ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(މ) ރައީސް މުހައްމަދު ނަޝީދު(ކ) އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ގެނައި އިސްލާހުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެ ކަމަށާއި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި، މި ގެނެވުނު އިޞްލާޙުތަކު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ. . އަދި، އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މިގޮތުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނަކަށްވާންޖެހޭނެ ކަމަށާ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންކަމުގައި މިބިލުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެ ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: