަހަށް ތަންފީޒުކުރުމެވެ.” ސިޓީގައި ވެއެވެ.

ސިޓީގައި ބުނެފައިވަނީ ނަމަވެސް، ހެލެތް މިނިސްޓްރީގެ ބަޔާނުގެ 03 ވަނަ ނުކުތާގައި ބުނާ ގޮތުގެ މަތިން އެސެންޓަރުގެ ހުރިހާ ސެކްޝަންތަކުން ބޭނުންކުރަމުން އަންނަ ސޮފްޓް ވެއަރ “އައުޓް ބްރޭކް ސިސްޓަމް” އަށް ކޮންޓެކްޓް ޓްރޭސިންގ ސެކްޝަނުން ފީޑްކޮށްފައި ނުވާކަން އެނގެން އެބައޮތް ކަމަށެވެ. އަދި މިވަގުތުވެސް 2021 މެއި 20 އިން ފެށިގެން ބައްޔަށް ޕޮޒިޓިވްވެފައިވާ ހައި ރިސްކް ކެޓަގަރީގެ ގިނަ މީހުންގެ ބަލީގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ސެކްޝަނުގެ ޓީމު ލީޑަރު އަދި ސިވިލް ސާރވިސްގެ މުވައްޒަފު ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރުގެ އިހުމާލުން ގަވައިދުން ސިސްޓަމަށް އަޅަމުން ނުދާ ޖަނަށެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ ބަލިމީހާއަށް ޖެހިޖެހިގެން 02 ނުވަތަ 03 ފަހަރަކު ގުޅުމުން ފޯނު ނުނެގުމުން އެޓެންޑެޑް ޖެހުމަށްފަހު ކޭސް ކްލޯސް ކުރަމުން އަންނަކަމުގެ މައުލޫމާތު އެސެކްޝަނުގެ ދަރުމަވެރިންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

“ދަންނަވަންތޯއެވެ. ހެލްތު އިމާރޖެންސީ އޮޕަރޭޝަންސް ސެންޓަރާ ސީދާ ހަވާލުވެ ހުރި އޯވަރ އޯލް އޮޕަރޭޝަންސް އިންޗާރޖު އަދި އިންސިޑެންޓް ކޮމާންޑަރު ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ދައުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވާތީ، އެފަދަ އެތަކެއް މައްސަލަތަކާއި އަދި ޚާއްސަކޮށް 02 ޖޫން 2021 ވަނަ ދުވަހު ކޮވިޑް ބަލީގައި ފާތިމަތު މިޝްކާ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ އިޙްމާލުން ކަމުގައިވާތީ އާއި އެކަމަކީ ގާނޫނުލްއުޤޫބާތުގައި ސީރިއަސް ޖީނާއީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ތަހުގީގު ހިންގަވައި، ޖިނާއީ ދަޢުވާކޮށް ދެއްވައި އަދި މައްސަލަ ބަލަމުން އަންނަކަން ދިވެހި ސިވިލް ސާރވިސް ކޮމިޝަނަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.” ސިޓީގައި ވެއެވެ.

މި ސިޓީގައި ބުނެފައިވަނީ މިޝްކާ ނިޔާވީ ބައެއްގެ އިހުމާލުންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައި، ފިޔަވަޅު އަޅައިދޭން ވަނީ އެދިފައެވެ.

މިޝްކާ ނިޔާވުމުގައި އިދާރާތްތަކުގެ އިހުމާލު ހިމެނޭކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޭސް ރިވިއުއަށް ފަހު ފާހަގަ ކުރެވޭ ކަންތަކަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޕޯޓު އާއްމު ކުރާނެކަމަށް ބުނިތާ އެއް ދުވަސް ފަހުން، އާއްމު ކުރި އެ ރިޕޯޓުން ކަންބޮޑުވާންޖެހޭ ގިނަ ކަންތަކެއް ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި އާއިލާއިން އެތައް ފަހަރަކު ގުޅުމުން ވެސް، އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނީ، އެމްބިއުލާންސް އެކްޓިވޭޓު ނުކޮށްކަން ވަނީ ހާމަ ވެފައެވެ.

ހާދިސާއާއި ގުޅިގެން ފާހަގަ ކުރެވުނު ކަންތަކުގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއްގައި ބަލާފައި ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެކު، އެމްބިއުލަންސް ޓްރިގާރ ކުރަންޖެހޭ ވަގުތު އެކަންކޮށްފައި ނުވާ ކަމަށެވެ.

އެމްބިއުލާންސް އެކްޓިވޭޓު ކުރަންޖެހޭ ހާލަތެއްގައި ވެސް، 2 ގަޑިއިރާއި 26 މިނެޓު ވެހިކަލް ނުފޮނުވައި ހޭދަކުރިކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ އިމަޖެންސީ ހާލަތެއް ނަމަވެސް ޑީއެމްއާރުޓީ އާއި ސީމެޓަށް އެ މައުލޫމާތު ހިއްސާ ކުރެވި އަމަލު ކުރަންޖެހޭ އުސޫލާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިނުވާކަން ތަހުގީގަށް ފާހަގަ ކުރެވުނުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: