ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑާޝިޕެއްގައި އޮންނަން ޖެހޭ ބަދަހި ގުޅުން ދައްކަނީ ޕީޕީއެމް، ޕީއެންސީ އެކަނި: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ލީޑަރޝިޕްގެ ގުޅުން އެންމެ ބަދަހީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔާމުގެ ޒައާމަތުގައި ހިންގަމުންދާ ޕީޕީއެމް އަދި ޕީއެންސީގެ މެދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ މެމްބަރު އަދި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ތެރޭގައި ދެބަސްވުން އުފެދި، އެއް ބޭފުޅަކު އަނެއް ބޭފުޅަށް ސޯޝަލް މީޑިއާގައި ފާޑުކިއުން ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލައިގެ ތަހުގީގަށް ސަރުކާރުގެ ތެރެއިން ނުފޫޒުތަކެއް ފޯރުވަމުންދާކަމުގެ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އެހެން މެމްބަރުން މެދުވެރިކޮށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބޭރު ކުރަމުންދާކަމަށް ރައީސް ނަޝީދާއި އަރިސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެއްބާރުލުން ނުދީ، 241 ކޮމިޓީގެ މަސައްކަތްތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހުރަސް އަޅާކަމަށް ދޭހަވާ މޭރުމަކުން ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު، މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޖިލީހަށް ފޮނުވި ސިޓީއަކާއި ގުޅިގެން އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލަ ބަލައިދޭން އެދި ސުލޫކު ކޮމިޓީއަށް ހުށަހެޅި އެވެ. ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ އެ ދުވަހުގެ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓު ވެސް ހިމެނޭހެންނެވެ. އެހެންވެ، އެ ބޭފުޅުންނަށް ވެސް ފާޑުކިއުން އަމާޒުވެފައިވާއިރު، އެމްޑީޕީ ދެބައި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ލީޑާޝިޕްގެ ބޭފުޅުން ވެސް ވަނީ ބުނަމުންނެވެ. އަދި ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދަނީ، ރައީސް ސޯލިހަށް ތާއީދުކޮށް ޓްވީޓު ކުރާ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ހަބަރުތަކާއި، ޓްވީޓުތަކުގެ ސްކްރީންޝޮޓު ނަގައި ފާޑުކިޔަމުންނެވެ.

މި ކޯޅުންތައް ސޯޝަލް މީޑިއާގައި ހަމައަށް ފެންނަން އޮއްވައި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އެމްޑީޕީ ދެބައިވީ ރައީސް ނަޝީދު އަދި އެމްޑީޕީގެ ބައިވެރިވުމެއް ނެތި ސަރުކާރު ހިންގަވާތީ ކަމަށް ވިދާޅުވެފައެވެ. މީޑިއާއަކުން ގެނެސްދީފައިވާ ހަބަރެއް ރީޓްވީޓު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެންމެ ޑިމޮކްރަޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ލީޑާޝިޕްގެ ގުޅުން އެންމެ ބަދަހީ ރައީސް ޔާމީންގެ ޒައާމަތުގައި ހިންގަމުންދާ ޕީޕީއެމް ޕީއެންސީ ގައި ކަމަށެވެ.

މީގެއިތުރުން އެ ޓްވީޓްގައި އާދަމް ޝަރީފް ވަނީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އުއްމީދަކީ ޕީޕީއެމާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް މިގައުމުގައި ގެއްލިފައިވާ މިނިވަންކަމާއި މުސްތަގިއްލުކަން އަލުން އަނބުރާ ހޯދުން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ދެވުނު ޓެރެރިސްޓް ހަމަަލާއަށް ފަހު އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ކޯޅުންތަކެއް އުފެދި، ޕާޓީ ތެރޭގައި ދަނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: