ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޚިޔާލު: އެމްޑީޕީ އަކީ ނަޝީދުގެ މުދާގަނޑެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ އެތައް ބައެއްގެ ބުރަ މަސައްކަތެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެންނަން 1990 ގެ އަހަރުތަކުން ފެށިގެން ގިނަ ބަޔަކު އެތައް ގުރުބާނީއެއް ވެގެން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އެމްޑީޕީ އުފެދުމެވެ. ރާއްޖޭގައި އޮތް ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރަޓިކް ހަމަތަކަށް ފެތޭ ގާނޫނު އަސާސީއެއްގެ ހިޔާވަހިކަން ދިވެހިންނަށް ލިބުނުއިރު ކަށަވަރުކޮށްދިން އެއްކަމަކީ އުމުރު ދުވަހަކު އެއްވެސް މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމެވެ. ރައްޔިތުން ނޫނެކޭ ބުނުމުން ސިޔާސީ ލީޑަރުން ވެސް ޖެހޭނީ ފަހަތަށް ޖެހިވަޑައިގަންނަވާށެވެ. ދުނިޔެ ގަބޫލުކުރާ ހަމައަކީ ވެސް އެއީއެވެ.
އެމްޑީޕީ މިއަދު އުމުރުން 15 އަހަރު ފުރި “ފުރާވަރު އުމުރު” ފަހަނައަޅައި ދާއިރު، އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ވަރަށް ފަހްރުވެރިކަމާއިއެކު ބުނާ އެއްވާހަކައެއް އޮވެއެވެ. އެއީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ އަކީ އެމްޑީޕީ އެވެ. ޑިމޮކްރަސީގެ ހަމަތަކާއި، މިންތަކާއި، އިންތަކަށް އެމްޑީޕީއަށްވުރެ ވަކިން ފަރިތަ އެހެން ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ބުނަނީ ވަރަށް ފަހުރުވެރިކަމާއިއެކުއެވެ. ނަމަވެސް ހަގީގަތަކީ އެއީ ހެއްޔެވެ؟

އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ އެމްޑީޕީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެއްނަމަ، އެމްޑީޕީގެ އެންމެ އިސް ފަރާތަކީ އޭނާއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށް ބުނުމުން ތަފާތު އެކި ފޯރަމްތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ނުރުހުން ފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ފާޑުކިޔަމުން އެބަގެންދެއެވެ.

2008 ވަނަ އަހަރު ރައްޔިތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ ނަޝީދަށް ދިވެހިރާއްޖޭގެ ވެރިކަން ދިނީ ވަރަށް ބޮޑު އިތުބާރެއް ކޮށްފައެވެ. އަނިޔާވެރި 30 އަހަރަށް އިންސާފު ހޯދައި ދިނުމާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ފަދަ ކިތައްމެ ކަމަކަށް ރައްޔިތުން އުއްމީދު ކުރިއެވެ. ނަމަވެސް ވީކަމެއް ވެގެން ނަޝީދުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް 30 އަހަރުގެ އަނިޔާވެރިކަމުން އެތައް ރައްޔިތުންގެ ހިތުގައި ރޯވެފައި ހުރި ފާރުގަނޑުތަކަށް ތަސައްލީއެއް ގެނެސް ނުދެވުނެވެ. ކޮރަޕްޝަނާއި ފަސާދަ އޮތީ އިތުރު ހަރުފަތަކަށް މައްޗަށް ޖެހިލާފައެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އާއި ތަކެތީގެ އަގު ބޮޑުވުމާއި މަސްތުވާތަކެތީގެ މައްސަލަ ފަދަ އެތައް މައްސަލައަކަށް ހޯދައި ދެވުނު އެއްވެސް ހައްލެއް ނެތެވެ.

އެއްވެސް ބޮޑު ކާމިޔާބެއް ނުހޯދުނު ނަޝީދުގެ ތިން އަހަރުގެ ވެރިކަން ނިމުމާއިއެކު އެއީ ބަޣާވާތެއްކަން ނަޝީދު އިއުލާން ކުރިއެވެ. އެހައި ހިސާބުން އެމްޑީޕީގެ މެންބަރުން ނަޝީދުގެ ވާހަކަ ގަބޫލުކޮށް ދެއަހަރު ދުވަސް ވަންދެން މަގުމަތީގައި ތިބެގެން އަނެއްކާވެސް ނަޝީދު ރިޔާސީ އިންތިޚާބަށް ނެރުނެވެ. ފާއިތުވެގެން ދިޔަ ދެއަހަރު ވެސް އެމްޑީޕީން ނަޝީދަށް މުހާތަބު ކުރީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައެވެ. ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ފާޅުކޮށް ފެންނަން އޮތްއިރު އަދި ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އެކަން ބަލައި ގެންފައި އޮތްއިރުވެސް ނަޝީދަކީ އެމްޑީޕީގެ “އެންމެ އިސް ލީޑަރު” ކަމަށް މުހާތަބު ކުރުން އެއީ ފަހުރެއް ކަމަށް އެމްޑީޕީގެ މެންބަރުން ދެކުނެވެ.
2013 ވަނަ އަހަރު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބެވެ. 2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިޚާބަށް އެމްޑީޕީން ނިކުތީ ވެސް ނަޝީދުގެ ލީޑާޝިޕްގެ ދަށުންނެވެ. ނަމަވެސް އެއިންތިޚާބުން ވެސް އެމްޑީޕީ ބަލިވެ އެކަމުގެ ހިތްދަތިކަން ފަސް އަހަރު ދުވަހު އުފުލަން ޖެހުނެވެ.

ނަޝީދުގެ ލީޑާޝިޕްގައި 2008 ވަނަ އަހަރަށް ފަހު އެމްޑީޕީއަށް އިންތިޚާބެއް ކާމިޔާބު ނުކުރެވި ދުވަސްތައް ވޭތުވަމުން ދިޔަ ނަމަވެސް އެހިތްދަތިކަމުން އެމްޑީޕީއަށް އަރައި ގަނެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އެމަނިކުފާނަށް ބައިއަތު ހިފި ސިޔާސީ ލީޑަރުންގެ މަސައްކަތުންނެވެ. އެމްޑީޕީއަށް 2018 ވަނަ އަހަރު ވެރިކަން ހޯދައި ދިނުމަށް ނަޝީދު ކުރި މަސައްކަތަކީ ރައީސް ޞާލިހާއި އެހެން ސިޔާސީ ލީޑަރުން ކުރި މަސައްކަތާއި ބަލާއިރު ބައިކުޅަބައެއްގެ ބައިކުޅަބައި ވެސް ނުވާވަރުގެ ކުޑަކުޑަ މަސައްކަތެކެވެ.
ނަޝީދު ރާއްޖޭގައި ވެސް ނެތީސް، ރައީސް ޞާލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއެވެ. އެއާއިއެކު އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމަށް އެމަނިކުފާނު ވަޑައިގެންނެވީއެވެ. އެއީ 2005 ވަނަ އަހަރު އެމްޑީޕީން ފާސްކޮށްފައި އޮތް އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުންނެވެ.

ރައީސް ޞާލިހަށް އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ލިބިވަޑައިގެންނެވީ ތަބަކަކަށް ލާފައި އެމަގާމު އެމްޑީޕީން ދީގެންނެއް ނޫނެވެ.
އެއީ ހަފަރާތުން ބިރުވެރިކަން ވަށާލާފައި އޮއްވާ ކުރި މަސައްކަތުގެ ނަތީޖާއެވެ. މީގެ ތިން އަހަރު ކުރިން ރާއްޖޭގެ މަސްރަހު އޮތްގޮތް މިއަދު ހަނދާނުގައި ނެތް ބޭފުޅުން އެހަނދާންތައް އާކޮށްލާށެވެ. ބުނެލާ ބަހެއްގެ ސަބަބުން، ފާޅުކޮށްލާ ހިޔާލެއްގެ ސަބަބުން މިލިއަން ރުފިޔާގެ ޖޫރިމަނާ އާއި ޖަލު ހުކުމްތައް އަންނަމުން ދިޔައެވެ. ޓެރަރިޒަމްގެ ދައުވާތައް ސިޔާސީ ލީޑަރުންގެ މައްޗަށް އުފުލެމުން ދިޔައީ ދުވަހަކު ވެސް ރާއްޖޭގައި އެފަދަ ކަމެއް ކުރިން ހިނގާފައި އޮތް މިންވަރަށްވުރެ މާގިނައިންނެވެ. ވަކި ސިޔާސީ ޕާޓީއަކަށް ތާއިދު ނުކުރާނަމަ ތިމާ އާއި އަނބިދަރިންގެ ވަޒީފާ ވެސް ދިޔައީ ގެއްލެމުންނެވެ. އެފަދަ ހާލަތެއްގައި ގައުމު އޮއްވާ ވަރަށް މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކު ކުރި ބުރަ މަސައްކަތުން ރާއްޖޭގެ މަސްރަހު ބަދަލުކޮށްލީ ރައީސް ޞާލިހްގެ ލީޑާޝިޕްގައެވެ. އެއީ ފެންނަން އޮތް ހަގީގަތެވެ. އެމަސައްކަތުގައި އަމަލީ ގޮތުން ނަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ ބައެއް މެންބަރުންގެ ހަނދާނުގައި އެކަމެއް ނެތެވެ. ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހީވެފައި އޮތީ އެމްޑީޕީ އަކީ ނަޝީދު ކަމަށެވެ. އެމްޑީޕީގެ އިސް ލީޑަރަކީ ވެސް ރައީސަކީ ވެސް، ނައިބު ރައީސަކީ ވެސް، ގައުމީ މަޖިލީހަކީ ވެސް ނަޝީދު ކަމަށެވެ. ނަޝީދު ހިތްޕުޅާ ނުވާގޮތަށް ހިޔާލެއް ފާޅުކުރުން އެއީ އެމްޑީޕީން އެމީހަކު ބޭރުކޮށް ގަން ހިންގަން ޖެހޭ ކަމެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް އެއީ އެމްޑީޕީ އުފެއްދުމުގެ ފިކުރު އުފަންކުރުވި މީހުން، އަދި ފުރަތަމަ އެމްޑީޕީއަށް ސޮއި ކުރި މީހުން އެމްޑީޕީ އުފެއްދި މަޤުޞަދެއް ނޫނެވެ.
ޑިމޮކްރަސީ އަކީ ނަޝީދު ބޭނުން ގޮތަކަށް މާނަކުރަން އޮތް ރަދީފެއް ނޫނެވެ. ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ފޮތްފޮތުގައި ލިޔެވިފައި އެބައޮތެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައި ވެސް އެހަމަތައް އެއޮތީ ލިޔެފައެވެ. މިއަދު ރައީސް ސޯލިހަށް އިސް ލީޑަރު ކިޔަން ދެކޮޅު ހަދާ ބޭފުޅުން ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހް ކުރުމެވެ. ޓްވީޓް ކޮށްގެން، މަޖިލީހުގެ ޖަލްސާގައި ހަޅޭލަވައިގެން، ވަޓްސްއެޕް ގްރޫޕްގައި މެސެޖް ކޮށްގެން އެކަމެއް ނުހުއްޓުވޭނެއެވެ. ސަބަބަކީ އެމްޑީޕީގެ އަސާސީ ގަވައިދުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ލިޔެފައި އޮތުމެވެ.

ނަޝީދު ފަހަތުގައި ހުންނަވައިގެން އެމްޑީޕީ މެންބަރުންނަށް “ހުތް ފިތައިގެން” ރައީސް ސޯލިހާއި ދެކޮޅު ސިޔާސީ ފިކުރު އެމްޑީޕީގެ އެތެރޭގައި ފަތުރަން މަސައްކަތް ކުރި ނަމަވެސް ނަޝީދުގެ މަގުބޫލުކަން ދުވަހަކަށް ވުރެ ދުވަހަކު ފަނޑުވަމުންދާކަން އެބައެނގެއެވެ. އެހަގީގަތް ބަދަލުކޮށް، އަލުން މެންބަރުންގެ ތާއިދު ހޯދަން ނަޝީދު ކުރައްވަންވީ ކަމަކީ ނަފްރަތު އުފެއްދުމެއް ނޫނެވެ. ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހަގީގަތް ގަބޫލުކޮށް އެމަނިކުފާނުގެ ސިޔާސީ އެޖެންޑާގެ މިސްރާބު ބަދަލު ކުރައްވާށެވެ. ނަޝީދު ގަބޫލު ކުރައްވާ ވަކިވެގަތުމުގެ ވިސްނުމާއި، މޮޑަރޭޓް ދީނީ ސިޔާސަތަކީ ދިވެހިންނަށް ކަމުދާ ކަންކަމެއް ނޫންކަން ގަބޫލު ކުރައްވާށެވެ. ނަފްރަތު އުފައްދައިގެން ލޯތް ނުހޯދޭނެއެވެ. ލޯބި ހޯދޭނީ ލޯބި ދީގެންނެވެ. އެކަން ގަބޫލު ކުރައްވާށެވެ.

ވަރަށް ގަދަ
65%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: