ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު 241 ކޮމިޓީއަށް ނުފޫޒު ފޯރުވާ ކަމަށް ރައީސް ނަޝީދު ކުރައްވާ ތުހުމަތު: ރައީސް ސޯލިހު ދިފާއުކުރައްވަން ތަރުޖަމާން ބޭނުންފުޅެއް ނުވި!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވަނީ ތުހުމަތު ކޮށްފައެވެ. މި ތުހުމަތުތަކަށް އަދި މީހާތަނަށް ސަރުކާރުގެ ފަރާތުން ރަސްމީކޮށް އެއްވެސް ޖަވާބެއްދީފައެއް ނުވެއެވެ.

މި މައްސަލާގައި ކޮމަންޓެއް ހޯދާލުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަށް ފަސް ވަރަކަށް ފަހަރު ގުޅާލުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި މެސެޖް ކުރުމުން މީޓިންއެއްގައި ކަމަށް ވިދާޅުވެ، ސުވާލު މެސެޖް ކުރެއްވުމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް 241 ކޮމިޓީ އަށް ރައީސް ސޯލިހު ނުފޫޒު ފޯރުވާތޯ ސުވާލު ކުރުމުން މަބްރޫކް އެ މެސެޖަށް ޖަވާބު ދީފައެެއް ނުވެއެވެ.

ފަހަކަށް އައިސް ރައީސް ސޯލިހުއާ ގުޅޭ މިކަހަލަ މައްސަލަތަކުގައި މަބްރޫކް ހަނުހުންނަވާކަން ފާހަގަކުރެވެއެވެ.

އިންކުއަރީއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ތަރުޖަމާނުގެ ރޯލު ކޮންމެސް ވަރަކަށް އަދާކޮށްފައެވެ. އެގޮތުން އަސްލަމް ވިދާޅުވީ އިންކުއަރީ އަށް ހުރަސް އަޅަން ސަރުކާރުން ކުރާ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

“ސީދާ ރައީސް ސޯލިހު ވެސް އަޅުގަނޑާ ކުރެއްވި މުއާމަލާތެއްގައި މި އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިވަނީ. އެހެންވީމާ އަޅުގަނޑަކަށް އަދި ނުފެނޭ [ނުފޫޒެއް އޮތް ތަނެއް]. ރައީސް ނަޝީދު ވެސް ބޭނުންފުޅުވާނެ މުޅި ރާއްޖޭގެ އަދި ހުރިހާ މުއައްސަސާތަކުން ބޭނުންވާނެ ފުރިހަމަ އިންކުއަރީއަކަށް މި އިންކުއަރީ ވާން،” އަސްލަމް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ސަލާމަތީ ބާރުތައް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ނިންމިނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ފޮނުވި ސިޓީއަކާއިގުޅިގެން، އެސިޓީގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލާގައި އިމްތިޔާޒަށް އަރައިގެންފައިނުވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ނިންމުމުން ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ރޭ ވަނީ މެސެޖެއް ފޮނުވާފައެވެ.

ރައީސް ނަޝީދު މިވަގުތު ފޯނު ނުގެންގުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އިންނަވާ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް މެސެޖް ފޮނުއްވެވީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަފީތް މެދުވެރިކުރައްވައެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖް އޮތްގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވިއިރު އެ މެސެޖުގައި ރައީސް ސޯލިހަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ކަންކަން ފޮރުވަން އުޅޭކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

”މިއީ ރައީސް ނަޝީދު. ރޖ (ރައީސުލް ޖުމްހޫރިއްޔާ) ލޮބީ ކުރައްވައިގެން އެމްއެންޑީއެފް ގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތްކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއް ގޮތަކަށްވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ” ރައީސް ނަޝީދުގެ މެސެޖުގައި ވެއެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: