ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަބަކަށްލައި ޖޭޕީ ހަވާލުކުރަން އެދިފައި ނޯންނާނެ: ރިޔާޒް

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ބޭނުންފުޅުވީ ޖުމްހޫރީ ޕާޓީގެ ހިންގުމާއި ހަވާލުވުމަމަށްކަމަށް ބުނެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތައް ރިޔާޒް ދޮގު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރުމަކީ ނާޒިމާއި، ރިޔާޒް ކުރައްވާ ވަރަށް ހަޑިހުތުރު ކަމެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ ވިދާޅުވެފަ އެވެ. ޖޭޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒާއި، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ މިދިޔަ ޖުލައި މަހު އެ ޕާޓީން ވަކިވެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ގާސިމް ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ޕާޓީ އާ ގުޅި މަޖިލީހުގެ މެމްބަރުކަމަށް ހޮވުނީ އޭނާ ކުރި ހަރަދުން ކަމަށެވެ. އެގޮތުން ދެ ބޭފުޅުންނަށް ވެސްޖުމްލަ 10 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެ ބޭފުޅުންގެ ދާއިރާގެ މީހުންނަށް ސިއްހީ އެހީތެރިކަމާއި، ތައުލީމީ ދާއިރާއިން ފުރުސަތުތައް، އަދި އެހެނިހެން ކަންކަމަށް ވެސް އެތައް ޚަރަދެއް ކުރިކަމަށް ގާސިމް ވިދާޅުވިއެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މަގާމަށް “ތަބަކަށްލައި ދޭން” ޕާޓީގެ ލީޑަރުގެ އަރިހު އެދިފައި ނޯންނާނެ ކަމަށެވެ. އަދި ޕާޓީގެ މަސައްކަތްތަކާއި، މަސްއޫލިއްޔަތުތައް ހަވާލު ކުރެވޭނެ މަގެއް ހޯދައިދޭން ވެސް ހުށަހަޅާފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ދެއްކެވި ވާހަކަތަކަށް ސީދާ ރައްދު ދެއްވަން ބޭނުން ނުވާ، ގޮތަކަށް ހުންނަވައި ރިޔާޒް ވިދާޅުވީ ގާސިމަކީ އޭނާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގާސިމް ހައްޔަރުކޮށް، ޖަލު ހުކުމެއް އިއްވި ހިސާބުން ޕާޓީގެ ޒިންމާތަކާއި، ބާރުތައް ލިޔުމުން ހަވާލުކުރެއްވިކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ އޭރު ވެސް އޭނާ ކުރީ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ. އޭގެ ނަތީޖާ ޕާޓީގެ ތާރީހުގައި ފެންނާން ހުންނާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީ ކުރިއަރުވަން ކުރި މަސައްކަތް އެނގޭނެ ބޭފުޅުން ޕާޓީގެ އެތެރޭގައި ތިބޭނެކަމާއި، އޭނާގެ މަސައްކަތުން ޕާޓީއާއި ގުޅުނު އާ މެމްބަރުން ވެސް ތިއްބަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީ ދޫކުރައްވައި ނިކުންނަން ޖެހުނީ ގަބޫލު ކުރާ ހަމަތަކާއި، އަދި ގައުމީ މަސްލަހަތު ހިމާޔަތްކޮށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން ގަބޫލު ކުރެވޭ ހާލުގައިކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ، ދޮޅު އަހަރު ދުވަސް ވަންދެން ޕާޓީގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާ ކަމަށެވެ. ޕާޓީގެ އެތެރެ ރަނގަޅަށް ފަންކްޝަން ނުކުރާކަމާއި، ކުރިޔަށް ދަނީ އެންމެ ރަނގަޅަށް ނޫންކަން ވިސްނިވަޑައިގަތީ ކުއްލިއަކަށް ތޯ ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ ހުރިހާކަމެއްގެ ބަހަނާއެއްގެ ގޮތުގައި ކޮވިޑު ނުދެއްކޭނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އެހެން ސިޔާސީ ޕާޓީތައް، މަސައްކަތްތައް ކުރަމުންދިޔައިރު ޖޭޕީ ހުއްޓިފައި އޮންނަން ޖެހޭ ސަބަބެއް ނެތްކަން ރިޠާޒް ފާހަގަ ކުރެއްވި އެވެ.

“ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ އެ މީހުންގެ ވިސްނުމާއި، ރައްޔިތުންގެ ތާއީދު ހޯދައިގެން މަސައްކަތް ކުރަން.. އެހެންވީމާ އަޅުގަނޑަށް، ދޮޅު އަހަރުވަން ދެން ޖުމްހޫރީ ޕާޓީގެ އެތެރޭގެ އެއްވެސް މަސައްކަތެއް ހިންގަމުން ނުދިއުމާއި އަދި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ވެސް އެއްވެސް ބައްދަލުވުމެއް ނުބޭއްވޭ… ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ގާސިމް އިބްރާހިމް” ރިޔާޒް

ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދު ކުރުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަމަށާއި، އެގޮތުގެ މަތީން ސިޔާސީ ޕާޓީއެއް އުފައްދައި އޭގެ ތެރެއިން މަސައްކަތް ކުރަން ނިންމީކަމަށް ރިޔާޒް ވިދާޅުވި އެވެ.

“ދޮޅު އަހަރު ދުވަސްވީ ޖުމްހޫރީ ޕާޓީ އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރާތާ… ބަލިމަޑުކަމުގެ ތެރޭގައި އަޅުގަނޑުމެން މަޖިލީސް ވެސް ބޭއްވި ދެއްތޯ.. ސިޔާސީ ޕާޓީތަކުން ވެސް ބުނަންޖެހޭ ބަސްތައް ބުނި… ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރެވެން ޖެހޭނެ، އަދި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ވެސް ހަރުދަނާ ވާން ޖެހޭ… ޕާޓީތަކުން އިންތިހާބުތަކުން ކާމިޔާބު ނުވީމާ ދެން ކަންތައް ކުރަންޖެހޭނެ ގޮތްތައް ވެސް އޮވޭ… މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކިހިނެއްތޯ ވީ… ޕާޓީއަކަށް، ޕާޓީ ނާކާމިޔާބު ވީމާ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވާން ޖެހޭ.. ރައްޔިތުން ގަބޫލު ކުރާ ގޮތަކަށް ޕާޓީގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ..” ރިޔާޒް

ބޭނުންވަނީ ގައުމަށް އިހުލާސްތެރިކަމާއި އެކު ހިދުމަތް ކުރުންކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ވެސް އެއީ ކަމަށެވެ. އަދި ގައުމީ މަސްލަހަތު އިސްކުރުން ނޫން އިތުރު އެއްވެސް ވިސްނުމެއް އެ ޕާޓީން ނުގެންގުޅޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ކުރި ހިދުމަތާއި އެކު ގައުމަށް އޮންނަކީ ތަފާތު ލޮތްބެއްކަން ފާހަގަކޮށް ރިޔާޒް އިތުރަށް ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއެެރުވޭނެ ހުރިހާ ސިފައެއް އެމްއެންޕީއަށް އެނގޭ ކަމަށެވެ.

ނާޒިމާއި ރިޔާޒާ މެދު ވަރަށް ހިތްހަމަޖެހިވަޑައިނުގެން ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އޭނާއާ މެދު ރަނގަޅަށް ކަންތައް ކޮށް ނުދިން ބަޔަކު އެހެން ބަޔަކަށް އިހުލާސްތެރިވެ، ރަނގަޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ނާޒިމާއި ރިޔާޒް އަކީ އަމިއްލަ އެދުމައިގެން ފޯވެފައިވާ ދެ ބޭފުޅުން ކަމަށެވެ. ޖޭޕީ އޮތީ ދެ އަހަރު ވަންދެން ނިދާފައިކަމަށް ބުނެ ވާހަކަ ދައްކާއިރު މިދިޔަ ދެ އަހަރު ތެރޭގައި ނާޒިމް އާއި ރިޔާޒް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: