ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން މައްސަލަ: މުއްސަނދިން މަހުޖަނުންނަށް، ރައްޔިތުން ދަރަނިވެރިންނަށް!

ޕާކް ކުރާނެ ޖާގައެއް ނެތުން: މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަށް ދިމާވެފައި އޮތް މައްސަލަތައް ގުނާނަމަ އެންމެ ކުރިން ތިންވަނަ ހަތަރު ވަނައިގައި ޔަގީނުން ވެސް ވެހިކަލް ޕާކިންގެ މައްސަލަ އޮންނާނެއެވެ. ޕާކް ކުރާނެ ޖާގަ ނެތް މައްސަލަ ހައްލު ކުރަން ހަދާނެ ފަންޑިތައެއް އެނގޭ މޭޔަރެއް، ވަޒީރެއް، ރައީސެއް ނުވަތަ ސިޔާސީ ލީޑަރެއް ވެސް ނެތް ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ދުރުގައި މަންޒަރު ބަލަން އިންނަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނަ މަންޒަރު ތަފާތެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ބަހުސް ފަށާއިރު ފުރަތަމަ ކަމަކަށް ނިންމަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް ބޭނުން ވާނީ ކިހައި ވެހިކަލެއް ތޯއެވެ. މާލޭގެ އާބާދީ އާއި މާލޭގައި ވެހިކަލް ދުއްވާ މީހުންގެ ތަފާސް ހިސާބުތައް އެއްކުރެވި، މާލެ އަށް ބޭނުންވާ ވެހިކަލްގެ އަދަދުތައް ބަލައިގެން މިބަހުސްގައި އިށީންދެގެން ނޫން ގޮތަކަށް މާލެ އަށް ބޭނުންވާ ޕާކިން ޒޯންގެ އަދަދާއި ޕާކިން ޒޯންތަކުގެ ސައިޒު ނުނިންމޭނެކަން ވަރަށް ސާފެވެ.

މާލެ އަށް ބޭނުންވާ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމުގެ ބަހުސް ކޮންމެވެސް ވަރަކަށް ދޭތެރެ ދޭތެރެއިން ހިނގައި ގަނެވެއެވެ. ވަކި އަހަރެއް ކުރީގެ ވެހިކަލްތައް މާލޭގައި ނުދުއްވޭނެ ގަވައިދެއް ދެންމެދެންމެ ނެރެފާނެހެން ހީވާ ފަހަރު ވެސް އާދެއެވެ. މިގަވައިދުގައި މާލެއަށް އެތެރެކުރެވޭނެ ވެހިކަލްގެ އަދަދު ހިމަނަފާނެހެން ވެސް ހީވެއެވެ. ނަމަވެސް ދެން ފެންނަނީ ދާދިއަވަހަށް ގެޒެޓް ކޮށްފާނެހެން ހީވާ ގަވައިދުގެ އެއްވެސް ހިލަމެއް ނުވެ ގަވައިދު ގެއްލިގެންދާ މަންޒަރެވެ. ދުރުގައި ހުންނަ އާއްމު ރައްޔިތު މީހާއަށް މައްސަލައިގެ އަސްލެއް ނޭނގެއެވެ.

އަސްލު މައްސަލައަކީ ވެހިކަލް ވިއްކާ ފަރާތްތަކުގެ ނުފޫޒާއި ބާރު ސަރުކާރުގެ ސިޔާސަތުތަކަށް މާބޮޑަށް ފޯރާފައި އޮތުމެވެ. މާލެ އިން ސައިކަލެއް އިންސްޓޯލްމެންޓަށް ނަގާ މީހަކު ސައިކަލެއް ފުރަތަމަ ނަގަން އެއް ރުފިޔާ ހޭދަކޮށްގެން ވެސް އެކަން ކުރެވިދާނެއެވެ. ނުވަތަ މަހު މުސާރަ ބޭންކް އެކައުންޓަށް ޖަމާވާ މީހަކަށް އެއްވެސް ފައިސާއެއް ނުދައްކާ ވެސް ސައިކަލެއް އިންސްޓޯލްމެންޓަށް ނެގިދާނެއެވެ.

މާލޭގައި ސައިކަލް ވިއްކާ ބައެއް ކުންފުނިތަކުން މަހެއްގެ މައްޗަށް ހައެއްކަ ކޮންޓޭނާގެ ސައިކަލް ރާއްޖެ އެތެރެކުރާކަމަށް ވެއެވެ. އެއިން ކޮންމެ ސައިކަލެއް ވިއްކަނީ ލިބޭ އަގަށްވުރެ ދެގުނައަށްވުރެ ބޮޑު ފައިދާއެއް ލާފައެވެ. އާއްމުކޮށް ދިވެހިން މިދުއްވާ ސައިކަލެއް މިހާރު އިންސްޓޯލްމަންޓަށް ނަގައިގެން ފައިސާ ދައްކާ ނިމޭއިރު -/90000 ވަރަކަށް ރުފިޔާ އަރައެވެ. ނަމަވެސް އެސައިކަލަކީ ރާއްޖެ އިން ބޭރުން -/30000 ވަރަކަށް ހާހަށް ލިބޭ ސައިކަލެކެވެ.

އިންސްޓޯލްމަންޓަށް ސައިކަލް ވިއްކާ ވިޔަފާރިވެރިޔާ އަށް ލިބޭ ހުރިހާ ފައިސާއެއް އޭނާ ހޭދަކުރަނީ ދުނިޔެ ބަލާލަން ދަތުރު ކުރާކަށް ނޫނެވެ. އޭނާ އަށް ލިބޭ އާމްދަނީން ކޮންމެވެސް މިންވަރެއް ސިޔާސީ ޕާޓީތަކަށް، ސިޔާސީ ލީޑަރުންނަށް، މިނިސްޓަރުންނަށް ނުވަތަ ސިޔާސަތު ކަނޑައަޅާ ލެވަލްގައި ތިބި ސިޔާސީ މީހުންނަށް ހޭދަކުރެއެވެ. ބޭނުމަކީ އޭނާގެ ވިޔަފާރިއަށް ކުޑަވެސް އުނިކަމެއް އަތުވެދާނެ ސިޔާސަތުތެއް ތަންފީޒު ވިޔަ ނުދިނުމެވެ. އެންމެ ކުޑަމިނުން އޭނާ އަށް ހުރަހެއް އެޅިދާނެ ގަވައިދެއް ވެސް ހެދިޔަ ނުދިނުމެވެ.

ވިޔަފާރިވެރިން މަތީ ލެވަލްގައި ތިބޭ ފަރާތްތަކަށް “ކުދިކުދި އެތިއެތިކޮޅު” ދިއްކޮށްލާތީ އެމީހުންނާއި ހަމައަށް ސިޔާސަތަށް ނުރަނގަޅު ބަދަލެއް އައުމުގެ ބިރެއް ނެތެވެ. ޓެކްސްއަށް ވެސް ހެދެން އޮތިއްޔާ އޮތް މަކަރެއް ހަދައިގެން އަގުހެޔޮކޮށް ސައިކަލްތައް އެތެރެކޮށް ވިއްކަމުން އެދަނީ ބޭނުން ގޮތަކަށެވެ.

ސައިކަލް ވިއްކާ މުއްސަނދިން އިތުރަށް މުއްސަނދި ވަމުންދާއިރު ނިކަމެތި ރައްޔިތު މީހާ ޖެހެނީ ޕާކް ކުރާނެ ޖާގައެއް ނެތިގެން ޒޯނުން ބޭރުގައި ޕާކް ކޮށްފައި ކޮންމެވެސް ހޮސްޕިޓަލަކަށް، ބޭސްފިހާރައަކަށް ނުވަތަ ކޮންމެވެސް ޒަރޫރީ ބޭނުމެއްގައި އަވަހަށް ނިންމަން ޖެހޭ ކަމެއް ނިންމުމަށް ތަނަކަށް ވަދެލާށެވެ. ދެތިން މިނެޓް ކޮށްފައި ނިކުންނައިރު ސައިކަލް އޮންނާނީ ފުލުހުންގެ ޓޯޔާޑްގައެވެ. ނުވަތަ ސައިކަލް މަޑި މަތީގައި އޮންނާނީ ސްޓިކާއެއް ތަތްކޮށްފައެވެ. އެޖޫރިމަނާ އަކީ ނިކަމެތި ރައްޔިތު މީހާގެ ބޮޑު ބޮލުގެ ރިހުމަކަށް ވީނަމަވެސް އެއީ ސައިކަލް ވިއްކާ މަހުޖަނާއި، މައްސަލައިގެ ސިޔާސަތު ކަނޑައަޅަން އިންނަ މިނިސްޓަރުގެ ކަހާ ކަންފަތް ހިރުވާލަން ޖެހޭ ވަރުގެ ކަމަކަށް ވެސް ނުވެއެވެ.

މިހާރު އަނެއްކާވެސް މިއޮތީ ޕާކިންގެ މައްސަލައިގެ ބަހުސް ފަށާފައެވެ. މިހާރު ވެހިކަލް ޓޯކުރުމާއި، ސްޓިކާ ޖެހުމަށް ވުރެ ވެސް އަދަބު އެބަ ބޮޑުވެއެވެ. އެއީ ލައިސަންސް ބާތިލް ވުމެވެ. އެއްވެސް މީހަކީ އަމިއްލައަށް ޖޫރިމަނާ ވެގެން ދައުލަތައް ފައިސާތަކެއް ދޭން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންކަމުން ޕާކިން ޒޯނެއް އޮތްނަމަ އެޒޯނުން ބޭރުގައި ސައިކަލް ޕާކް ކޮށްފައި ތަނަކަށް ވަންނާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ޒޯނުން ބޭރުގައި ޕާކް ކުރަން ޖެހޭ އަސްލު ސަބަބަކީ ޕާކް ކުރާނެ ޖާގަ ނެތުމެވެ.

ޕާކް ކުރާނެ މާގިނަ ޖާގަތަކެއް ހަދާނެ ބިމެއް މާލޭގައި ނެތެވެ. ޕާކިން މައްސަލައަށް ހޯދެން އޮތް ހައްލަކީ މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމެވެ. މުއްސަނދިން އިތުރަށް މުއްސަނދިވެ، ރައްޔިތުން ދަރަނިވެރިވުމުން ސަލާމަތް ކުރެވެން އޮތީ މާލޭގެ ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ނިންމުންތަކެއް ނިންމައިގެންނެވެ.

އަހަރަކު ދެތިން ސަތޭކަ ސައިކަލް ޕާކް ކުރެވޭނެ ޒޯން ހެދާއިރު އަހަރަކު މާލެ އަށް އަށެއްކަ ހާސް ސައިކަލް އިތުރުވަމުން އަންނަނަމަ މިމައްސަލައަށް ހައްލެއް ހޯދަން މިހާރު ބޭނުން ކުރާ ފޯމިއުލާ ބަދަލު ކުރަން ޖެހޭކަން ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރަން އެބަޖެހެއެވެ. ވިޔަފާރިވެރިންގެ ގޮނޑިކޮއްކޮއަކަށް ސަރުކާރު ވާކަށް ނުޖެހެއެވެ. ސަރުކާރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދޭށެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: