ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިކުރާކަށް ނުޖެހޭ ކަމަށް މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށް ސަރުކާރު ހިންގަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެންނެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށް ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
”ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސާ ހަދާކަށް ނުޖެހޭ.“ އަލީ ހުސެއިން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި، އެމްޑީޕީގެ މަސައްކަތް ދެބައިވާތަން ފެންނަމުންދާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަސައްކަތް ދެބައިވީ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުންނާއި، އެމްއެމްޕީއާރްސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށުމުން ކަމަށެވެ.
”ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދު އާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ“ ހަސަން ވިދާޅުވިއެވެ.
އެމްީޕީގެ އެތެރޭގެ މަޝްރަހު ހޫނުވެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ނުތަވަސްކަން އުފެދިފައިވާއިރު، ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެމްޑީޕީ ބައިބައިވީ ރައިސް ނަޝީދާއި އެމްޑީޕީ ނުލާ ސަރުކާރު ހިންގަން އުޅުމުންކަމަށް ބުނެ ތުހުމަތުވެސް އަންނަނީ ކުރަމުންނެވެ


One Response
ެމނުޖެހޭނަމަ މެމްބަރުންގެ އަނބިދަރިންނަށް މިނިސްޓަރުކަމާ ޑެޕިއުޓީކަން ދެނީ ކީއްވެ.؟؟؟