ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލްގެ ފާޑުކިއުން ޖޭއެސްސީއަށް: ހިސާން އެންޑް ކޯއަށް ޝަރުއީ ނިޒާމު ޕްރައިވަޓައިޒް ވެއްޖެ!

ސުޕްރީމް ކޯޓުގެ މައްސަލައިގައި ތަދައްހުލުވެފައިވާ ޕާޓީތަކުގެ ފަރާތުން ވަކާލާތު ކުރި ޓީމް އަދި ޕީޕީއެމް ޖަލްސާގައި ޑރ. ޖަމީލް
ޝެއާރކޮށްލާ ކަހަލަދޯ؟

“އައްޑަނަ” ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމާއި ގުޅޭގޮތުން “ސަންގު” އިން އަމާޒު ކުރި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ދެއްކެވި ވާހަކައަށް ފާޑުވިދާޅުވި އެވެ.

ސިޔާސީ ބައެއްގެ ނުފޫޒުތަކެއް ވަންނަގޮތަށް އެކުލެވިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކޮށް އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. ސަރުކާރުގެ ވައުދުތަކުގައި ހިމެނި، ވެރިކަމަށް ތިން އަހަރުވާން ގާތްވީއިރު ވެސް އެފަދަ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރަނގަޅު އަދި މުހިންމު އިސްލާހުތަކާއި އެކު އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް (ޓޮމް) މަޖިލީހަށް ބިލެއް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރު އެ އިސްލާހު ބޭރުކޮށްލީ އެވެ.

އެ މަސައްކަތް އޮތް ހިސާބާއި ގުޅޭ ގޮތުން މަބްރޫކް ވިދާޅުވީ އެ މަސައްކަތް ފެށޭނީ ސީދާ ކޮން ތާރީހެއްގައި ދަންނަވަން ދަތި ކަމަށެވެ. މަސައްކަތް ވަރަށް ބޮޑުތަނުން ލަސްވެފައިވާކަން އިއުތިރާފުވެ މަބްރޫކް ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލު ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުން މިކަމުގައި ހުރި ގޮތާއި ގުޅިގެން ޑރ. ޖަމީލް ވަނީ އެމްޑީޕީ ޝަރުއީ ނިޒާމު ހަރުދަނާކޮށް އިސްލާހު ކުރާނެކަމަށް ބުނެ ދެއްކި ވާހަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ސިޔާސީ ނުފޫޒުތަކެއް ވަންނަގޮތަށް އެކުލެވިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަން ކުރާނެކަމަށް ބުނެ ނަމަވެސް އެ ކޮމިޝަން އޮތީ “އެންމެ ލޯ ފާމެއްގެ ތެރޭގައި ތާށިވެފައި” ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ޖޭއެސްސީގައި ހުންނަވާ އިބްރާހިމް ރިފްއަތެވެ. އެއަށް ފަހު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވަ އެވެ. ކޮމިޝަންގައި ހިމެނޭ މި ތިން ބޭފުޅުންނަކީ ވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ބޭފުޅުންނެވެ.

ޑރ. ޖަމީލް ވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމާއި އެކު ވަރަށް ގާތުން މަސައްކަތް ކުރެވި ޕްރޮސެކިއުޓާރ ޖެނެރަލްއަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ޕޮލިސް ބޯޑުގައި ހިމެނޭ ގާނޫނީ ވަކީލު ސަފާ ޝަރީފަކީ ވެސް ގާނޫނީ ވަކީލުންގެ ޓީމުގެ މެމްބަރެއްކަމުން އެކަމަށް ވެސް ޖަމީލް ވާހަކަ ދެއްކެވި އެވެ.

“މިއަދު ދިވެހިރާއްޖޭގެ އެ ބުނާ ކޯޓުތައް ބަލަހައްޓާ ކޮމިޝަން އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި… އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި އޮތީ.. މުޅި ކޮމިޝަން އޮތީ ތާށިވެފައި.. ތާށިވެގެން ދިޔައިމަ ދައުވާއެއް ނޫން ކުރަންވީ… ތާށިވެއްޖެ.. ޖޭއެސްސީގެ އޭޖީ، އެ ލޯ ފާމް.. ހިސާން އެ ލޯފާމް.. ދައުވާ ކުރާ މީހާ، މި ޝަމީމް އެ ލޯފާމާއި ގާތް ގުޅުމެއް.. ދިވެހިރާއްޖޭގެ ފުލުހުން ބޯޑުގައި އިންނަވާ އަންހެން ބޭކަނބަލެއް (ސަފާ) އެ ލޯ ފާމް”

ޝަމީމް ވިދާޅުވީ ޝަރުއީ ނިޒާމްގެ މިނިވަންކަމުގެ ވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވީ ކޮމިޝަންގެ ރައީސަކަށް ހުންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން އަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ ގަދަ ނިދީގައި ކަމަށެވެ.

“އެމްޑިޕީން މި ފަހަރު ވެރިކަމަށް އައިސް ކުރި އެންމެ މޮޅު ކަމަކީ މުޅި ދިވެހިރާއްޖޭގެ ގާނޫނީ ޝަރުއީ ނިޒާމު ހަމަ ރަނގަޅަށް ޕަރައިވަޓައިޒްކޮށްލުން… ހިސާން އެންޑް ކޯއަށް ޝަރުއީ ނިޒާމު ޕްރައިވަޓައިޒް ވެއްޖެ” ޑރ. ޖަމީލް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޮތް ފުރުސަތު ގެއްލުވާލުމަށް އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކުރިޔަށް އޮތް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާނީ އެމަނިކުފާނުކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. މި މަހުގެ 13 އަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ތާވަލުކޮށްފައިވާކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ އުންމީދަކީ އެ މަރުހަލާގެ ތެރެއިން ޕީޕިއެމްގެ ލީޑަރު މިނިވަންވެ ގައުމަށް ހިދުމަތް ކުރުން ކަމަށެވެ.

އެހެންވެ އޭނާ ވަނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއި އެކު ހުކުމް ކުރެއްވުމަށް ފަނޑިޔާރުންނަށް ބާރު އަޅުއްވާފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންނަކީ އެ ހުކުމުގައި ވާ އެއްޗެއް ވެސް ނޭނގި އެ އިއްވެވި ބޭފުޅުންކަމަށް ޑރ. ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީންގެ މައްސަލައަކީ އުފަންކޮށްގެން އުޅޭ މައްސަލައެއްގެ ގޮތުގައި ސިފަކޮށް ޑރ. ޖަމީލް ވިދާޅުވީ މައްސަލަ ކޯޓަށް ވައްދައި ސަރުކާރަށް ހީވީ މުށި މަސް އައިނެއް އަތުލައިގަނެވުނު ހެން ކަމަށެވެ. އެ ސަބަބާއި ހުރެ ރައީސް ޔާމީނަށް ހުކުމް އިއްވައިފިނަމަ، އާއި ދެކޮޅަށް ހެކި ބަސް ދީފިނަމަ އިނާމުތައް ދޭނެކަމުގެ ވައުދުތައް ވިކަަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: