ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޚިޔާލު: އެމްޑީޕީގެ އިންތިހާބު ލައްގަޅޭ، މައިން މަގަށް ލައްގަޅޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މައިން މަގަށް ލައްގަޅޭ އަކީ ދޫންޏެއްގެ އާދޭހެކެވެ. ކުޑަކުދިންގެ ވާހަކައެއްގައި އަންނަ ގޮތުގައިފިނދަނެއް އަތިރިމަތީގައި އިނދެގެން މިހެން ކިޔުމުގެ ސަބަބުން ފިނދަނަ އިންދިމާއަށް ރަންފޮއްޓެއް ލެއްގިއެވެ. އަތިރިމަތީގައި އިނދެ އެ ދޫނި ކީ ކަމަށް ވަނީ “ރަންފޮއްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅޭ” އެވެ.

މިއީ ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވަމުން އަންނަ ދުވަސްވަރެވެ. އެމްޑީޕީ އޮތީ ދެބައި ވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ. ދެފެކްޝަންގެ ވާދަވެރިކަން އިންތިހާބުން ކިތައްމެ ރަނގަޅަކަށް ވެސް އެބަފެނެއެވެ. ސަރުކާރުގެ ބާރުގަދަ މިނިސްޓަރުންނާއި ބާރުގަދަ މަޖިލިސް މެންބަރުން ކުރިމަތިލައްވާފައިވާ ދާއިރާތަކަށް ރަންފޮއްޓާއި، އެއާޕޯޓާއި، ކެންސަރު ހޮސްޕިޓަލާއި، ބުރިޖާއި، ތާރުމަގުތަކާއި، ފާހާނާ ހޮޅިއާއި، ފެނުގެ ނިޒާމާއި، ވަޒީފާގެ ފުރުސަތުތައް ވެސް އަންނަނީ ލައްވަމުންނެވެ.

މިސާލަކަށް ނަގާނަމަ ރ.އަތޮޅު އަލިފުށީ ދާއިރާ ބައްލަވާށެވެ. ރައީސް ސޯލިހްގެ ފެކްޝަނުން އަލިފުށީ ދާއިރާގެ ރައީސް ކަމަށް ވާދަކުރަނީ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރައީސް ނަޝީދުގެ ފެކްޝަނުން އެދާއިރާގެ ރައީސް ކަމަށް ވާދަކުރަނީ ހަސަން އަހްމަދު (ހަސަންޓޭ) އެވެ. އިންތިހާބު ބިގޭ އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ސަރުކާރުން ކުއްލިގޮތަކަށް އެރަށުގައި ފަށަން ނިންމީ އެއާޕޯޓެކެވެ. ރަށުގެ ބިން ހިއްކާ 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށް، އެންމެ އަގުބޮޑު ޑޮމެސްޓިކް އެއާޕޯޓް ވަރަށް އެކަހެރިކޮށް، އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އޮތް އަލިފުށީގައި އަޅަން ނިންމީ އެރަށުގެ ރައްޔިތުން އެކަމަށް ޑިމާންޑެއް ވެސް ނުކުރަނިކޮށެވެ. އަލިފުށީގައި ބިން ހިއްކައި ރަށުން ގޯތިދީ، ރަށުގައި އެއާޕޯޓެއް އެޅުމަކުން އަދި ނުނިމެއެވެ. އަލިފުށީ ފަޅުތެރޭގައި ރިސޯޓެއް ވެސް ހަދަނީއެވެ. މިހުރިހާ ޕްރޮޖެކްޓަކުން ވެސް ހާސިލް ކުރަން ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ ބިގޭ އަށް ގައުމީ މަޖިލީހުގެ އަލިފުށީ ދާއިރާގެ ރައީސް ކަމެވެ. ހާއްސަކޮށް ހަސަންޓޭ މަގާމުން ކަޓުވާލުމެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ވަނީ ގައުމީ މަޖިލީހުގެ ގަމު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައެވެ. އެދާއިރާއަށް ލިބުނީ ކެންސަރު ހޮސްޕިޓަލެކެވެ. ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް އިންޑިއާގެ ވަފްދެއް ކުއްލިއަކަށް ގަމަށް ގޮސް، ޗާޓްތަކެއް ހުޅުވައިގެން ތިބެ ފޮޓޯ ނަގައިފިއެވެ. ހަގީގަތަކީ ގަމަށް ގޮސްފައި ވަނީ ވެސް ހޮސްޕިޓަލްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބައެއް ނޫނެވެ. އެއީ އިންޑިއާގައި ހޮސްޕިޓަލެއް މެނޭޖް ކުރާ ކުންފުންޏެއްގެ ޓީމެކެވެ. ހޮސްޕިޓަލެއް މެނޭޖް ކުރުމާއި ހަމައަށް ދާނީ އަދި ހޮސްޕިޓަލް އިމާރާތް ކުރެވިގެންނެވެ. ހަގީގަތަކީ ގަމުގެ ކެންސަރު ހޮސްޕިޓަލް އަޅަން އުޅޭކަމުގެ ކޮޅުމަތި މިދުވަސްވަރު ދައްކާލި ސަބަބަކީ ވެސް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ބޯމަތިވެފައި އޮތުމެވެ.

ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ ބޯގަންވިލާގޭ ހުސެއިން އިސްމާއިލެވެ. ފޮނަދުއަށް ލިބުނީ މަގު ހެދުމުގެ ޕްރޮޖެކްޓެކެވެ. މިހާރު ވެސް ގިނަ މަގުތަކުގައި ތާރު އަޅައި ނިމިފައި އޮތް ފޮނަދޫގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ފަށާނެކަން އިއުލާން އެކުރީ މިއިންތިހާބާއި ދިމާކޮށެވެ. ގޯހެއް ނޫންތާއެވެ.

މިބުނެދެވެނީ އަދި އިނގިލިން ގުނާލެވޭވަރުގެ މަދު ކަންތައްތަކެއްގެ ވާހަކައެވެ. ނަމަވެސް މިފަދަ އެތައް ކަމެއް އެތައް ރަށެއްގައި ހިނގަމުން އެބަދެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަކީ ސަރުކާރުގެ ނޭވާ ހޮޅިއަށް އެޅިޔަނުދީ އަމިއްލަ ޕާޓީގެ ތެރެއިން ސަރުކާރަށް އަންނަ ހަމަލާތައް ހުއްޓުވަން މުހިއްމު އިންތިހާބަކަށް ވެދާނެއެވެ. ނަމަވެސް އެއިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއްނެތި، މަޝްރޫއުތައް ބަހައި ކަޑަ ޖަހަން ޖަހޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ސަރުކާރުން ކުރަން ޖެހޭ ވަރަށް މުހިއްމު ކަންކަން އެބަހުއްޓެވެ. ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަނެވޭނެ ދުވަހެއް އަދިވެސް ބުނަން ނޭނގޭ ހާލަތެއްގައި އޮތްއިރު ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއެއް ވާން ޖެހޭނީ ގައުމުގެ އާމްދަނީ އިތުރުވެ، ރައްޔިތުންގެ ބަނޑުފުރާނަ މުއްތި ކުރުމަށް އިތުރު އެހީތެރިކަމެއް ލިބޭނެ މަޝްރޫއުއަކަށެވެ. ނަމަވެސް ފެންނަނީ އެމަންޒަރެއް ނޫނެވެ.
މިހާރު ސަރުކާރުގެ އަމަލުތައް ހުރިގޮތައް ބަލާއިން ދެން ނިކުންނާނެ ނަތީޖާއަކީ ކަންކަން ހުއްޓުމެވެ. ޚިދުމަތްތައް މެދުކެނޑުމެވެ. އިތުބާރު ގެއްލުމެވެ. ރައްޔިތުން މާޔޫސްވުމެވެ. މިކަންކަން އެނގޭ އިރުވެސް އަމަލުތައް މިހުންނަނީ މިގޮތަށެވެ. މިހެން ވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

ސަބަބުތައް ވަރަށް ގިނަ އެވެ.ނަމަވެސް ގިނަ ސަބަބުތައް އުފެދިގެން އައިސްފައިވަނީ އެންމެ ކަމަކުން ކަމަށް ގަބޫލުކުރެވެ އެވެ. އެއީ އެއްވެސް ވަރަކަށް އިންތިޒާރު ކުރުމެއް ނެތި ވަރަށް އަވަހަށް ވަރަށް ގިނަ ކަންކަން ސިޔާސީ މީހުން ބޭނުންވުމެވެ. ކޮން ކަމެއް ހެއްޔެވެ؟

ތިމާގެ ޖާހު އުފުލި މަތިވެރިވުމެވެ. މުއްސަދިވެ މަހުޖަނަކަށްވުމެވެ. ތިމާގެ ބޮޑުކަން ހާމަކޮށް ދެއްކުމެވެ. ހައްގަކަށް ބާތިލަކަށް އީމާންވާންޖެހޭ ކަލެއްގެ މަތިވެރިކަމަށް ބެލުމެއް ނެތި އަތުޖެހުނު ކޮންމެ ގޮތަކުން ތިމާއަށް އެކަނި މޮޅުވާގޮތް ހޯދުމަށް އަވަސްވެގަތުމެވެ.

ގަބޫލުކުރަން މަޖުބޫރު ހިތި ހަގީގަތަކީ މިއަދުވެސް މަގުމަތިން ކުނި ހޮވައިގެން ކައިބޮއެގެން އުޅޭ އެތައް ޒުވާނުންނެއް އެބަތިއްބެވެ. ދުނިޔޭގެ ލަދަށް އެފަދަ ހާލަތަކަށް ވެއްޓި ސަލާންޖަހަން ނުނިކުންނަ އެތައް ބަޔަކު ވެސް ގޭގައި ދުއާ ކޮށްލަކޮށްލާ އެބަތިއްބެވެ. އެހެންކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށްޓަކައި މިހައި ބޮޑެތި މަޝްރޫއުތަކެއް ރަށްރަށުގައި ހިންގަން ޖެހޭ ހެއްޔެވެ؟ ބަޖެޓް ވެސް ކުރެވިފައި ނެތް، ކަންތައްތަކެއްކޮށްގެން އިންތިހާބު ކާމިޔާބު ކުރުން ސަރުކާރަށް “ވޯތު” ހެއްޔެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: