ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯލެވެލްގެ ކެމިސްޓްރީން އޭ ސްޓާރ ހޯދި ރަޔާންއާ ރައީސް ބައްދަލުކުރައްވައި، ހިތްވަރު ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީ ހަދައި އޭ ސްޓާރ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް ޢަބްދުލް ވާޙިދާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިކަމަށްޓަކައި މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަޔާން ރިޔާޒް ޢަބްދުލް ވާޙިދަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީއިން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ރަޔާންގެ މަންމަ، ޢާއިޝަތު ޔުމްނާއަށާއި ބައްޕަ މުޙައްމަދު ރިޔާޒަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ކެމިސްޓްރީއާ މެދު ރަޔާން ޝައުޤުވެރިވިގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯއާއި، ބޮޑުވެގެން އަދާކުރަންބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރެއްވުމުން ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށްކަމުގައި އޭނާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ ޢާލާތްތައް ބޭނުންވާކަށްވެސް ވިދާޅުވިއެވެ.

ރަޔާންގެ ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެމް އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ. ރަޔާންގެ މަންމަ ޢާއިޝަތު ޔުމްނާ ވިދާޅުވިގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓައެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލް އަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ޙާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސަރޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެންކަމުގައި ރަޔާންގެ މަންމަ ޔުމްނާ ވަނީ ވިދާޅުވެފައެވެ.

ރަޔާންގެ ބައްޕަ މުޙައްމަދު ރިޔާޒް ދެއްކެވި ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާ ރަޔާންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި މި ބައްދަލުކުރެއްވުމުގެ ސަބަބުން އިތުރަށް ހިތްވަރު އާވެގެންދިޔަކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްވެރިންނާއި، ހުރަވީ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުއްﷲ ރަޝީދު މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 79%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: