ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީއަކަށް ނަޝީދު، އޭސީޕީންނަށް ވައްޑެ އާއި ބޮންޑެ!

ރައީސް ނަޝީދާއި، މެމްބަރު ވައްޑެ އާއި ބޮންޑޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ވަރުގަދަ ހަމަލާ އާއި ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތުތައް ފުލުހުން ހާމަކުރިއިރު ގިނަ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އަހަރެން ވެސް ޓީވީ ބަލަން އިނީމެވެ. ލިބުނު ގިނަ މައުލޫމާތުތަކަށް ޚަބަރުތައް ތައްޔާރުކޮށް ނިންމުމަށް ފަހު ގެއަށް ގޮސް އޮށޯއްވެލީ ދުވަހުގެ ވަރުބަލިކަމާއިއެކު ބޮލަށް ވެފައި ހުރި ބަރުކަން ފިލުވާލުމަށެވެ.

ދެން ހޭލެވުނީ ކުއްލިއަކަށް ފޯނު ރިންގްވާން ފެށި އަޑަށެވެ. އޭރު ގަޑިން ހެނދުނު 08:00 އެވެ. އޮފީހުން ގުޅާފައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުން މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ގޮވާލައްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއަށް ވަރަށް ހާއްސަ ބިލެއް ސަރުކާރުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެބިލަކީ ފުލުހުންގެ ތަމްރީނުތައް ފުރިހަމަ ނުކޮށް ހުންނަ މީހަކު ވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށާއި ފުލުހުންގެ މަތީ ރޭންކްތަކަށް އައްޔަން ކުރެވޭ ގޮތައް ހުށަހެޅި ބިލެކެވެ. އަޅުގަނޑު ހިތައް އެރިއެވެ. ސުބްހާނަﷲ އެވެ. “ރައީސް މޮޔަފުޅުވީތޯއެވެ.”

ކޮންމެއަކަސް މަޖިލީހުގެ ޖަލްސާ ފަށައިފިއެވެ. އެމްޑީޕީ މެންބަރުން އޮތީ ބިލަށް ބަހުސް ނުކުރަން ތްރީލައިން ވިޕެއް ނެރެފައެވެ. އީދު ޗުއްޓީގައި ގިނަ މެންބަރުން ތިއްބެވުމުން އިދިކޮޅު ގިނަ މެންބަރުންނަށް ޖަލްސާގައި ބައިވެރިއެއް ނުވުވުނެވެ. މުޅި މަޖިލީހުގެ ކޮމެޓީން ބިލް ދިރާސާކޮށް، ބައި ގަޑިއެއްހާއިރު ތެރޭގައި ބިލް ފާސްކޮށްފިއެވެ.

ނުވައެއް ޖެހިއިރު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތަކަށް ދާން މީޑިއާތަކަށް ދައުވަތު އޮތުމުން އަޅުގަނޑު ވެސް އެރަސްމިއްޔާތައް ދިޔައީމެވެ. އެރަސްމިއްޔާތުގައި ރައީސް ޞާލިހް ފުލުހުންގެ ބިލަށް ހުށަހެޅި އިސްލާހް މަޖިލީހުން ފާސްކޮށްދެއްވުމުން އެކަމަށް ޝުކުރު އަދާކުރައްވާ ބިލް ތަސްދީގު ކުރެއްވެވިއެވެ. ދެން އޮތީ ރައީސް ޞާލިހް ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވުމެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅުގައި ވިދާޅުވީ މެއި މަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހްގީގު، ރައީސް ނަޝީދާއި އަދި އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުން ހިތްހަމަޖެހޭ ގޮތައް ކުރިއަށް ނުދާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޮސްޓްރޭލިއާ ފުލުހުންނާއި އެމެރިކާގެ ފުލުހުންގެ އެހީތެރިކަމާއި އަދި ދިވެހި ފުލުހުންގެ ގާބިލްކަމާއިއެކު ތަހްގީގުން ހޯދުނު މައުލޫމާތުތައް ވެސް އެއީ ހަގީގަތް ކަމަށް ގަބޫލު ކުރައްވަން ރައީސް ނަޝީދު ދެކޮޅު ހައްދަވާ ކަމަށެވެ.

އެހެންކަމުން އެމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފުލުހުންގެ އިސް މަގާމުތަކަށް ބަދަލު ގެންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މަގާމުން ވަކިކުރެއްވިކަން އިއުލާން ކުރެއްވެވިއެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އައްޔަން ކުރެއްވި ކަމަށް ވެސް ރައީސް އިއުލާން ކުރެއްވިއެވެ. ރައީސް ވިދާޅުވީ ވައްޑެ އަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގުގައި ދެން އެންމެ އިސްކޮށް ހަރަކާތްތެރިވާނެ އޮފިސަރު ކަމަށެވެ. އޭނާ އަށް އެހީތެރިވުމަށް އިތުރު އެސިސްޓެންޓް ކޮމިޝަނަރެއް އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެއީ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިހް ދެން ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމަށް ވެސް މަގާމުގެ ޒިންމާ އަދާކުރެވޭ ކަމަށް ގަބޫލު ނުރައްކާ ކަމަށެވެ. އެހެންކަމުން ޝަމީމް މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ނާޒިމް ސައްތާރު އައްޔަން ކުރައްވަން ނިންމެވި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ވެސް މައްސަލައިގެ ތަހްގީގު ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތައް ކުރިއަށް ގެންގޮސް ތަހްގީގު ކޮޅެއްގައި ޖައްސަވައި، މިކަމުގެ އަޑީގައި ތިބި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. ރަސްމިއްޔާތު އެހިސާބުން ނިމުނީއެވެ.

ކުއްލިއަކަށް ބަލާލެވުނީ ކައިރީގައި އޮތް ފޯނަށެވެ. އެއީ ފޯނުން އިވެން ފެށި އެލާމްގެ އަޑަށެވެ. ގަޑިން އަދި މިވީ 0730 އެވެ. މިއޮވެވުނީ ރޭ އޮފީހުން އައިގޮތައް ނިދާފައެވެ. ނިދިން ހޭލެވުނު ނަމަވެސް ފެނުނު އާދަޔާއި ހިލާފު ހުވެފެނުގެ ހަނދާންތަކާއި ދުރަކަށް ނުދެވުނެވެ. ހިތައް އެރިއެވެ. މެއި 6ގެ ހަމަލާ ނަޝީދު ފެކްޝަނުން ބޭނުންވާ ގޮތައް ތަހްގީގު ކުރެވޭނީ ހުވަފެނުގައި ކަންތައް މިނގި ގޮތައް ކަންތައްތައް ހިނގައިގެން ބާވައެވެ. މިސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހުވަފެނަކީ ވެސް ވަރަށް ފާޑެއްގެ އެއްޗެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 94%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: