މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލަ އޯގަސްޓް ފަހެއްގެ ކުރިން ދައުވާ ކުރަން ފޮނުވޭނެ ކަމަަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމު ވިދާޅުވީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކުރިއަށްދާ ގޮތް ޕީޖީން ބަލަމުންދާ ކަމަށާއި ތަހުގީގު ޖުމުލަކޮށް ކުރިއަށްދާގޮތާމެދު ހިތްހަމަ ޖެހޭކަމަށެވެ.
ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގު އަވަސްކުރުމުންވެސް ނުވަތަ މާ ލަސްކުރުމުންވެސް ގެއްލުންތަކެއް ކުރިމަތިވާނެކަމަށެވެ. އެގޮތުން އަވަސް އަރުވާލައިފިނަމަ ހާދިސާ ހިންގުމުގައި ބައިވެރިވާ ފަރާތްތައް ނުހޯދިދާނެކަމަށާއި ލަސްކޮށްފިނަމަ ހެކި ނައްތާލުމަށްވެސް މަސައްކަތް ކޮށްފާނެކަމަށް ޝަމީމް ވިދާޅުވިއެވެ.
”ހަމަލާއަށް ފައިނޭސް ކުރި މީހުންނާއި ކަން ހިންގި މީހުންވެސް ހޯދުމަށް މަސައްކަތް އެބަކުރަން. އަމަލީ ގޮތުން ހަރަކާތްތެރިވާ ފާރާތްތައް ކޯޓަށް ހާޒިރުކުރުވި ނަމަވެސް ތަހުގީގުގެ އިތުރު ބައިތައް ނުނިމޭނެ. 45 ދުވަހާއި އާއި 75 ދުވަހުގެ މުއްދަތެއް ތަހުގީގަކަށް ހޭދަވާން މިޖެހެނީ. ހަގީގަތުގައި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް މިއީ ކުރު މުއްދަތެއް. ނަމަވެސް ފުލުހުން އެމަސައްކަތް ކުރާނެ.” ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަންނަ މަހުގެ ފަހުކޮޅު ނިންމާ ލިޔުންތައް ލިބޭނެކަމަށް ލަފާކުރެވޭކަމަށާއި އަދި އޮގަސްޓް ފަހެއްގައި ދައުވާ ކުރަން ފޮނުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި މަސައްކަތް ކުރަނީ އޭގެ ކުރިންވެސް ކަންކަން ނިންމާ ދައުވާ ކުރެވޭތޯ ކަމަށް ޝަމީމް ވިދާޅުވިއެެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އަދި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

