ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރިކަމަންޑޭޝަންތައް ތަންފީޒު ކުރުމާއި ގުޅޭގޮތުން ރައީސްގެ މަޝްވަރާ ބައްދަލުވުމެއް!

ޕާލިމަންޓް އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިޔަށް ގެންދިޔަ ޕާލިމަންޓް އިންކުއަރީގެ ރިކަމަންޑޭޝަންތައް ތަންފީޒު ކުރުމާއި ގުޅޭގޮތުން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އާއި އެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގެ ތެރޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތަކައި، ތްރެޓް ލެވެލްއާއި އެއްވަރަށް ސެކިއުރިޓީ ހިފެހެއްޓުން އަދި އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ގަވައިދުން ތަމްރީނުތައް ފޯރުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ދިރިއުޅުއްވާ ގޭގެ ސަރަހައްދުގައި ހަތިޔާރާއި އެކު ފޯރި މެރުން ހިމަނާފައި ވެއެވެ.

މި ރިޕޯޓު މިހާރު މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާއިރު، އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތައް ވީކަން ވަނީ ހާމަވެފަ އެވެ. އެހެންވެ ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ހިމަނާފައި ވެއެވެ.

ޕާލިމަންޓް އިންކުއަރީގެ ރިކަމަންޑޭޝަންތައް ނުވަތަ ލަފާތަކަށް އަމަލު ކުރުމާއި މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަނުކުރަނީސް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އެމްޑީޕީގެ އިސް ބޭފުޅުން ބޭނުމެއް ނުވެ އެވެ. އެކަމާއި ގުޅޭގޮތުން ކަންބޮޑުވުންތަކެއް ޕާޓީގެ އިސް ލީޑަރުން ހިއްސާކުރުމުން ރައީސް ނަޝީދު ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމުގައި، އެކަމުގެ އަޕްޑޭޓެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނޫސްވެރިން އެދިފައި ވެއެވެ. އަދި އެ ރިޕޯޓުގައި ވާކަންކަން ތަންފީޒު ކުރުމާއި ގުޅޭގޮތުން، އެމަނިކުފާނު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފަ އެވެ.

ބައްދަލުވުމުގެ މައުލޫމާތު ހިއްސާކޮށް، ރައީސް އޮފީހުން ބުނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކަމެންޑޭޝަންތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ފާހަގަކުރައްވާފައި ވާ ކަމަށެވެ.

މި ރިކަމަންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއްގެ ގޮތުގައި ރައީސް އޮފީހުން ބުންޏެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ދެން ހިއްސާއެއް ނުކުރެ އެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލަކީ ގައުމީ ސަލާމަތާއި ގުޅޭ އެންމެ މުހިއްމު ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރާ ކައުންސިލެވެ. ކައުންސިލްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު، އެސިސްޓަންޓް ކޮމިޝަނާރ އޮފް އޮފް ޕޮލިސް މުހައްމަދު ރިޔާޒް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ސިފައިންނާއި ފުލުހުންގެ އިސް ވެރިން ހިމެނެ އެވެ.

މަޖިލީހުގެ ހުށަހެޅުންތައް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރިޔަށް ގެންގޮސްފައި މިވަނީ 241 ކޮމިޓީގެ ލަފާތައް ތަންފީޒު ކުރަމުންދާ މިންވަރު ބަލަމުންދާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ބުނެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: