ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް ފިޔަވަޅު އެޅީ ކުއްޖާގެ ޒާތީ މައުލޫމާތާއި އެކު، ސާބިތު ނުހިފޭ ވާހަކަ ލިޔެފައިވާތީ: ޖެންޑާރ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިޔާތަކަށް ފިޔަވަޅު އެޅީ 13 އަހަރުގެ ކުއްޖާގެ ހަބަރުތައް ގެނެސްދިނުމުގައި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ޒާތީ މައުލޫމާތުތައް ހިމަނައި، ކަށަވަރު ނުކުރެވޭ ވާހަކަތަކެއް ހިމަނާފައި ވާތީ ގާނޫނުން ލިބިގެންވާ ބާރުންކަމަށް ޖެންޑާރ މިނިސްޓްރީން ބުނެފި އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ބައެއް މީޑިއާތަކުން ވަނީ، ކުއްޖާއާއި ބެހޭ ގޮތުން ގޯސް އެތައް ވާހަކަތަކެއް ހިމަނައި ރިޕޯޓު ގެނެސްދީފަ އެވެ. އަދި އެފަދަ ރިޕޯޓުތަކުގައި ބައެއް ޒާތީ މައުލޫމާތާއި އެކު ހާދިސާ ހިނގުމަށް މެދުވެރިވެދާނެ ސަބަބުތައް ކަމަށް ބުނެ ކުއްޖާގެ މައްޗަށް ބޮޑެތި ތުހުމަތުތަށްކޮށްފައި ވެއެވެ. އެ މައްސަލައިގައި މީޑިއާ ކައުންސިލްގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުއްޖާގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރިއެވެ.

އިއްޔެގެ ވަގުތެއްގައި ޖެންޑާރ މިނިސްޓްރީގެ ދަށުން ހިންގާ، ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މީޑިއާތަކަށް އިންޒާރުގެ ސިޓީ ފޮނުވައި، މީޑިއާއެއް ޖޫރިމަނާ ކުރި އެވެ. ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، އެއްވެސް ކުއްޖެއްގެ މައުލޫމާތެއް އާންމު ކުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާވާނެ އެވެ. އަދި އެފަދަ އަމަލެއް ހިންގާ ބައެއްގެ މައްޗަށް ޖެންޑާއަށް ފިޔަވަޅު އެޅޭނެކަމަށް ބުނެފައި ވެއެވެ.

ޖެންޑާ މިނިސްޓްރީގެ ނައިބު، ފާތިމަތު ޔުމްނާ ސޮއި ކުރައްވާ، ފޮނުވި ސިޓީގައި ޖޫރިމަނާކޮށްފައި ވަނީ “އަވަސް” ނޫހެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަދި 33 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ. އެހެންވެ އެ ގަވައިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަމަބަރުގެ ދަށުން އަވަސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރީ އެވެ. އަދި އިންޒާރުގެ ސިޓީ ފޮނުވާފައިވަނީ “ވަން އޮންލައިން” އާއި، “ވަގުތު” އަދި “އަދަދު” ނޫހަށެވެ.

ކޮންމެ މީޑިއާއަކަށް ވަކިން އެޑްރެސްކޮށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެ މީޑިއާތަކުން ކުއްޖާ މަރާލި ހާދިސާގައި އެ މީޑިއާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ މައުލޫމާތު ހާމަ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ނޫސްވެރިންގެ ފާޑުކިއުންތައް ޖެންޑާރ މިނިސްޓްރީއަސް ވަނީ އަމާޒުވެފަ އެވެ. އަދި އެމްއެމްސީން ވެސް ބަޔާނެއް އާއްމުކޮށް ބުނީ ބައެއް ހަބަރުތައް ގެނެސްދީފައިވާ ގޮތުގެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް އައުމާއި އެކު އެކަން މީޑިއާތަކަށް އެންގި ކަމަށެވެ. އަދި ކަމާއި ގުޅޭ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން މިނިސްޓްރީއަށް ވެސް އަންގާފައިވަނިކޮށް، މީޑިއާތަކަށް އިންޒާރުގެ ސިޓީތައް ފޮނުވައި ޖޫރިމަނާ ކުރުން ބަލައެއް ނުގަނެވޭނެކަމަށް ބުންޏެވެ.

ރައްދުގައި ޖެންޑާއިން އާއްމު ކުރި ބަޔާނުގައި ބުނީ ކުޑަކުދިންގެ ހަބަރު އާންމު ކުރުމުގައި އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ޒާތީ މައުލޫމާތާއި ކުޑަކުދިންނާ ގުޅޭ މަޢުލޫމާތުތައް ކަށަވަރު ނުކޮށް ހަގީގަތް ބެލުމެއް ނެތި މީޑިއާގައި ދައުރު ކުރަމުންދާ ކަމަށެވެ. އަދި މިފަދައިން އަމަލުކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ހިލާފުކަމެއްކަމުގައި ތަކުރާރުކޮށް އަންގާ، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންނާއި ގުޅުންހުރި މައުލޫމާތުތައް އާންމު ނުކުރުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރަައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، އެ ކުދިންނަށް ރައްކާރެރިކަން ލިބިގެންވާ ހާއްސަ ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ އެންމެހައި ހައްގުތަކާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ކުޑަ ކުއްޖެއްގެ ހައްގަކަށް އުނިކަމެއް އަންނަ ފަދައިން އަމަލުކުރާ ފަރާތްތައް އަދި ކުޑަ ކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަންނަ ފަދައިން ޢަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު އެ ގާނޫނުގެ ދަށުން ލިބިގެންވާ ކަމަށެވެ. އަދި އާންމު ގާނޫނުތަކާއި ހާއްސަ ގާނޫނުތަކާއި ހުރި ތަފާތަކީ ވަކިކަމަކަށް ހާއްސަ ކުރެވިގެން އެކުލަވާލާފައިވާ ގާނޫނުތަކުގެ ދަށުން ދީފައިވާ ބާރުތައް އެކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކުން ތަންފީޒު ކުރެވޭނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ކުއްޖާ ހެދި ބޮޑުވުމަށް ބެނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ ފަރާތުންނާއި، މުޖުތަމަޢުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްކަން ބަޔާންކޮށްފައި ވެއެވެ. އަދި އެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުން މާނާވާނެ އެވެ. އަދި މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށްބަލައި، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މަޢުލޫމާތު، މީޑިއާގައި އާންމު ކުރާނަމަ އެ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅޭނޭކަން ފާހަގަ ކޮށްފައިވެއެވެ. 

ޗައިލްޑް އެންޑް ޕްރޮޓެކްޝަން ބާޔަނޫގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ހިމެނޭ ބައެއް މާއްދާތައް ހިމަނާފައި ވެއެވެ. އަދި އެ ބާރުގެ ދަށުން މީޑިއާތަކާއި މެދު ފިޔަވަޅު އެޅޭނެކަމަށް ބުންޏެވެ.

“އެހެންކަމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ހިލާފަށް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު މީޑިއާ ތަކުގައި އާންމުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް، ގަވާއިދު ނަންބަރު 70-R/2020 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ އާންމު ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން -/2000ރ. (ދެހާސް) ރުފިޔާއިން ޖޫރިމަނާކޮށް އަދި އިސްވެ ދެންނެވި ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައި، އެކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާން ކުރުމަށް އަންގައި، އެ އެންގުން އާންމުކޮށް ޝާއިޢު ކުރުމަށް އަންގާފައިވާނެއެވެ. އަދި މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ހިލާފަށް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު އާންމު ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ އެވެ.” ބަޔާން

ބަޔާނުގައި ބުނެފައިވަނީ، އެ ސާވިސްއިން ދަނީ މީޑިއާތަކުގައި އާންމުކޮށްފައިވާ މަޢުލޫމާތުތައް ބަލަމުން ކަމަށެވެ. އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު އާންމުކޮށްފައިވާ މީޑިއާތަކާއި އެކު މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށް އެދޭނެކަމަށް ވެއެވެ. މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އަދި ކުޑަކުދިންނާއި ގުޅިގެން މަޢުލޫމާތު އާންމު ކުރުމުގައި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނާނޭ ގޮތަށް އެއްވެސް މަޢުލޫމާތެއް އާންމު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ

“މިކަމަކީ މީޑިއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ވުރެ ބޮޑަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތައް މަދުކުރުމަށް އެޅި ފިޔަވަޅެއްކަން ފާހަގަ ކުރަމެވެ.” ބަޔާން

ރާއްޖޭގައި މީޑިއާތަކުން ގެނެސްދޭ ވަކި ވަކި ހަބަރުތަކާއި، ރިޕޯޓުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތް މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

އެމްއެމްސީގެ ބަޔާނުގައި ވެސް ވަނީ މީޑިއާގައި ޝާއިއު ކުރާ ޝާއިއު ކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހުތިސޯސް ލިބިގެންވަނީ އެ ކައުންސިލަށް ކަން ފާހަގަކޮށްފަ އެވެ. އަދި ބަޔާނުގައި ބުނެފައި ވަނީ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާ ކުރުމަކީ، ކައުންސިލްގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައި ވެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް އެ ކުއްޖާ މަރާލި މައްސަލައިގައި ބައެއް މީޑިއާތަކުން ހަބަރުތައް ގެނެސްދޭ ގޮތާއި މެދު ރައްޔިތުންގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލައިގައި މީޑިއާ ކައުންސިލާއި އަދި ބްރޯޑްކޮމްއާއި ބައްދަލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: