ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ އިންކުއަރީ: މާރިޔާއަށް ލިބުނު މައުލޫމާތު ހިއްސާއެއް ނުކުރޭ، ގޯސް ކުރީ އިލްޔާސް!

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ، މާރިޔާ އޭޑީކޭއަށް ވަޑައިގެންނެވުމުން އާއްމުން އިސްތިއުފާއަށް ގޮވަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލައެއް ދޭންއުޅޭކަން އެނގިހުރެ އެކަން ޑިފެންސް މިނިސްޓަރު މާރިހާ އަހުމަދު ދީދީ ހިއްސާކޮށްފައި ނުވުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީން) ގެ ޕާލިމަންޓު އިންކުއަރީ ރިޕޯޓްގައި ބުނެފި އެވެ.

ހަރުކަށި ފިކުރުގެ ބައެއްގެ ސިކުންޑިތައް ދޮވެލައި، ތިން މިލިއަން ރުފިޔާއަށް ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު މާރިޔާއަށް ދެއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ތިން ދުވަސް ކުރިން، މޭއި މަހުގެ 03 ގައި ރައްޓެއްސެއްގެ ފަރާތުން ލިބުނު އެ މައުލޫމާތު ރައީސް ނަޝީދާއި ވެސް އިލްޔާސް ހިއްސާ ކުރެއްވި އެވެ. އަދި ރައީސް ނަޝީދުގެ ލަފާގެ މަތީން އޭގެ ޖެހިގެން އައި ދުވަހު އެކަން މާރިޔާއަށް ދަންވާފައިވާނެކަމަށް އިލްޔާސް ބުނެ އެވެ.

ޕާލިމަންޓު އިންކުއަރީއަށް ހާޒިރު ކުރުމުން، މިނިސްޓަރު މާރިޔާ ދެއްވި ޖަވާބުތަކާއި ގުލޭގޮތުން ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ އެ މައުލޫމާތު އިލްޔާސް ދެއްވުމުން މާރިޔާ ވިދާޅުވީ އޭގައި ޖިނާއީ ކަންތަކެއް ހިމެނޭތީ ފުލުހަށް ވެސް މައްސަލަ ހުށަހެޅުމަށެވެ. މާރިޔާ ވިދާޅުވީ އިލްޔާސާއި އޭނާއާއި ދެމެދު ވާހަކަ ދެކެވުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އަދި ވަރަށް ކުރުކޮށް ވާހަކަ ދެއްކުމަށްފަހު، ފޯނު ބޭއްވީ ކަމަށެވެ.

“އެ ނިމުނީ، މާ ގިނައިރަކު ވާހަކައެއް ނޫން، ހަމަ ވަރަށް ސިންޕަލްކޮށް މިހެން ދެން ބޭއްވެވީ، ދެބް މައުލޫމާތު ފޯރުކޮށްދެއްވައްޗޭ، އިތުރު ފޯނު ކޯލެއް، އެ އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގިތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ އެ ވާހަކައަށް އާނ، ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ،” މާރިޔާ

މާރިޔާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމާއި، އަދި އޭރު ކުރިޔަށް ދަނީ އެޑްވާންސް ޕޭމަންޓު ހެދުމުގެ މަސައްކަތްތަކެއްކަން އިލްޔާސް ސީދާ އެމްއެންޑީއެފަށް ނާންގާ ކަމަށެވެ. އަދި ސީދާ އޭނާ އެކަން ހިއްސާ ނުކުރީ އެއީ “މައުލޫމާތަކަށް” ނުވާތީ ކަމަށެވެ.

މާރިޔާ ވިދާޅުވީ އިލްޔާސް ހިއްސާ ކުރި އެ ވާހަކަ އެމްއެންޑީއެފްގެ އިތުރު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރާ ކަމަށެވެ. އިލްޔާސް ހިއްސާ ކުރެއްވީ މުހިންމު މައުލޫމާތުތަކެއް ކަމާއި، އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މާރިޔާ ހިއްސާކުރައްވައި އެމްއެންޑީއެފްއިން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ފަދަ ވާހަކަތަކެއްކަމަށް އިންކުއަރީގެ ރިޕޯޓުގައި ވެއެވެ.

“ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް، މައުލޫމާތެއް ނޫން، އެއީ މައުލޫމާތެއް ކަމަަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ކޮންމެ ވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށް ދެއްވި ކަމަށް ވަންޏާ،” މާރިޔާ

އެ މައުލޫމާތު ލިބުނުއިރު، ނަޝީދުގެ ތުރެޓް ލެވެލް ވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފަ އެވެ. ކްރިޓިކަލްއަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެ ކަމަށް ބެލުންކަމަށާއި، އޭގެ މާނައަކީ ވަރަށް އަވަހަށް ހަމަލާއެއް އަތުވެދާނެފަދަ ހާލަތެއްކަން ކަމާއި ބެހޭ މާހިރުން ވިދާޅުވާކަމަށް އިންކުއަރީ ރިޕޯޓުގައި ވެއެވެ.

ތްރެޓް ލެވެލް “ކްރިޓިކަލް” ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ އެއީ “ޑިސްރިގާޑް” ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މަޢުލޫމާތެއް ނޫންކަމަށް އެމްއެންޑީއެފް ގެ ފަންނީ ތަޖުރިބާކާރުންނާއި ހަވާލާދީ ރިޕޯޓުގައި ފާހަގަ ކުރި އެވެ.

“އަދި ޑީއައިއެސް އަކުން އެއްވެސް ހައި ލެވެލް ބޭފުޅަކާ ގުޅިގެން އަންނަ ކަންބޮޑުވާ ކަހަލަ މަޢުލޫމާތެއް ޑިސްރިގާޑެއް ނުކުރާނެ … އޭތި ބަލާނެ..އެކަހަލަ ތްރެޓެއް އޮތް މައުލޫމާތެއް ލިބިއްޖެއްޔާ އެ މައުލޫމާތު އިންޓެލިޖެންސަށް އަައުމަކީ އެންމެ ރަނގަޅު ގޮތް،” ރިޕޯޓު

ރައީސް ނަޝީދުގެ ތްރެޓް ލެވެލް، ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވަނިކޮށް ތިން މިލިއަން ޑޮލަރު ދީ ނަޝީދު މަރާލަން އުޅޭ ވާހަކައަކީ އެމްއެންޑީއެފާއި ހިއްސާކުރެވި، ޑިފެންސް އިންޓެލިޖަންސް ސާވިސްއާ ހިއްސާ ކުރެވެންވާނެ މައުލޫމާތުތަކެއްކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

“މިފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެއީ އިންޓެލިޖެންސް ސައިކަލްއަށް ވަންނަން ޖެހޭނެ މައުލޫމާތެއް” ރިޕޯޓު

އެ މައުލޫމާތު ހިއްސާ ނުކުރެއްވި ސަބަބަށް ތަފްސީލުކޮށް މާރިޔާ ވާހަކަ ދައްކަވާފައި ވެއެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު މޭއި މަހުގެ 05 ގައި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސްއާ ބައްދަލުކޮށް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި އެވެ. އަދި ސެކިއުރިޓީ “އެންހާންސް” ކޮށްފައި އޮތުމުން އެ މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާ ނުކުރެއްވީ ކަމަށެވެ.

“ދެން ޖެހިގެން އައި ދުވަހު އަޅުގަނޑު ޗީފާއި ވައިސް ޒީފާ ބައްދަލުކުރިން… އަޅުގަނޑު މި ވާހަކައެއް ނުދައްކަން. އެކަމަކު އަޅުގަނޑު ބޭނުންވީ އެބޭފުޅާ އަރިހުން އޮޅުންފިލުވަން ކިހިނެއްތޯ ސެކިއުރިޓީ ތްރެޓް ލެވެލާއި ސެކިއުރިޓީ އެރޭންޖުކުރެވިފައި ހުރީ. އެހެން ބުނީމާ، އެބޭފުޅުން ވިދާޅުވި ސެކިއުރިޓީ އޮތީ ކްރިޓިކަލްގައިކަން. އަދި ޗީފް ވިދާޅުވީ، ސެކިއުރިޓީ އޮތީ އެންހޭންސް ކުރެވިފައި ކަމަށް. އެހެންވީމާ، އަޅުނޑަކީ އޮޕަރޭޝަނަލް ޓެކްނިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން، އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް، ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށްވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ،” މާރިޔާ

ނަމަވެސް، އެ މައުލޫމާތާ ގުޅިގެން ނަޝީދުގެ ސެކިއުރީޓީ ބެލެހެއްޓުމަށް އިތުރު ކަމެއް ކުރެވިދާނެތޯ އާއި ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ “ޓެކްޓިކަލީ” ކަނޑައަޅަން ވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުން ކަމުގައި އިންކުއަރީއަށް ގަބޫލު ކުރެވޭކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓަރަކްޗާގެ ތެރެއިން ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ، ނަޝީދުގެ ސެކިއުރިޓީ ބެލެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީހެވެ.

އިލްޔާސް ދެއްވި މައުލޫމާތު މާރިޔާ ފުލުހުންނާ ހިއްސާކޮށްފައި އޮތްނަމަ ރައީސް ނަޝީދަށް ހަމަލާއެއް ދިނުން “މިޓިގޭޓް” ކުރުމަށް “ޑިސްރަޕްޓިވް” ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދިޔައީސް ކަމަށް އިންކުއަރީ ކޮމިޓީން ދެކެ އެވެ.

“ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކަމުގެ މައުލޫމާތު ލިބުމުން އެ މައުލޫމާތަކީ މާރިޔާ އާއި އިލްޔާސް ފުލުހުންގެ ހިދުމަތަށް ހިއްސާކުރަންވަން ޖެހިވަޑައިގަންނަވާނެ މައުލޫމާތެއް ކަމަށް މި އިންކުއަރީއަށް ގަބޫލުކުރެވޭ،” ރިޕޯޓު

ރިޕޯޓްގައި ބުނެފަައި ވަނީ ރައީސް ނަޝީދުފެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން، އެ މައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: